އޭސީސީއަށް މަޖިލީހުން ފިޔަވަޅު އަޅަންޖެހޭ
ކައުންސިލްތަކުގެ އިތުބާރު ކަނޑުވާލުމަކީ އޭސިސީއަށް އޮތް ހައްގެއްނޫން
ގެދޮރުވެރި ސްކީމުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން 15 ހާހަށް ވުރެ ގިނަ މީހުނަށް ފްލެޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އޮތީ ނިންމަވާފައެވެ. ހަމަ އެހެންމެ ގެދޮރުވެރި ސްކީމްގެ ދަށުން ފުރަތަމަ ދޫކުރަން ހަމަޖެހިފައިވާ 4000 ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ އުސޫލު ކަނޑައަޅާ އޮތީ ނިމިފައެވެ.
ގެދޮރުވެރި ސްކީމުގެ ފްލެޓްތައް ދޫކުރުމުގެ ވިސްނުން މިސަރުކާރުގައި ހުރިނަމަ ބަހަނާ ނުދައްކާ ފްލެޓް ލިބޭނެ ކަމަށް ގެޒެޓްކުރެވިފައިވާ 4ހާސް ފަރާތާއި ފްލެޓް ހަވާލުކުރާނެއެވެ. ނޫންނަމަ ފްލެޓް ދޭނެކަމަށް ކުރީ ސަރުކާރުން ކަނޑައަޅާފައިވާ 15 ހާސް މީހުންގެ މެދުގައި ގުރުއަތު ލައިގެން 4000 ފަރާތް ހޮވާ ފްލެޓް ހަވާލު ކުރާނެއެވެ.
ވަކި ހަތަރުހާސް މީހެއްގެ ވާހަކަ ދައްކަނީ ސިޔާސީ ފިތުނައެއްގެ ގޮތުގައެވެ. ހަގީގަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަންޖެހޭނީ ގެދޮރުވެރި ސްކީމުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހަކު ޝަރުތު ހަމަވާ 15 ހަސް މީހުންގެ ތެރޭގައި ނުހިމެނި ދޫކޮށް ލެވިފައިވޭތޯއެވެ.
އެންޓި ކޮރަޕްޝަނުން ކުރާ ތަހުގީގެއްގައި ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކޮރަޕްޝަނުގެ އަމަލާމެދު ފިޔަވަޅު އަޅަން ޖެހޭގޮތް ގާނޫނު ތަކުގައި އެބަހުއްޓެވެ. ކައުންސިލަކުން ވެސް ސައްހަ ނޫން މައުލޫމާތެއްދީ ކޮރަޕްޝަންގެ އަމަލެއް ހިންގުމަކީ ހިނގާފާނެ ކަމެކެވެ. އެހެނެއް ކަމަކު ހުރިހާ ކައުންސިލުން އަމަލު ކުރަނީ ގޯސްކޮށް ކަމަށް ކަނޑައަޅާ ގޮތް ނިންމުމުގެ ބާރެއް އެންޓިކޮރަޕްޝަން ކަމިޝަނަކަށް ނުއޮންނާނެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނަކީ ހުކުމް ކުރާބައެއް ނޫނެވެ.
ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލް ތަކަކީ އެންޓި ކޮރަޕްޝަން ކަމިޝަން ފަދައިން ގާނޫނު އަސާސީން އުފައްދާފައިވާ މުއައްސަސާ ތަކެކެވެ. ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކުގެ މެންބަރުންނަކީ ރައްޔިތުން އިންތިހާބުކޮށް ގާނޫނީ ހުވައެއް ކޮށްގެން ތިބޭ ބައެކެވެ. އެހެން ކަމުން ކައުންސިލް ތަކުގެ އިތުބާރު ގެއްލޭ ގޮތަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކުޑަވެސް ކަމެއް ކުރެވިގެން ނުވާނެއެވެ.
ކައުންސިލް ތަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމަކީ ގައިރު ގާނޫނީ އެއްޗެއް ކަމަށް ކަނޑައެޅޭނީ ޝަރުއީ ކޯޓަކުންނެވެ. އެހެން ބަޔަކަށް އެބާރު ލިބިގެނެއް ނުވެއެވެ. އަމްދުން ކައުންސިލަކުން ދޫކުރާ ލިޔުމެއް ބަލައިނުގަނެގެން އެއްވެސް ރައްޔިތެއްގެ ހައްގަކަށް އުނިކަމެއް އަންނަ ނަމަ އެކަމެއް ޝަރީއަތުން ނޫނީ ނުނިންމޭނެއެވެ.
ރަށްރަށުގެ ރަޖިސްޓްރީގައި ހިމެނޭ މިހުން ދިރިއުޅޭތަން އެންމެ ރަނގަޅަށް އެގެނީ އެ ސިޓީއެއް ނުވަތަ އެރަށެއްގެ ކައުންސިލަށެވެ. އެމީހުންގެ ހާލަތާއި ދިރިއުޅުމަށް އަންނަ ބަދަލުތައް ހޯދާ ދެނެގަނެވޭނެ އެންމެ ފަސޭހަ ކުރުމަގަކީވެސް ލޯކަލް ކައުންސިލެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން މީހެއްގެ ދިރިއުޅުމުގެ މައުލޫމާތު އެންމެ އިތުބާރާއި ސައްހަކަމާއެކު ހޯދޭނީ އެމީހަކު ނިސްބަތްވާ ސިޓީ ނުވަތަ ރަށު ކައުންސިލަކުންނެވެ.
ކައުންސިލަކުން ދޫކޮށްފައިވާ ލިޔުމެއްގައި އޮތް މައުލޫމަތެއްގެ ސައްހަކަމާ މެދު ސުވާލު އުފެދިއްޖެނަމަ އެ މައްސަލައެއް ވަކިން ތަހުގީގުކޮށް އެކަމާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅެއް އެޅުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ގޯސްކޮށް ކަމެއް ހިނގާފައިވާކަން ސާބިތުވުމުން ރެކަމަންޑޭޝަން ތަކެއް ދީފައި ދޫކޮށްލުމަކުން ވަޖިބު އަދާ ކުރެވުނީ ކަމަކަށް ނުވާނެއެވެ. ވަކި ކައުން ސިލަކުން ކޮސްފައިވަ ވަކި ކަމެއް ނުބުނެ ހުރިހާ ކައުންސިލަކުން ދޫކޮށްފައިވާ ހުރިހާ މައުލޫމާތުގެ ސައްހަ ކަމާމެދު ޝައްކުއުފައްދާ ކައުންސިލްތަކުގެ އިތުބާރު ކަނޑުވާލުމަކީ އެންޓި ކޮރަޕްޝަން ކަމިޝަނަށް އޮތް ހައްގެއް ނޫނެވެ. އެންޓިކޮރަޕްޝަން ކަމިޝަންގެ ގައިރު ޒިންމާދާރު ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލާ ފިޔަވަޅު އަޅަން ޖެހެއެވެ.