އެސްޓީއޯ ބަންކަރިންގ ހިދުމަތަށް
އިހަވަންދިއްޕޮޅުގައި ޕޯޓް ސިޓީގައި ބަންކަރިންގެ ހިދުމަތް ގާއިމުކުރަން ފެށުން
އިހަވަންދިއްޕޮޅުގައި ޕޯޓް ސިޓީ އެއް ތަރައްގީ ކުރުމަކީ ރައީސް ސޯލިހު ވަރަށް ބޯޑު އިސްކަމެއް ދެއްވައިގެން ދުނިޔޭގެ ފެންވަރުގައި ތަރައްގީ ކުރުމަށް ރާވާ ހިންގާ ޕްރޮޖެކްޓެކެވެ. ޕްރޮޖެކްޓްގެ ދަށުން ކުރެވޭ އެންމެ މުހިންމު އެއްކަމަކީ ބަންކަރިން ފެސިލިޓީއެއް ގާއިމް ކުރުމެވެ.
އިހަވަންދިއްޕޮޅުގައި ޕޯޓް ސިޓީގައި ބަންކަރިންގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރަނީ ރާއްޖޭގެ އެންމެ އިތުބާރުހުރި ނަތީޖާ ނެރެދޭ ކާމިޔާބު ކުންފުނި އެސްޓީއޯއިންނެވެ. ބަންކަރިންގ ހިދުމަތް ދިނުމަށްޓަކާ އެސްޓީއޯއިން ވަނީ މެދުއިރުމަތީގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏަކާ އެކު އެއްބަސް ވުމެއްގައި ސޮއި ކޮށްފައެވެ. އެސްޓީއޯއިން ސޮއިކުރީ ގަތަރުގެ އާބަކޮން ޓްރޭޑިންގް އެންޑް ކޮންޓްރެކްޓިންގް އާއި އެކުގައެވެ.
10 އޮގަސްޓް 2023ގައި ސޮއިކުރެވުނު މިއެއްބަސް ވުމުގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރުމަށް ރޭވިފައިވާ ޕޯޓް ސިޓީގެ އެންމެ މުހިއްމު އެއް ބަޔަކީ ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވްެއެއް ހެދުމާއި އިންޓަނޭޝަނަލް ބަންކަރިންގްގެ ހިދުމަތް ފެށުމެވެ. އެސްޓީއޯއާއި އާބަކޮން އެއްބަސްވީ އެއްބަސް ވުމުގެ ދަށުން އެސްޓީއޯ އާއި އާބަކޮން ގުޅިގެން ބަންކަރިންގ އާއި ގައުމީ ތެލުގެ ރިޒާވް ތަރައްގީ ކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓްޑީޒްތައް ހަދައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދާނެއެވެ.
އިހަވަންދިއްޕޮޅަކީ އިންޑިއާ ކަނޑުގައި އާގު ބޯޓު ފަހަރު އިރުމައްޗާއި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގައި އޮންނަ އޮންނަ އަތޮޅެކެވެ. ދުވާލަކު 300 އަށް ވުރެ ގިނަ ބޮޑެތި އާގު ބޯޓު ފަހަރު މިސަރަހައްދުން ހުރަސް ކުރެއެވެ.
ދުނިޔޭގެ ބަންކަރިންގ އިންޑަސްޓްރީއަކީ 150 ބިލިއަން ޑޮލަރުގެ ވިޔަފާރިއެކެވެ. އެހެންކަމުން އިހަވަންދިއްޕޮޅުގައި ޕޯޓް ސިޓީގައި ބަންކަންރިންގެ ހިދުމަތް ފަށައި އޭގެ ނަފާ މުޅި ރާއްޖެއަށް ކުރާނެއެވެ. ހާއްސަކޮށް އެސްޓީއޯއަށް ބޮޑު މަންފާއެއް ލިބޭނެ ޕްރޮޖެކްޓަކަށް ބަންކަރިންގ ގެ ހިދުމަތް ވެގެން ދާނެއެވެ. އަނެއްކޮޅުން މިކަމުގެ ސަބަބުން ރާއްޖޭގެ މެރިޓައިމް ސިނާއަތަށާއި، ގުޅުންހުރި ވިޔަފާރިތަކަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެއެވެ. ޝިޕިންގް އެޖެންސީ ތަކާއި ކްރޫ ޗޭންޖް އާއި ޝިޕް ޗޭންޑްލިންގް އާއި ޝިޕް ރިޕެއަރ ކުރުމުގެ އިތުރަށް ސްޕެއާރ ޕާޓްސް ފޯރުކޮށްދިނުމުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދުނިޔޭގެ ފެންވަރުގައި ބަންކަރިންގ ގެ ތެރެއިން ލިބިގެން ދާނެއެވެ.