ޖޭޕީއަކީ ގައިރު ގާނޫނީ ޖަމާއަތެއް!

ޖޭޕީއަކީ ގައިރު ގާނޫނީ ޖަމާއަތެއް!

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފިކުރެއްގެ ދިރުމުގެ ނަމުގައި ހިންގާ ގައިރު ގާނޫ ހަރަކާތުގައި ޖުމްހޫރީ ޕާޓީން ބައިވެރިވާ ވުމަކީ ގާނޫނީ ކުށެކެވެ. އެމްޑީޕީގެ ނަމުގައި ބަޔަކު ހިންގާ ގައިރު ގާނޫނީ ހަރަކާތަކާއެކު ޖުމްހޫރީން ސިޔާސީ މަޝްވަރާކޮށް ކޯލިޝަން ހަދަން އުޅޭ އުޅުމަކީ އެކަމާއި މެދު ފިޔަވަޅު އަޅަން ޖެހޭ ކަމެކެވެ. އެނގި ތިބެ ގައިރު ގާނޫނީ ޖަމައަތަކާ ބައިވެރިވެ ގައިރު ގާނުނީ އެއްބަސް ވުމެއް ހަދާނީވެސް ގައިރު ގާނޫނީ ޖަމާއަތަކުންނެވެ.

ޖޭޕީއާއި ރައީސް ނަޝީދުގެ މަންދޫބުންގެ ދެމެދުގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު ހެންވޭރު ހުޅަގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް ނޫސްވެރިންނާ ބައްދަލުކޮށް ދެއްކިވާހަކައިން އެ މީހުން ތަމްސީލު ކުރާކަމަށް އެ ބުނަނީ އެމްޑީޕީކަން ސާފެވެ. 

"އަޅުގަނޑުމެން އައިސް މި ތިބީ ޕާޓީގެ ރައީސްގެ ފަރާތްޕުޅުން، އެމްޑީޕީގެ ރައީސްގެ ފަރާތްޕުޅުން،" ކަމަށް ބުނުމުން އެމީހުން ތަމްސީލު ކުރަނީ އެމްޑީޕީކަން ސާފެވެ. އަންނަ ރިޔާސީ އިންތިހަބުގައި އެމްޑީޕީން ޖޭޕީގެ ފަހަތަށް އެރި ފަދަ މޭރުމަކުން ހަސަން ލަތީފް ދެއްކި ވާހަކައިން އެނގުނުކަމަކީ އެމްޑީޕީގެ ރައީސް ގާނޫނާއި ހިލާފް ވެއްޖެކަމެވެ. އެ ހިލާފުވުމުގައި ޖޭބީ ރަނގަޅަށް ބައިވެރިވާކަމެވެ. މިހާރު މަސައްކަތް ކުރެވުމުން ދަނީ ކޯލިޝަންގެ އެގްރީމެންޓެއްގައި ސޮއިކުރުމަށް ކަމަށް ސާފުކޮށް ހަސަން ލަތީފު އެ ވަނީ ބުނެފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ކަނޑައަޅާ ގޮތެއްގެ މަތީން ޕާޓީގެ ފަރާތުން ސަރުކާރާއި ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމުގެ ބާރު އެމްޑީޕީގެ ރައީސަށް އެމްޑީޕީގެ އަސާސީ ގަވައިދު ދެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެއްވެސް ކަމެއްގައި ޕާޓީގެ ފަރާތުން އެއްވެސް ބަޔަކާ މަޝްވަރާ ކުރުމުގެ ބާރެއް ގައުމީ މަޖިލީހުން ޕާޓީގެ ރައީސް ނަޝީދަށް ދީފައެއް ނެތެވެ. 

