މުއިއްޒުގެ ނުފޫޒާ ރިޝްވަތާ ދެކޮޅަށް 12ގޮނޑި ހޯދީ އެމްޑީޕީ ގަދަވީމަ!
89 ދާއިރާއަށް އެމްޑީޕީން ވާދަކޮށް 59 ހާސް ވޯޓު އެމްޑީޕީ ޓިކެޓަށް ލިބުނު
އެމްޑީޕީއަކީ މުއްދަތު ހަމަވެފާވާ ފޯހެއް ކަމަށް ކުރީގެ ރައީސް ޔާމީނު ވިދާޅުވިއެވެ. އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް ނަޝީދު ވެސް އެމްޑީޕީ ރޫޅާލުމުގެ ވާހަކަ ވަރަށް ބާރަށް ދެއްކެވިއެވެ. ސިޔާސީ ބޭބޭފުޅުން އެ ޒާތްޒާތުގެ މޭރުމުން ވާހަކަ ދައްކަވަނީ އެ ބޭފުޅުންނާ ނުލާ ގައުމުގެ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭނެ ކަމަށް ދައްކަވަން ވެގެންނެވެ.
2023 ގެ ރިޔާސީ އިންތިހާބު ގެއްލުމާއި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުމަކީ އެމްޑީޕީ މަރުވުން ކަމަށް ބަޔަކު އެބަ ސިފަކުރެއެވެ. 2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުވާލުމުގެ އިސް ދައުރެއް އަދާކުރީ އެމްޑީޕީގެ ތެރޭގައި އުފެދުނު " ޕަވަރ ހަންގަރ" އެއްގެ ސަބަބުންނެވެ. ވަކިމީހަކު ނޫނީ އެމްޑީޕީން ރާއްޖޭގެ ވެރިކަން ކޮށްގެން ނުވާނެކަމަށް ގަބޫލުކުރި ބަޔަކު މޮޅުތަކެއް ވާނެކަމަށް ޖެހިސަކަރާތުންނެވެ. އެމްޑީޕީގެ ތެރެއިން ބަޔަކު ނިކުމެ އެމްޑީޕީގެ ވެރިކަން ވައްޓާލުމަށް ކުރި މަސައްކަތުންނެވެ. އެމްޑީޕީގެ ނިސްބަތުގައި އެއްޔަކީ ދުވަހަކުވެސް މާފު ކުރެވޭނެ ކަމެއްނޫނެވެ.
އިބޫ ނޫން ގޮތެއް ހޯދަން އެމްޑީޕީ ތެރެއިން ނިކުތް މީހުނަށް އާހިރުގައި ލިބުނީ ކޮޅުކެއްސެވެ. އިބޫ ނޫން ގޮތެއް ހޯދަން އެމްޑީޕީގެ ތެރެއިން ނިކުތް މީހުނަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނީ އެންމެ %7 ވޯޓެވެ. ރިޔާސީ އިންތިހާބުގެ ދެވަނަބުރު ހުވަފެނުންވެސް ނުފެނުނެވެ.
ރާއްޖޭގައި އެމްޑީޕީއަށް ދެކޮޅަށް ވަރުގަދަ ކެންޕޭންތައް ހިންގާ ދެވަނަ ދައުރު އެމްޑީޕީއަށް ނުދޭން ބަދަލުގެ ރޫހު ފެށިފައި އޭރު އޮތީ އަމަށަކު ވަރަކަށް ނޫނެވެ. ދޮގު މައްޗަށް ދޮގުހަދާ ކޯލީޝަން ޕާޓްނަރުންވެސް ދިމާކުރީ އެމްޑީޕީ ވެރިކަން ނިންމުމަށެވެ. ނަތީޖާއެއްގެ ގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާ ދެކޮޅަށް 7 ކެންޑިޑޭޓުން ވާދަކުރިއެވެ. ހަތް ކެންޑިޑޭޓުންނާ ވާދަކޮށް 86161 ވޯޓު ހޯދައިގެން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީ ދިޔައީ އެތައް ބަޔަކު އެމްޑީޕީއަށް ދެވަނަ ދައުރު ނުދޭން ހިފާލާފައި ތިބިއިރު ރާއްޖޭގައި ގަދަކޮށް އެމްޑީޕީ އޮތީމައެވެ. ދެވަނަ ބުރުން އެމްޑީޕީއަށް ވެރިކަން ގެއްލުނު ނަމަވެސް އެމްޑީޕީއަށް 109 ހާސް ވޯޓު ދިވެހި ރައްޔިތުން ދިނެވެ. އެމްޑީޕީ ނޫން ގޮތެއް ހޯދާ އެމްޑީޕީ ރޫޅާލަން ބަޔަކު މަރުކަށި ކެޑުނުއިރުވެސް ވޯޓުލީ އާބާދީގެ %45.96 މީހުން ތިބީ އެމްޑީޕީއާ ރުހިގެންނެވެ.
