ދިވެހި ބަހުގެ ލިޔުންތައް އިތުރު ކުރުމަކީ ކުރަންޖެހޭ ކަމެއް: ރައީސް

ލިޔުންތެރިންގެ ދުވަހު ރައީސްގެ ތަހުނިޔާ ލިޔުންތެރިންނަށް

ދިވެހި ބަހުގެ ލިޔުންތައް އިތުރު ކުރުމަކީ ކުރަންޖެހޭ ކަމެއް: ރައީސް

ދިވެހި ބަހުގެ ލިޔުންތައް އިތުރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެހެން ވިދާޅުވީ ލިޔުންތެރިންގެ ދުވަހުގެ ހެޔޮ އެދުމާ ތަހުނިޔާ ރާއްޖޭގެ ލިޔުންތެރިންނަށް އަރިސް ކުރައްވާ މިއަދު ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ސޯލިހުގެ މެސެޖުގައި ވިދާޅުވެފައި ވަނީ ދިވެހިންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކައި ދިވެހި ބަހުގެ ލިޔުންތައް އިތުރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ހަމައެއާއި އެކު ކުޑަކުދިންނާ ޒުވާނުން ދިވެހި ބަހަށް ޝައުޤުވެރި ކުރުވަންޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ލިޔުންތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ރާއްޖޭގެ ލިޔުންތެރިކަމުގެ ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަ ކުރަނީ ޖުލައި މަހުގެ އަށް ވަނަ ދުވަހު އެވެ. އެދުވަހަކީ ރާއްޖޭގައި ޗާޕުކޮށްގެން އެންމެ ފުރަތަމަ ނެރުނު ނޫސް ނެރުނު ދުވަސް ކަމަށް ބެލެވެއެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ނެރުނު ނޫހަކީ " ސަރުކާރުގެ ޚަބަރު" އެވެ. ސަރުކާރުގެ ހަބަރު ނެރެންފެށީ 1943 ގައި އަމީރު އަމީން ދީދީގެ މުހައްރިރު ކަމުގައެވެ.