ވާދަވެރިޔާގެ އަނބި ވަޒީރު: މަސްލަހަތު ފުށުއަރާ
ރައީސް ދޫކޮށް ޖުމްހޫރީ ވާދަކުރަން ނިކުތުމަކީ ކޯލިޝަން އެއްބަސްވުމާ ހިލާފުވުން
ވެރިކަން ހިންގާ ކޯލީޝަނުގައި ރިޔާސީ ދެ ކެންޑިޑޭޓުން ތިބުމަކީ ކޯލިޝަން އެއްބަސްވުން ނިމުމަކަށް އައުމެވެ. ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ވެރިކަން ހިންގާ ކޯޅިޝަނުގެ ރައީސެވެ. މި ދައުރުގައި ވެރިކަން ހިންގާ ކޯލިޝަނުން ހިންގަނީ އެ ކޯލިޝަންގެ ރައީސްގެ ސިޔާސަތެވެ. ވެރިކަން ހިންގާ ކޯލިޝަނުގެ ރައީސަކީ އިބްރާހީމް މުހައްމަދު ސާލިހެވެ. ރާއްޖޭގެ ސިޓިންގ ޕްރެސިޑެންޓްއަކީ ވެސް ރައީސް ސާލިހެވެ. ސިޓިންގ ޕްރެޒިޑެންޓް ދެވަނަ ދައުރަށް ކުރިމަތިލުމަކީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްގައި ހިމެނޭ ކަމެކެވެ. އެހެން ކަމުން ވެރިކަން ހިންގާ ކޯލިޝަނުން ދެ މީހަކު ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރާނެއެވެ. ވާދަ ކުރާނީ ކޮންމެވެސް އެކެކެވެ.
ކޯލިޝަން އެއްބަސްވުމުގެ މުއްދަތުގައި ކޯލިޝަނުގެ ރައީސާ ވާދަކުރުމަކީ ކޯލިޝަނުގައި ހިމެނޭ ޕާޓްނަރަކަށް ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ކޯލިޝަން މުއްދަތުގައި ސަރުކާރު ހިންގުމުގައި ބައިވެރިވެ ތިބެ ސަރުކާރުގެ އިސްވެރިޔާއާއި ވާދަ ކުރުމަކީ ތިމާ ބައިވެރިވާ ކޯލިޝަން ސަރުކާރުގެ ނާގާބިލުކަމަށް އަމިއްލައަށް އެއްބަސްވާ އެއްބަސްވުމެކެވެ. ސަރުކާރެއް ހިންގުމުގައި ބައިވެރިވެ ތިބެ ސަރުކާރު ނާގާބިލު ވެގެން ސަރުކާރު ހިންގާ އިސްވެރިޔާއާއި ވާދަ ކުރަން ނިކުތުމުން އެ ދައްކާ ދެނީ ތިމާމެންގެ ނާގަބިލުކަމެވެ. ދަހިވެތި ކަމެވެ. ހުރި އަމިއްލަ އެދުމެވެ.
އެއް މެޗެއްގައި ދެ ޓީމަށް ކުޅެން އެކަކުވެސް ދަނޑަށް އަރައެއް ނުހުންނާނެއެވެ. ކުޅޭނީ އެއްޓީމަކަށެވެ. އެކަމަކު އަންނަ ދައުރާ މިދައުރަކާ ކީކީހޭ ބަޔަކު ބުނެފާނެއެވެ. ގާސިމް ވެސް އެބުނަނީ އެހެންނެވެ. ވާދަކުރަނީ އަންނަ ދައުރަށް ކަމަށެވެ. މި ދައުރު ނިމެންދެން ރައީސް ސާލިހާއެކު ތިބޭނެކަމަށެވެ. އެހެން ބުނާއިރު ނޭނޣެ އެއްޗަކީ 2023 ނޮވެންބަރު 11 ގެ ފަހުން އުފެދޭ ސަރުކާރު އުފެއްދުމަށް ވޯޓުލަނީ ހިނގަމުންދާ ސަރުކާރުގެ މުއްދަތުގެ ތެރޭގައިކަމެވެ. ވާދަކޮށް ފާޑުކިޔާ ހަދަނީ ތިމާމެން ބައިވެރިވެގެން އުފައްދާ ހިންގާ ސަރުކާރަށް ކަމެވެ. އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ސަރުކާރު ހިންގުމުގައި ބައިވެރިވެގެން އޮވެ ޖުމްހޫރީ ޕާޓިން ސިޓިންގ ޕްރެސިޑެންޓާ ވާދަކުރަން ނިކުތުމަކީ އެއްބަސްވުމާ ހިލާފް ވުމެވެ. ސަރުކާރު ހިންގާ ކޯލިޝަނުގެ ރައީސާ ވާދަކުރަން ކޯލިޝަންޕާޓްނަރަކު ނިކުންނަށް ޖެހޭނީ ވެރިކަން ހިންގާ ކޯލިޝަނުން ވަކިވެފައެވެ.
