ވަކިމީހެއްގެ ލޭހޮޅިއަށް ނޫނީ ނުވަނތް ބުއްދިވެރި ރޭޒާފުއް!

ވަކިމީހެއްގެ ލޭހޮޅިއަށް ނޫނީ ނުވަނތް ބުއްދިވެރި ރޭޒާފުއް!

ރޭޒާފުށްތަކެއް ބޭނުންކޮށްގެން ފަންނުވެރިކަމެއް ނެތް ބަޔަކު ހަދާ ގޮވާއެއްޗެއް ގޮއްވާލުމުންވެސް ގެއްލުންތަކެއް ވާނެއެވެ. އެފަދަ ގޮވާއެއްޗެއް ގޮއްވާލުމުން އޭގައި ހިމެނޭ ރޭޒާފުއްތައް ވެސް ބުރަބުރައިގެން ދާނެއެވެ. ބުރަ ބުރައިގެންދާ ރޭޒާފުއްތައް މީސްމީހުންގެ ހަށިގަނޑުގެ ތެރެއަށްވެސް ވަންނާނެއެވެ.

އެހެންނަމަވެސް އެތައް ބަޔަކު ތިބިތަނެއްގައި ގޮއްވާލެވޭ އެފަދަ އެއްޗަކުން ބުރައިގެންދާ ރޭޒާފުއްތައް ވަދެގެން ދަނީ ވަކި އެކެއްގެ ހަށިގަނޑުގައި ލޭ ދައުރުކުރާ ހޮޅިތަކަށް ކަމަކަށް ބުއްދި ގަބޫލެއް ނުކުރެއެވެ. އެތަނެއްގައި ތިބި އެެހެން އެއްވެސް މީހެއްގެ ހަށިގަނޑުގެ ތެރެއަށް އެންމެ ރޭޒާ ފުކެއްވެސް ނުވަދެ ވަކިމީހެއްގެ އެކަނި ގަޔަށް ހުރިހާ ރޭޒާފުއް ވަނުމަކީ ސުވާލު އުފެދޭނެ ކަމެކެވެ.

މާލޭ މަޖީދީމަގުން އަތަމާ ޕެލެސް ކުރިމަތީގައި އޮތް ގޯޅި ކަންމަތީގައި ގޮއްވާލި އެއްޗަކުން ބުރައިގެން ދިޔަ ރޭޒާފުއް ތަކެއް ދިވެއްސެއްގެ ހަށިގަޑުގެ ލޭހޮޅިތަކަށް ވަދެ ފުރާނައަށް ނުރައްކާވީ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. ހާދިސާގައި ލިބުނު ގެއްލުމާމެދު ހަމްދަރުދީވެވެއެވެ.

އަޖައިބު ކުރުވަނިވި ކަމަކީ އެތައް ބަޔަކު ކައިރި ކައިރީގައި ތިއްބާ ހުރިހާ ރޭޒާފުކަކަށް ގޮސް ވަންނަން އެނގުނީ ވަކި މީހެއްގެ ލޭހޮޅިއަށް ކަމަށްވުމެވެ. ގޮވާއެތި ތައްޔާރުކުރި ބަޔަކު ހުރިހާ ރޭޒާފުކެއް ވަކިމީހެއްގެ ގަޔަށް ނޫނީ ނުވަންނާނެހެން ތައްޔާރު ކުރާނީ ހާދަ މޮޅެއް ވީމާތާއެވެ. ނޫނީ އެއީ ވަރަށްވެސް ބުއްދިވެރި ރޭޒާފުއް ތަކަކީތާއެވެ. 

އެއްބަހެވެ. ނާރުތަކުގެ އެތެރެއަށް ކިތަންމެ ކުޑަވިޔަސް ރޭޒާފުކެއް ވަނުމަކީ އާދައިއިގެ ކަމެއްނޫނެވެ. އިންސާނެއްގެ ހަށިގަޑުގެ ނާރެއްގެ ތެރޭގައި ލޭކޮޅެއް ގަނޑު ވިޔަސް ވާވަރު ފެނެއެވެ. ވަރަށް ފަހަކާ ޖެހެންދެން ނާރުގައި ގަނޑުވާ ލޭކޮޅުން ގަނޑުފިލުވާ ލުމުގެ ގާބިލުކަންވެސް ރާއްޖެގައިނެތެވެ. އަދިވެސް އިތުބާރު ހުރި ގޮތެއްގައި އެވަރުގެ ކަމެއް ކުރެވެނީ ރާއްޖޭގެ މަދު ހޮސްޕިޓަލެއްގައި މަދު ޑޮކްޓަރަކަށެވެ.

މީހެއްގެ ހަށިގަނޑުގެ ލޭނާރުގެ ތެރެއަށް ރޭޒާފުއް ތަކެއްވަދެ އެސްލޯނު ހޮޅިއެއްގެ ތެރޭގައި ފަސްއޮށް ތަކެއް އުޅޭހެނެއް ނޫޅެވޭނެއެވެ. ގޮވާ ގޮވުމަކުން ވިޔަސް މީހެއްގެ ލޭހޮޅިއަށް އެތައް ރޭޒާފުކެއް އެއްފަހަރާ ވަނުމަކީ ޖާއިޒު ކަމެއް ނޫނެވެ. ލޭ ހޮޅިއަކަށް ފަހަރެއްގައި ރޭޒާފުކެއް ނުވަންނާނެއެކޭވެސް ނޫނެވެ. ވަނަސް އެ ރޭޒާފުށް ނެގުމަށް ނާރުގެ އެވަރުގެ އޮޕަރޭޝަނެއް ކުރުމުގެ ގާބިލުކަމެއް ރާއްޖޭގެ އެއްވެސް ހޮސްޕިޓަލެއްގައި އަދިވެސް ހުރިކަމަކަށް ނުބެލެވެއެވެ. 

ރޭޒާފުއް ތަކެއް ހަށިގަޑުގެ ލޭހޮޅިތަކަށް ވަދެ ފުރާނައަށް ނުރައްކާވީ މީހާ، އޮޓޮޕްސީ ހަދަން ފާޅާލާހެން ބޮލުން ނަގުލަށް ފަޅާލާ، ލޭހޮޅިތަކުން ރޭޒާފުއްތައް ނެރެ، ދެ ދުވަހެއްގެ ތެރޭގައި ހިނގާ ބިގާވެ، ނަރުހުންނާއެކު ފޮޓޯ ނެގޭވަރު ކޮށްލެވޭނީ އެކަންކުރި ހޮސްޕިޓަލް ހާދަ މޮޅެއްވީމައެވެ. އާދައިގެ ސިޒޭރިއަނެއް ހަދާލާ އަންހެނަކަށްވެސް ހިނގާ ބިނގާވެ އުޅެލަން ތިންހަތަރު ދުވަސް ނަގާވިއްޔާއެވެ. 

ކަންކަން ކޮންމެ ހެނެއްވިޔަސް ބުއްދި ގަބޫލު ކުރެވުނަސް ނުކުރެވުނަސް އުފެދޭ ސުވާލު ގިނަޔަސް ހެޔޮތާއެވެ. ކޮންމެ ކަމަކީ ސިޔާސީ ޑްރާމާއަކަށް ނުވާނެތާއެވެ.