އެމްޕީއެލް ކޮމިއުނިޓީ ފަންޑު: ފުރަތަމަ ބުރަށް ބޮޑު ތަރުހީބެއް

އަހަރަކު 10 މަޝްރޫއަށް އެހީ ދޭ ފަންޑެއް

އެމްޕީއެލް ކޮމިއުނިޓީ ފަންޑު: ފުރަތަމަ ބުރަށް ބޮޑު ތަރުހީބެއް

އަހަރަކު ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކޮމިއުނިޓީ ފަންޑުން އެހީތެރިކަން ހޯދުމަށް މިއަހަރުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފުރުސަތު ހުޅުވާލީ  އޭޕްރީލް މަހުއެވެ. ފަންޑުގެ ފުރަތަމަ ބުރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު 31 މެއި 2023 އަށް ހަމަވިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 49 ޕްރޮޕޯސަލެއް ލިބިފައިވެއެވެ. ހުށަހެޅި ޕްރަޕޯސަލްތަކުގެ ތެރެއިން އިވެލުއޭޝަނަށް ޝަރުތު ހަމަވީ 31 އެޕްލިކޭޝަނެކެވެ.

އެމްޕީއެލް ކޮމިއުނިޓީ ފަންޑަށް އެންމެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމާއަތްތަކުންނެވެ. އެއީ 27 ޕްރަޕޯސަލެވެ. ސްކޫލްތަކުން 13 އެޕްލިކޭޝަނެއް ހުށަހަޅާފައިވާއިރު ކައުންސިލްތަކުން 5 އެޕްލިކޭޝަނެއް ހުށަހަޅާފައިވެއެވެ. އަމިއްލަ ފަރާތްތަކުން ހުށަހަޅަފައިވަނީ 4 އެޕްލިކޭޝަނެވެ. އެޕްލިކޭޝަންތައް ރިވިއުކުރުމުގެ މަރުޙަލާގެ މަސައްކަތް މިހާރު ދަނި ކުރިއަށެވެ. ރިވިއުކުރުން ކުރިއަށް ދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.

އެމްޕީއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީދޭ ފަރާތްތައް ކަނޑައެޅުމަށް ހާއްސަ ކޮމިޓީއެއް އެ ކުންފުނިން ކަނޑައަޅާފައި އޮވެއެވެ. ޕޮއިންޓް ދިނުމުގައި އދގެ ލަނޑުދަނޑިތައް ހާސިލްވާ ގޮތަށް ހުށަހަޅާ ޕްރޮޖެކްޓް ތަކަށް 40 އިންސައްތަ ދޭނެއެވެ. އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް ދޭނީ 20 އިންސައްތައެވެ. ޕްރޮޖެކްޓް ޕްލޭނާއި އިމްޕްލިމެންޓް ކުރާ ގޮތަށް 30 އިންސައްތަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލަށް ވެސް 10 އިންސައްތަ ދޭނެއެވެ

ފަންޑުގެ ދަށުން އެހީވުމުގައި އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލް ކުރަން ހުށަހަޅާ މަޝްރޫއުތަކަށް އެހީވުމަށް އިސްކަން ދޭ މި ފަންޑަށް އަހަރަކު 600،000 ރުފިޔާ ކަނޑައަޅާފައިވާއިރު އަހަރަކު 10 މަޝްރޫއަށް އެހީ ދޭން ވަނީ ނިންމާފައެވެ. އެގޮތުން ދެވޭނީ 50،000 ރުފިޔާގެ ކުދި 8 މަޝްރޫއަށާއި 100،000 ރުފިޔާގެ ބޮޑު ދެ މަޝްރޫއަށެވެ. .