ރައީސް ސާލިހުގެ ސްޓޭޓް މިނިސްޓަރަކަށް ހުރި މީހަކު ރައީސް ސޯލިހާ ވާދަވެރި ކެންޑިޑޭޓްގެ ޕާޓީގެ ސްޕޯކްސް ޕަރާސަނަކަށް ހުރެގެން އެހެން ގޮތެއް ޕްރަމޯޓް ކުރަން ހުރުމަކީ މުޑުދާރު ކަމެކެވެ. ހަރާން ކޯރުވުމެވެ. އަނެއް ކޮޅުން ރައީސް ސާލިހުގެ އެއް މިނިސްޓަރަކީ ވާދަވެރިޔާގެ އެޑްވައިޒަރެވެ. އަނެއް މިނިސްޓަރަކީ ވާދަވެރިޔާގެ އަނބި މީހާއެވެ. މަސްލަހަތު ފުށުއަރާނީ މިހާކަށް ވަރަށެވެ. މި ވަރުވީމާ ބޮޑުވަރެވެ. ކުރިއަށް އޮތް ކުރުމުއްދަތުގައި ވެސް ދައުލަތުން މުސާރަނަގައިގެން ސަރުކާރުގައި ނުތިބެ ނުވާހާ ހަސްނެތީތާއެވެ. ރައީސްއަށް ވަފާތެރިވާން ހުވާކޮށްގެން ތިބޭ ވަޒީރުން އެހެން މީހަކު ޕްރަމޯޓްކުރަން އުޅުމަކީ ހުވަޔާ ހިލާފްވުމެވެ. ހިޔާނާތްތެރި ވުމެވެ.
ފުރަތަމަ ބުރުގައި ވަކިން ވާދަކޮށް ދެވަނަ ބުރުގައި ފަހަތައް އެރުމުގެ ހުވަފެން އެއްވެސް ބަޔަކު ދައްކާނެ ކަމެއް ނެތެވެ. އެއްބުރުން ނުނިމި ދެވަނަ ބުރަށް ދިޔަސް ކުރި ހޯދަނީ ކާކުކަމެއް އެގެނީ ކާކަށް ހެއްޔެވެ. ފުރަތަމައިނުން ވެސް އެކުގައި ގުޅިގެން މަސައްކަތް ކުރަންނެތް ބަޔަކު ފަހުން އަންނާނެ ކަމަށް ގަބޫލު ކުރުމަށް ވުރެ މޮޔަ ވިސްނުމެއް ނުއޮންނާނެއެވެ. ދެވަނަ ބުރު އަޔަސް އަންނަނީ ފުރަތަމަ ބުރަށް ފަހުގައެވެ.
ފަހުން ވެދާނެ މޮޅަކަށް ސަރުކާރު ތެރޭގައި ބުރަކި ޖައްސާނެ ބަޔަކު ބައިތިއްބައިގެން ކުރިއަށް ދިޔުމަކީ ވަފާތެރިންގެ ހިތްކަޅުވާ ކަމެކެވެ. ރައީސް ސާލިހު ދޫކޮށް ޖުމްހޫރީ ވާދަކުރަން ނިކުތުމަކީ ކޯލިޝަން އެއްބަސްވުމާ ހިލާފުވުން ކަމުން ސިޔާސީ މަގާމު ތަކުގައި ތިބެ ރައީސް ސާލިހާ ދެކޮޅަށް ވާދަކުރާ ޕާޓީއެއްގެ މެންބަރުންނަށް އޮތްގޮތަކީ ސަރުކާރުގައި ތިބޭނަމަ ޕާޓީ ދޫކޮށްލުމެވެ. ޕާޓީގައި ތިބޭނަމަ ސަރުކާރު ދޫކޮށްލުމެވެ.
ސަރުކާރުގައި ތިބެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް އުޅޭ ފިކުރެއްގެ ދިރުމަށް ވެސް އޮތްގޮތަކީ އެއެވެ. ޕާޓީން ވަކިވެ ރަނގަޅަށް އިދިކޮޅުވުމެވެ. ފަހުން ވެދާނެ މޮޅަކަށް ނޭއްގާނި ބަޔަކު ފަތީލައިގެން ކުރިއަށް ދިޔުމަށްވުރެ އެކުގައި މަސައްކަތް ކުރާންތިބި މީހުން ބަރުވެރިކުރުވައިގެން ހިންގާލިއްޔާ ބޮޑުތަނުން ރަނގަޅުވާނެއެވެ.