އާޒިމެއް ކަމަކު ނުނެއްޓެވޭވަރު ގުއިރޯނެއްގައި މުއިއްޒު ޖައްސާކަށް ނުވާނެ!

އާދަމް އާޒިމެއް ކަމަކު އެވަރުގެ ގުއިރޯނެއްގައި ރައީސް މުއިއްޒު ޖައްސާކަށް ނުވާނެއެވެ. މުއިއްޒު ފަކީރު އެއުޅެނީ އަދި އަދަށްވެސް އެގުއިރޯނުން ނުނެއްޓެވިގެންނެވެ.
މާލެ ސިޓީ މޭޔަރ ހޮވުމަށް އެންމެފަހުން ބޭއްވި ބައި އިލެކްޝަންގައި އާޒިމާއަށް ވޯޓު ހޯއްދަވާ ދެއްވުމަށް ރައީސް މުއިއްޒު ވިއްކެވީ ރަސްމާލެއެވެ. ރަސްމާލެ ހިއްކައިގެން މާލޭގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯއްދަވާނެ ވާހަކައެވެ.
އާދަމް އާޒިމު ދެއްކެވީ ރައީސް ސޯލިހުވެރިކަމުގައި މާލޭގެ ބޯހިޔާވަހިކަން ހައްލުކުރުމަށް ގޯތި ދޭން ކަނޑައެޅުއްވި ހުޅުމާލެއާއި އުތުރުތިލަފަޅާއި ގިރާވަރުފަޅާއި ގުޅިފަޅު ނިންމާ މާލެއާ ގުޅާލުމުގެ ވާހަކައެވެ.
ރަސްމާލެ ހިއްކިޔަސް ގުށިދިއްގަރުފަޅާ މާލެ ގުޅުވާލުމަކީ ވެވޭވަރުގެ ކަމެއް ނޫންކަމުން މާލެއާ ގުޅުވާލެވެން ހުރިތަންތަން ގުޅާލުމަށް އާޒިމު ބާރުއަޅުއްވާ ވާހަކަ ދެއްކެވިއެވެ. ކަނޑުމަގުން ރަސްމާލެއަށް ދަތުރުކުރަން މާލޭ މީހުނަށް ނުޖެއްސުމަށް އާޒިމު ތަކުރާރުކޮށް ގޮވާލެއްވިއެވެ.
އެންމެފަހުން މޭޔަރ ކަމަށް އާދަމް އާޒިމް އިންތިހާބުވެ ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އައު މޭޔަރަށް ގޮންޖެއްސެވީ ކަނޑުއަޑިގައި އަޅާ ބިއްލޫރި ޓަނަލަކުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ މާލެއާ ގުޅާލާނީ ކަނޑުއަޑީގައި އަޅާ ބިއްލޫރި ޓަނަލަކުން ކަމަށެވެ. ޓަނަލުން ދަތުރުކުރާއިރު ދަތުރުވެރިންނަށް ކަނޑުއަޑީގައި މަސްތައް ދުވެ ނަށާ އުޅޭ މަންޒަރު ފެންނާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް އެހެން ވިދާޅުވިއިރު އެކަން ކުރުމާގުޅޭ ކަންކަން ކުރުމަށް ފަންނުވެރި ބަޔަކާ ހަވާލު ކުރައްވާފައި ވާކަމަށްވެސް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވައުދުވެ ވަޑައިގަންނަވަނީ ކުރެވޭވަރުގެ ކަންކަން ކުރެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ. ކޮނޑު ހުޅުން ނެއްޓޭހާ ބާރަށް އެތާ ތިބެ މީހުން އަތްޖެހީ ހޭކަނޑާލާފައެވެ.
ހެޔޮވާނީ ކިހިނެތެ ހެއްޔެވެ. ދުނިޔޭގައި އަދިނުވެސް ނެތް ޓެކްނޮލޮޖީއެއްގެ ވާހަކަ ރައީސް މުއިއްޒަށް ދައްކަވަންޖެހޭ ވަރު އާޒިމެއް ކަމަކު ކުރައްވާކަށް ނުވާނެއެވެ.