ރާއްޖެއިން ހައްދުފަނައެޅި ޖަމާއަތްތަކަށް ފަންޑުކުރޭ: އިޒުރޭލް
އިޒްރޭލުގެ މީހުން ރާއްޖެއަށް ދަތުރު ނުކުރުމަށް އިޒުރޭލުން އަންގައިފި
އިޒްރޭލުގެ މީހުން ރާއްޖެއަށް ދަތުރު ނުކުރުމަށް އިޒުރޭލުގެ ފޮރިން މިނިސްޓްރީން އަންގައިފިއެވެ. މިގޮތަށް އިޒްރޭލުން އެންގީ ރާއްޖެ އިން ފަލަސްތީނަށް ތާއީދުކޮށް ދިވެހިން ތިބީ އެ ގައުމާ އެކު ކަމަން ހާމަކުރަމުން ދާތީ އިއްޔެއެވެ.
އިޒްރޭލާ ދެކޮޅު ހަރަކާތްތައް ރާއްޖޭގައި ވަރުގަދަވަމުން އަންނަ ކަމަށް އިޒްރޭލުގެ ފޮރިން މިނިސްޓްރީން ނެރުނު އިންޒާރުގެ ބަޔާނުގައި ބުނެފައިވެއެވެ. މި ދުވަސްވަރު އިޒްރޭލުގެ މީހުން ރާއްޖެ އަށް ދަތުރު ނުކުރުމަށް އެ ބަޔާން ބުނެއެވެ.
އިޒްރޭލު މީހުން ރާއްޖެއަށް ދަތުރު ނުކުރުމަށް އިޒްރޭލް ސަރުކާރުން އެދުނު އިރު ދިވެހިން އަންނަނީ ފަލަސްތީނުގެ މީހުންނަށް އެހީވުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. ރާއްޖެ އިން ހޯދާ ފައިސާ ފަލަސްތީނު ރައްޔިތުންނަށް ފޯރުކޮށް ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ކިޔާ ޖަމިއްޔާއަކުންނެވެ. ފަލަސްތީނު ފަންޑަށް ރާއްޖެއިން ވަނީ އެންމެ ފަހުންވެސް 15 މިލިއަން ރުފިޔާގެ އެހީ ދީފައެވެ.
އިންސާނީ އެހީގެ ގޮތުގައި ދިވެހިން ފޯރުކޮށްދޭ އެހީ އިޒްރޭލުން ސިފަކުރަނީ ޓެރެރިޒަމަށް ވާ އެހީގެ ގޮތުގައެވެ. ރާއްޖެއަކީ ހަމާސް ފަދަ ހައްދުފަނަ އަޅާފައިވާ ޖަމާއަތްތަކަށް ފަންޑުކުރާ ތަނެއް ކަމަށް އިޒްރޭލުން ރާއްޖެއައިސް އުޅޭ ފަތުރު ވެރިއަކު ވެސް ވަނީ ބުނެފައެވެ. އޭނާ އެހެން ބުނީ ރާއްޖެ އިން ފަލަސްތީނަށް އެހީތައް ވަމުން ދާތީއާއި ދިވެހިން ފަލަސްތީނާއެކު ތިބި ކަމަށް ވާތީއެވެ. އިޒްރޭލްގެ ޓޫރިސްޓުން އާންމުކޮށް ރާޅާ އެޅުމަށް ރާއްޖެއަށް ޒިޔާރަތް ކުރެއެވެ.
އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބުދަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމުގައި ރާއްޖެ އިން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ބުނެ އަޑު އުފުލާފައެވެ. ދިވެހި ސަރުކާރުން އަބަދުވެސް ފަލަސްތީނުގެ މީހުންގެ ދިފާއުގައި އަޑު އުފުލާ ބައިނަލްއަގްވާމީ މައިދާނުގައި ފަލަސްތީން މީހުންގެ ހައްގުތައް ދިފާއު ކުރެއެވެ.
އަނެއްކޮޅުން ދިވެހިން ތިބީ ފަލަސްތީނުގެ މީހުންނާ އެކު ކަމަށް ހާމަކުރުމަށް އެއްވުންތައް ބާއްވައި ފަލަސްތީނުގެ ދިދަތަކާއި ބެނާތައް ދެމުން ފަދަ ކަންކަން ފުޅާ ދާއިރާއެއްގައި އަންނަނީ ކުރަމުންނެވެ.