އެމްޑީޕީގެ ނާކާމިޔާބީގެ ހިތި ހަގީގަތް!
އެމްޑީޕީގެ ރޫހު ނައްތާލީ މަގާމާ ބަރަށްޓަކާ!
އެމްޑީޕީ ވުޖޫދުން ފުހެލަން ވާދަވެރިން ރޭވުންތެރިކަމާއެކު ގިނަގުނަ މަސައްކަތްތަކެއް އެބަކުރެއެވެ. ވާދަވެރިންގެ ކެހިވެރި މަޅީގައި އެމްޑީޕީގެ މެންބަރުން ތަކެއްވެސް ދަނީ ޖެހެމުންނެވެ. ބާރާ މަގާމަށްޓަކާ އެމްޑީޕީ ރޫޅާލަން ރައީސް ސޯލިހުގެ ވެރިކަމުގައި އެމްޑީޕީގެ ތެރެއިން ނިކުތް ބައެއްގެ ސަބަބުން އެމްޑީޕީއަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުން އޮތީ ދީފައެވެ. އެމްޑީޕީގެ ލީޑަރޝިޕާ މެދު ޝައްކު އުފައްދާ އެމްޑީޕީގެ ވާގި ނައްތާލަން އެމީހުން ނުކުރާކަމެއް ނެތެވެ.
އެމްޑީޕީން ވަރުގަދަ ސިޔާސީ ހަރަކާތްތަކެއް ހިންގާ ހަމަ އިސްކޮޅަށް ދެމިލަފާނެތީ މެންބަރުންނާއި ލީޑަރޝިޕާ ދޭތެރޭގައި ނަފްރަތު އުފައްދަން ވާދަވެރިން ޖަހާމަޅީގައި އެމްޑީޕީ މެންބަރުން ޖެހެމުން ދަނީ ފަތުއަޑުކިޔާފައެވެ. އެމްޑީޕީގެ ވެރިކަމުގައި އަމިއްލަ ޖީބަށް މަންފާ ނުކުރި އެމްޑީޕީގެ ކޮންމެ މެންބަރެއްގެ ހިތުގައި ލީޑަރޝިޕާމެދު ނަފްރަތު އުފައްދިއެވެ. ރޫޅާލަން ނިކުތް މީހުން އެމްޑީޕީ މެންބަރުންނަށް ވަސްވާސްދީ ޕާޓީގެ ހަރަކާތްތަކާ މީހުން ދުރުކުރުވިއެވެ. ބޭނުމަކީ ވަކި ބަޔަކު ނެތި އެމްޑީޕީ ނުހިނގާނެކަން ދެއްކުމެވެ.
އެމްޑީޕީއަށް އިންތިހާބުތައް ގެއްލި ނާކަމިޔާބު ވަނީ ލީޑަރޝިޕްގެ ދޯހަޅިކަމުން ކަމަށް ދައްކަން ޒާތްޒާތުގެ މަޅި ޖަހާ ބޯތައް ދޮއްވިއެވެ. އޭގައި އެމްޑީޕީގެ އާއްމު މެންބަރުންގެ ގިނަ ބަޔަކު ވަނީ ޖެހިފައެވެ. ލީޑަރޝިޕްގައި ރަނގަޅު އެކަކުވެސް އުޅޭކަމަކަށް ނުވެއެވެ. ކަމެއްވާ ޒާތު މީހަކު ލީޑަރޝިޕާ ކައިރިވިޔަ ނުދިނުމަށް އެކިފާޑުގެ ތުހުމަތުތައް އަޅުވާ އަބުރު ކަތިލާލައެވެ. ފަހުން ޕާޓީއާ ގުޅޭމީހަކީ އަސްލު އެމްޑީޕީ މީހެއް ނޫންކަމަށް ދައްކާ ކުރިމަރާލައެވެ.