2023 ގެ ރިޔާސީ އިންތިހާބާ ގުޅޭކަންކަމުގައި އެމްޑީޕީގެ ފަރާތުން އެކި ފަރާތްތަކާ މަޝްވަރާ ކުރުމުގެ ބާރު ގައުމީ މަޖިލީހުން ދީފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހަށެވެ. ރައީސް ނަޝީދަކަށް ޝިފާޒަކަށް އަމްރަކަށް ހަސަން ލަތީފަކަށް ނޫނެވެ. 

އަނެއްކޮޅުން އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން ޕާޓީގެ ޓިކެޓްގައި ރައީސުލްޖުމްހޫރިއްޔާކަން އެ ވަގުތަކު ކުރާ މީހަކީ އެ ވަގުތަކު އެމްޑީޕީގެ އިސްލީޑަރެވެ. މިހެން މިކަން އޮތް އިރު އެމްޑީޕީގެ  ރިޔަސީ ކެންޑިޑެޓެއް ކަނޑައެޅުމަށް ފަހު އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ ރިޔާސީ އިންތިހާބު ނިމެންދެން ރިޔާސީ ކެންޑިޑޭޓްކަމަށް އަސާސީ ގަވައިދު ބުނެއެވެ. އެމްޑީޕީގެ އަސާސީ ގަވައިދު ބުނަނީ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓަށް ވޯޓު ދިނުމާއި ތާއީދު ހޯދަން މަސައްކަތް ކުރަން ކޮންމެ މެންބަރަކަށް ލާޒިމްކަމަށެވެ. 

ކޮންގްރެސް އާއި ގައުމީ މަޖިލީހުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ދީފައިވަ ޕާޓީގެ ރައީސް ޕާޓީން ނުދޭ ބާރެއް ލިބިގަނެގެން އެމްޑީޕީގެ ރައީސް ނަޝީދު ހިންގާ ގައިރު ގާނޫނީ ހަރަކާތުގައި ބައިވެރިވާ މެންބަރުންނާއި ރައީސާމެދު އެމްޑީޕީން ފިޔަވަޅު އަޅަންޖެހެއެވެ. ކޮންގްރެސްއާއި ގައުމީ މަޖިލީހުން އެކަށައަޅާ ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ބޮލުގައި އަޅައިގެން ހުރެ ޕާޓީގެ ސިޔާސަތާ ދެކޮޅަށް ޕާޓީގެ ރައީސް އަމަލު ކުރާ ކުރުން ހުއްޓުވަން ޖެހެއެވެ. އެހެން ޕާޓީއަކަށް ރިޔަސީ އިންތިހާބު ހޯދަދޭން އުޅޭއުޅުން ހުއްޓުވާ އެމްޑީޕީގެ އަސާސީ ގަވައިދުގެ 20 ވަނަމާއްދާގެ ދަށުން ރައީސް ނަޝީދާއި އޭނާގެ ބައިވެރން ޕަޓީން ވަކިކުރަން ޖެހެއެވެ. 

ގައިރު ގާނޫނީ ބަޔަކާއެކު ކޯލިޝަން ހަދައިގެން ޖުމްހޫރީ ޕާޓީން ވެރިކަމަށް އަންނަން އުޅޭއުޅުމަށް އިލެކްޝަން ކަމިޝަނުން ފިޔަވަޅު އަޅަންޖެހެއެވެ. އެމިހަކާ އެމިހަކުވެ ކޮންމެ މީހަކު ހަދާނެ އެއްޗެއް ހަދާ ގާނޫނީ ހުކުމަތުގެ ބާރު ކަނޑުވާލާ ކަނޑުވާލުމަށް ފިޔަވަޅުއަޅާ ގާނޫނުގެ ހުކުމް ނަގަހައްޓަން މުއައްސަސާތަކުން މަސައްކަތްކުރަން ޖެހެއެވެ. ޑިމޮކްރަސީއަކީ ހައްގާ މިނިވަންކަމާ އެއްވަރަށް ވަޖިބާ ޒިންމާވެސް އޮންނަކަމެކެވެ.