އެމްޑީޕީއަށް މުއިއްޒު އަޒުލުކުރެވޭނެ!
2008ގެ ފަހުން އިންތިހާބުކުރި ހުރިހާ ރައީސުން ވެސް އަޒުލުކުރަން އުޅުނު
- އަޒުލު ކުރުމަކީ ވެރިކަން ވައްޓާލުމުގެ ގާނޫނީހަމަ
- ރައީސަށް ރައްޔިތުންގެ މަޖިލީސް އުވައެއް ނުލެވޭނެ
- ރައްޔިތުން ހޮވި ނައިބު ރައީސަކު އަޒުލް ކޮށްފައިވޭ
- ރައްޔިތުންގެ %65 އިން ހޮވި ރައީސަކު އަޒުލްކުރަން އުޅުނު
- އަޒުލު ކުރެވޭތޯ ނޫޅޭ ރައީސަކު 2008ގެ ފަހުން ވެރިކަމެއް ނުކުރޭ
ގާނޫނު އަސާސީ އިސްލާހު ކުރުމާ ގާނޫނު އުވާލުމާއި ގާނޫނަށް އިސްލާހު ގެނައުމަކީ ރައްޔިތުންގެ މަޖިލީހަށް އޮންނަ ބާރެކެވެ. ޒިންމާއެކެވެ. ރައްޔިތުންގެ މަޖިލީހުން ގާނޫނަކަށް ނުވަތަ ގަވާއިދަކަށް އިސްލާހެއް ގެންނަން އުޅުމަކީ ގާނޫނީ ސަރުކާރަށް ލޮޅުންއަރާ ފައިހަރުނުލައިގެން ސަރުކާރު ވެއްޓެން ޖެހޭ ސަބަބެއް ނޫނެވެ.
އެހެނެއް ކަމަކު ރައީސުލްޖުމްހޫރިއްޔާ އަޒުލް ކުރުމުގެ ގާނޫނީ އިޖުރާތަށް އިސްލާހު ތަކެއް ގެނައުމަކީ ސަރުކާރަށް ލޮޅުން އަރާ ކަމަކަށް ވެއްޖެއެވެ. ގާނޫނީ ހަމަތަކުގެ މަތީން ރައީސް އަޒުލް ކުރުމުގެ އިޖުރާތު އިސްލާހު ކުރަން އުޅުމަކީ ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލުން ކަމަށް ރައީސް މުއިއްޒަށް ވެއްޖެއެވެ. އެކަމަކީ ގައުމަށް ޣައްދާރުވުން ކަމަށް ރައީސް މުއިއްޒަށް ވެއްޖެއެވެ.
ގާނޫނީ ހަމަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަޒުލް ކުރުމަކީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ހުއްދަ ހަލާލު ބާރެކެވެ. 5 އަހަރަށް ވެރިކަމަށް ހޮވާފާ ހުންނަ މީހާ ގާނޫނާއި ހިލާފަށް ވެރިކަން ކުރަންޏާ ރީތިކޮށް ވެރިކަމުން ބޭލުމަކީ މަޖިލީހަށް ލާޒިމު ކަމެކެވެ. އެހެނެކޭ ކިޔާފައި ރައްޔިތުންގެ މަޖިލިސް އުވާލުމުގެ ބާރެއް ރައީސަކަށް ވެސް އެނޫން ބަޔަކަށް ވެސް ލިބިގެން ނުވެއެވެ.
2008 ވަނަ އަހަރު އައު ގާނޫނ އަސާސީއަށް ވެރިކަން ހިންގަން ފެށީއްސުރެ އަޒުލު ކުރުމުގެ ވާހަކައަކީ ކޮންމެ ވެރިކަމެއްގައި ވެސް ތިލަވާ ވާހަކަ ތަކެކެވެ. އިދިކޮޅު ވާދަވެރިން ކުރެވޭތޯ އުޅުނު ކަމެކެވެ. ރައީސް ނަޝީދަކީ ވެސް ދިވެހި ރައްޔިތުންގެ ސާފު އަގުލަބިއްޔަތުން 5 އަހަރަށް ރައީސް ކަމަށް ހޮވި މީހެކެވެ. ރައީސް ނަޝީދު އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުވީ މަގުމަތިންނެވެ. މަޖިލީހުގެ ތެރެއިން ގާނޫނީ ހަމަތަކުން އަޒުލު ކުރެވޭނެ ގޮތް ނެތިގެންނެވެ.