އެމްޑީޕީ ފެށުނީއްސުރެ އެމްޑީޕީގެ ގިނަ ހަރަކާތަކީ ލީޑަރޝިޕުން ރާވައިގެން ހިންގާ ހަރަކާތެއް ނޫނެވެ. ގިނަ މުޒަހާރަތަކާއި މަދަނީ ބަސްނޭހުން ތަކަކީ އާއްމު މެންބަރުން އިސްނަގައިގެން ހިނގާދިޔަ ހަރަކާތްތަކެވެ. ހަރުގެ ޖަލްސަތަކަކީވެސް އާއްމު މެންބަރުންގެ ތެރެއިން ލީޑްކޮށްގެން ހިންގި ހަރަކާތެކެވެ. އެމްޑީޕީ މެންބަރުންނަކީ ތިމާއަށް ޕާޓިން ކޮށްދެނީ ކޮންކަމެއްތޯ ނުބަލާ ތިމާ ޕާޓީއަށް ކޮންދެވޭނީ ކޮންކަމެއްތޯ ބަލައިގެން ކަންކަން ކުރަމުން އައި ބައެކެވެ. އެމްޑީޕީ ގިނަ މެންބަރުން މަސައްކަތް ކުރަމުން އައީ ލިބިދާނެ ވަޒީފައަކަށް ޕްރޮޖެކްޓަކަށް ބަލައިގެނެއް ނޫނެވެ. އެމްޑީޕީ މެންބަރުންނަކީ އެމްޑީޕީން ގައުމުގެ ހެވާ ލާބަޔަށް ކުރާކަންކަމުން އެންމެނަށްވާ ރަނގަޅެއް ހޯދުމަށް މަސައްކަތް ކުރިބައެކެވެ. އެމްޑީޕީގެ ރޫހު ނައްތާލީ މަގާމާ ބަރަށްޓަކާ އެމްޑީޕީ ރޫޅާލަން މަސައްކަތް ކުރި މީހުންނެވެ.
ގައުމުގެ ހައްގުގައި އެމްޑީޕީ ސަރުކާރުން ކުރަމުން އައިހާ ކަންކަމަކީ އިސްރާފުކަމަށް ސިފަކޮށް ރައީސް ސޯލިހު ސަރުކާރުގައި ތިބީ ވަގުންކަމަށް ހަދައިގެން ކަންކަން ގޯހުން ގޯހަށް ދުއްވާލީ ރޫޅާލަން އުޅުނު މީހުންނެވެ. އިދިކޮޅަށްވުރެ އިދިކޮޅު ވެގެންނެވެ. ފިތުނަވެރިކޮށް ކަމެއް ކުރަން އުޅޭ ކޮންމެ މީހަކަށް ހިތްވަރު ދިނުމާއި އެމްޑީޕީ ސަރުކާރަށް ހުރަސްއެޅެން އޮތް ގޮތަކަށް ހުރަސް އެޅުމަކީ އަސްލު އެމްޑީޕީ މީހާގެ ސިފައިގައި ތިބެ ރޫޅާލަން ނިކުތް މީހުން ކުރަމުންދިޔަ ކަންކަމެކެވެ.
ވެރިކަމުގައި ފަސްއަހަރު އެމްޑީޕީ އޮތުމަށްފަހު ވެރިކަން ގެއްލުމުން އިދިކޮޅު ހަރަކާތަށް ނިކުންނަންވީއިރު ވެރިކަމުގެ ބާރު އަމިއްލަ އަތަށް ނެގުމަށް ބަޔަކު މީހުން އެމްޑީޕީ ރޫޅަލަން ކުރި މަސައްކަތުގައި އެމްޑީޕީގެ ލީޑަރޝިޕް ބަދުނާމުކޮށް އިތުބާރު އޮތީ ގެއްލުވާލާފައެވެ. އެމްޑީޕީގެ ދިފާއުގައި ގުރުބާންވީ ގިނަ ބައެއްގެ މައްޗަށް ދޮގު ތުހުމަތުތައް އަޅުވާ މެންބަރުންގެ ހިތްތައް ކަޅުކުރީ އެމްޑީޕީގެ ތެރެއިން ނިކުތް އަމިއްލަ އެދުން ބޮޑު ބައިގަނޑެކެވެ. އެމީހުނަށް އެމްޑީޕީގެ ހުންގާނު ނުލިބޭހާ ހިނދަކު އެމްޑީޕީއަށް ކަމެއް ކުރެވޭ ކަމަކަށް ނުވާނެއެވެ.