ބަންކަރިންގް ރެގިއުލޭޓަރީ ފްރޭމްވޯކް ނިމުމަކަށް
ޑްރާފްޓް ކުރީ ބޭރުގެ ފަންނީ ކޮންސަލްޓަންސީ ހޯދައިގެން
ރާއްޖޭގައި ބަންކަރިންގް ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ ރެގިއުލޭޓަރީ ފްރޭމްވޯކްގެ ޑްރާފްޓް ރެގިއުލޭޝަންސްތައް ތައްޔާރުކޮށް ނިމިއްޖެއެވެ. ރެގިއުލޭޓަރީ ފްރޭމްވޯކް އެކުލަވާލެވިފައިވަނީ ބޭރުގެ ފަންނީ ކޮންސަލްޓަންސީ ހޯދައިގެންނެވެ.
ރެގިއުލޭޓަރީ ފްރޭމްވޯކްގެ ރެގިއުލޭޝަންސްތައް އެކުލަވަލާ ހިންގުމުގައި ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ވަރަށް ބޮޑަށް ބެލިފައިވެއެވެ. ތިމާވެށި ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކޮށް ވަނީ ދެނެގަނެވިފައެވެ. ތިމާވެށީގެ ރައްކަތެރިކަމާ ގުޅޭގޮތުން ހޯދަންޖެހޭ އެންމެހާ އާލާތްތައް ވަނީ ހޯދިފައެވެ.
ބަންކަރިންގެ ހިދުމަތާގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އެމްއެންޑީއެފްގެ އިރުޝާދާއެކު ދަނީ އެޅެމުންނެވެ.
ރާއްޖޭގެ މެރިޓައިމް ސިނާއަތަށާއި އެ ސިނާއަތާ ގުޅުންހުރި ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެ ބަންކަރިންގ ހިދުމަތާ ގުޅިގެން ތިމާވެއްޓަށް ރައްކާތެރި ގޮތުގައި އިހަވަންދިއްޕޮޅު ޕޯޓްސިޓީ ތަރއްގީ ކުރުމަކީ ރައީސް ސޯލިހުގެ ހެޔޮވެރިކަމުގައި ހިފާފައިވާ އަމާޒެކެވެ.
އިހަވަންދިއްޕޮޅު ޕޯޓްސިޓީގައި ބަންކަރިންގ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެސްޓީއޯއިންނެވެ. ގާއިމުކުރެވޭ ބަންކަރިންގެ ހިދުމަތުގާ ހުރިހާ ގޮތަކުން ސަލާމަތާ ރައްކާތެރިކަން އެސްޓީއޯއިން ކަށަވަރު ކުރާނެއެވެ. އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްލާ ސައީދަކީ މެރިޓައިމްގެ ދާއިރާއިން އިލްމާ ހުނަރާ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ފުންނާބު އުސް ބޭފުޅެކެވެ.