ރައީސް ޔާމީނު ވެރިކަމުގައި މަޖިލީހުން ބޭނުން ވުމުން ދެ ނައިބު ރައީސުން އަޒުލު ކުރިއެވެ. ގާނޫނީ ސަރުކާރަށް ލޮޅުމެއް ނާރައެވެ. އެކަމާ އުޅެ ރައްޔިތުން އިންތިހާބުކުރި ނައިބު ރައީސަކު އަޒުލްކޮށް ނިންމާލިއިރު އެމީހުން ޣައްދާރުންނަކަށް ނުވެއެވެ.
ރައީސް ޔާމީނު ވެރިކަމުން އަޒުލު ކުރުމަށް އޭރު އޮތް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރިއެވެ. އެކަމާގުޅިގެން ފާރުމަތީން މެންބަރުންތައް އުކާލާ މަޖިލީހުގައި ތަޅު އެޅުވީއެވެ. 13 މެންބަރެއްގެ ގޮނޑި ގެއްލުވާލާ މަޖިލީހަށް ހާލަތުއްޒަރޫރާ ( ޑޮކްޓަރިން އޮފް ނެސެސިޓީ) އުފަން ކުރުވިއެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީނުގެ ދައުރު ނިމެން ވީއިރުވެސް އަޒުލު ނުކުރެވި ވެރިކަމުގެ ދައުރު ހަމަވީއެވެ.
ރައީސް ސޯލިހުގެ ވެރިކަމުގެ ފަހު އަހަރު ރައިސް ސޯލިހު އަޒުލް ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. އެކަމުގައި އިސްވެހުރީ މިހާރު ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި އޭރުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ. ރައިސް ސޯލިހުގެ އިތުބާރު ނެތްކަމަށް ފާސްކުރުމުގެ މަސައްކަތް ފަށާކަން މަޖިލީހުގެ ފްލޯރގައި އިއުލާނު ކުރީ މިއަހަރު (2023)ގެ ޖުލައިމަހު ނައިފަރު ދައިރާގެ މެންބަރު ޝިޔާމްއެވެ. އެޔާއެކު ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ބޭނުންވާ އަދަދަށް މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ފެށިއެވެ. އުޅެއުޅެ ބައްޔަށް މައްސަލަ ވެއްދުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަނުވެ މައްސަލަ ދިޔައީ ފަނު ފުލުންނެވެ.
ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާ މުއިއްޒު އަޒުލުކުރާ ވާހަކައެއް އަދި ބަޔަކު ނުދައްކައެވެ. ސޮއި ހަމަ ނުވެގެން މައްސަލަ ނުވައްދާ ތިބޭކަށް އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދަކު ނުޖެހޭނެއެވެ. ގާނޫނީ އިމުގެ ތެރެއިން މުއިއްޒު ވެރިކަމުން ބާލަން ޖެހެންޏާ ބޭލޭވަރުގެ ހަކަތަ އެމްޑީޕީގައި އެބައޮތެވެ. ރައްޔިތުންގެ އިތުބާރު މުއިއްޒަށް އޮތްތޯ ނެތްތޯ ބަލައިލަން ފެންނަ ނުފެންނަ ވޯޓަކަށް ދިޔަސް ރައްޔިތުންގެ ބޮޑު މެޖޯރިޓީ މިހާރު މުއިއްޒަށް ބުނާނީ ނޫނެކޭކަން ކަށަވަރެވެ.
ރައީސް ސޯލިހު ވެރިކަމުގައި ނައިފަރު ޝިޔާމްމެނަށް ރައީސުލްޖުމްހޫރިއްޔާ އަޒަލުކުރަން އުޅުމަކީ ޣައްދާރު ވުމަށް ނުވެފައި ރައީސް މުއިއްޒު އަޒުލުކުރުމަކީ ޣައްދާރުވުން ކަމަށް ވާގޮތެއް ނޭގެއެވެ. ރައީސް ސޯލިހު ވެރިކަމަށް ރައްޔިތުން އިންތިހާބުކުރީ ރައްޔިތުންގެ %65 އަށްވުރެ މަތީ އަގުލަބިއްޔަތަކުންނެވެ. ރައީސް މުއިއްޒު އިންތިހާބު ވެފައި ވަނީ %54 ޕަސެންޓުންނެވެ. ރައްޔިތުންގެ މާބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކޮށްފައި ހުރި ރައީސަކު އަޒުލްކުރަން ނައިފަރު ޝިޔާމުމެން އުޅުނު އުޅުން ގައިރު ގާނޫނީ ނުވެފައި އެއަށްވުރެ ދަށް އަގުލަބިއްޔަތަކުން ހޮވިފައި ހުރި ރައީސަކު އަޒުލް ކުރަން އުޅުން ނައިފަރު ޝިޔާމުމެނަށް ގައިރު ގާނޫނީ ވާގޮތެއް ބުނެބަލާށެވެ.