ކައުންސިލް އިންތިހާބާއެކު ފެންނަ / ނުފެންނަ ވޯޓެއް ނެނގިގެން ނުވާނެ!

ކައުންސިލް އިންތިހާބާއެކު ފެންނަ / ނުފެންނަ ވޯޓެއް ނެނގިގެން ނުވާނެ!

‏ރައްޔިތުން ބޭނުންނަމަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ ފަހަރުގައި ރަނގަޅުކަމަކަށް ވެދާނެއެވެ. ދެ އިންތިހާބު އެއްކުރުން ނޫން ގޮތެއް އޮތްކަމަށް ދެކިގެން އުޅޭ ބަޔަކަށް ދެ އިންތިހާބު އެއްނުކޮށެއް ލޮލުފިޔަ ނުޖެހިދާނެއެވެ.

ކިތަންމެ ބޭނުންވިޔަސް އެކަހަލަ ކަމެއް ކުރަންވާނީ ރައްޔިތުން އެކަމަށް ބޭނުން ވާނަމައެވެ. ކަމެއްގައި ރައްޔިތުން ދެކޭގޮތް އެނގޭނީ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ.

ފެންނަ / ނުފެންނަ ވޯޓަކީ އާއްމު އިންތިހާބު ކަހަލަ އިންތިހާބެއް ނޫނެވެ. އާއްމު އިންތިހާބަކީ ވާދަވެރި ބައެއްގެ ތެރެއިން ވަކި ބަޔަކު ނުވަތަ މީހަކު ހޮވުމަށް ބާއްވާ އިންތިހާބެކެވެ. ވަކި ވަކި ފަރުދުންގެ ޒާތީ މަސްލަހަތާއި އާއްމު އިންތިހާބާއި ގުޅުން އޮވެއެވެ. ފެންނަ / ނުފެންނަ ވޯޓަކީ ކަމެއްގައި ރައްޔިތުން ދެކޭގޮތް ބެލުމުގެ ވޯޓެކެވެ. ފެންނަ / ނުފެންނަ ވޯޓެއްގައި ވަކިވަކި ފަރުދުންގެ ޒާތީ މަސްލަހަތާ ސީދާ ގުޅުމެއް ނޯވެއެވެ.

އެއްގޮތް ނޫން ދެ ވޯޓެއް އެކީގައި ނެގުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ލޯކަލް ކައުންސިލްގެ އިންތިހާބާއެކު ދެއިންތިހާބު އެއްކޮށްލުމުގެ ފެންނަ / ނުފެންނަ ވޯޓު ނަގަން އުޅުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވަނީ މުޅި ގައުމުގެ އެންމެންގެ މެދުގައި އެއް ބަޔެއްގެ ތެރެއިން ހޮވާ އެއްބައެއް ނޫނެވެ. ސިޓީ ތަކާއި ރަށްރަށުގައި ހޮވަނީ އެތަނަކަށް ހޮވާ ވަކި ބައެކެވެ.

ސަރަހައްދު ތަކަށް ވަކީން ހާއްސަކޮށްގެން ބާއްވާ އިންތިހާބަކާއި މުޅި ގައުމުގައި ނަގާ ފެންނަ / ނުފެންނަ ވޯޓެއް އެއްކޮށްލައިގެން ބޭއްވިގެން ނުވާނެއެވެ. ލޯކަލް ކައުންސިލް އިންތިހާބަކާއި ފެންނަ / ނުފެންނަ ވޯޓެއް އެއްކޮށްލައިފި ނަމަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ ސަރަހައްދެއްގައި މައްސަލައެއް ދިމާވެއްޖެނަމަ އެކަމުގެ އަސަރު ފެންނަ / ނުފެންނަ ވޯޓުގެ ނަތީޖާއަށް ކުރާނެއެވެ.

ފެންނަ / ނުފެންނަ ވޯޓުގެ ސައްހަކަމާއި މިނިވަންކަމާއި އިންސާފުވެރި ކަމާމެދު ޝައްކު އުފެދޭނެއެވެ. ޒާތުގައި އެއްގޮތް ނޫން ދެ ވޯޓެއް އެކުގައި ބޭއްވުމަކީ އަދުލުވެރިކަން ގެއްލޭނެ ކަމެކެވެ.