އެމްޑީޕީއަށް ވެރިކަން ގެއްލުވާލުމަށް ފަހު އައިވެރިކަންވީ ކުރު މުއްދަތެއްގައި އެންމެ ކޮރަޕްޓް އެންމެ ހަމައެއް ލަމައެއްނެތި ނުފޫޒު ފޯރުވާ ވެރިކަމަށެވެ. ދޮގުހެދުމާ އޮޅުވަލުމާ ރިޝްވަތު ދިނުމުގައި ލަދެއް ހަޔާތެއްނެތް ވެރިކަމަކަށެވެ. 20 ވަނަ ރައްޔިތުންގެ މަޖިލިސް ހޯދުމަށްޓަކާ މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި ވަޒީފާ ބެހުމާއި ރިޝްވަތުދިނުމާއި މަކަރާއި ހީލަތުގައި ދެވަނައެއް ނެތެވެ.
މުއިއްޒު ސަރުކާރުގެ ނުފޫޒާއި ރިޝްވަތާ ދެކޮޅަށް އެމްޑީޕީ ނޫން ޕާޓީއަކަށް މަޖިލިސް އިންތިހާބުގައި އެއްކަމެއްވެސް ނުކުރެވުނެވެ. 93 ދާއިރާގެ ތެރެއިން 89 ދާއިރާއަށް އެމްޑީޕީން ވާދަކޮށް 59 ހާސް ވޯޓު އެމްޑީޕީ ޓިކެޓަށް ހޯދުމަކީ އެމްޑީޕީ ދިރި ދެމިއޮތް ކަމުގެ ސާފު ހެއްކެކެވެ. އެމްޑީޕީ ލީޑަރޝިޕް ފޭލިނުވާ ކަމުގެ ދަލީލެކެވެ.
މުޅި ރާއްޖޭން 59 ހާހަށްވުރެ ގިނަ ވޯޓު އެމްޑީޕީއަށް ލިބި މަޖިލީހުގެ 12 ގޮނޑި އެމްޑީޕީން ކަށަވަރު ކުރި ކުރުމަކީ ނާކާމިޔާބެއް ނޫނެވެ. ރިޝްވަތާއި ނުފޫޒުން އެނދުކެނޑިފައިވާ މުއިއްޒު ސަރުކާރާ ދެކޮޅަށް އެމްޑީޕީ ފިޔަވާ އިދިކޮޅު އެހެން އެއްވެސް ޕާޓީއަކަށް އެންމެ ގޮނޑިއެއްވެސް މަޖިލީހުން ނުހޯދުނުކަމީ އެމްޑީޕީ ފެއިލް ނުވާކަމުގެ އަލިގަދަ ދަލީލެކެވެ. ރައީސް ނަޝީދު ވިދާޅުވާހެން އެމްޑީޕީ ރޫޅާނުލެވުނު ކަމުގެ ސާފު މިސާލެކެވެ. އެމްޑީޕީއަކީ ރައީސް ޔާމީނު ވިދާޅުވާ ފަދަ މުއްދަތު ހަމަވެފައިވާ ފޯހެއް ނޫންކަން ކަށަވަރު ވާކަމެކެވެ.