ލާރިއާއި މަގާމަށް ސިޔާސީ ނިންމުމެއް ނުނިންމަން: ރޮޒޭނާ
އެމްޑީޕީގެ ޓިކެޓްގައި ރާއްޖޭގެ ރައީސްކަމާއި އެމްޑީޕީގެ ލީޑަރކަން އެތައް ދުވަހަކު ކުރެއްވި ބޭފުޅަކު އިދިކޮޅަށްވުރެ އިދިކޮޅުވެވަޑައިގެން ޕާޓީ ދޫކުރައްވާ ރޫޅާލައްވަން ނިކުމެވަޑައިގަތް ނިކުމެވަޑައިގަތުން ގޯސްނުވެ ރޮޒޭނާ ޕާޓީ ބަދަލުކުރައްވަން އުޅުއްވާކަމަށް އަޑުފަތުރައިގެން ހާސިލްވާނެ އެއްވެސް އެއްޗެއް ނުއޮންނާނެއެވެ. ފިކުރެއް ދިރުވަންއުޅެ ނުދިރިގެން ރޫޅާލަން ނިކުމެގެން ނުރޫޅިގެން އަނބުރާ ނެގި ގާގަޑަށް ބޮލި އެރިޔަސް ދެގޮތެއްނުވެ އެމްޑީޕީ ދިފާއު ކުރަން އުޅުނު ހީވާގި މެންބަރުން އެކަހެރިކުރަން ހީލަތްތެރި ހަމަލާތައް ސިޔާސީގޮތުން ދީގެންވާނެ މޮޅެއް ނުއޮންނާނެއެވެ.
މޭޔަރ އާދަމް އާޒިމާއި ރޮޒޭނާ އާދަމް ފަދަ ހިދުމަތްތެރި މެންބަރުންނަކީ އެމްޑީޕީ ބައެއް ނޫންކަމަށް ދައްކަން ހުއްޓާނުލާ ވަކި ބަޔަކު ކުރާ މަސައްކަތް ހުއްޓާލަން އެބަޖެހެއެވެ. އެމްޑީޕީގެ މިހާރުގެ ރައީސް އަބްދުއްލާ ޝާހިދާއި ރޮޒޭނާ އާދަމް ފަދަ ބޭފުޅުންނަކީ ޑީއާރުޕީން ކަމަށް ބުނެ ފިތުނަ އުފައްދާ މީހުނަށް އަލީ އާޒިމަކީ ޑީއާރުޕީ މީހަކަށް ނުވާކަމީ އެހެން އެވާހަކަ ފަތުރާ މީހުންގެ ނިޔަތުގެ ނުބައިކަން އަންގާދޭ ހެއްކެކެވެ.
ހަގީގަތަކީ އެއީ ނޫންކަން ރޮޒައިނާގެ ތާރީހުން އެކަނިވެސް ސާފުވާނެއެވެ. ރޮޒޭނާ ވިދާޅުވާހެން އެމްޑީޕީއަށް ރޮޒޭނާ އާދަމް ސޮއި ކުރެއްވީ ރައީސް ޔާމީން ވެރިކަމަށް ހުވާ ކުރެއްވިތާ މަހެއް ވެސް ނުވަނީހެވެ. ރޮޒޭނާ ފަދަ ކެރޭ ހިއްވަރުގަދަ ކަނބަލެއް އެމްޑީޕީއަށް އެންމެ ބޭނުންވީ ދުވަހުއެވެ. އެ ދުވަހަކީ އެމްޑީޕީއިން މީހަކަށް ކަމެއް ކޮއްދެވެން އޮތް ދުވަހެއް ނޫނެވެ.
ޑީއާރުޕީން ސިޔާސީ ދަނޑަށް ނިކުމެ ވަޑައިގެން ރޮޒޭނާ އާދަމް ޑީއާރުޕީ ދޫކުރައްވާ އެމްޑީޕީއާ ގުޅިވަޑައިގަތީއްސުރެ އެމްޑީޕީގެ ހިދުމަތުގައި އުޅުއްވީ އެމްޑީޕީ އުފެދުނީޢްސުރެ އެމްޑީޕީގައި އުޅުނު ގިނަ މެންބަރުންނަށްވުރެ މާ ބޮޑަށެވެ. މާ ހިދުމަތްތެރިކޮށެވެ. މާ ހީވާގިކޮށެވެ. މެންބަރުންނާއި ރައްޔިތުންގެ ލޯބި ހޯއްދަވައިގެންނެވެ.
ރައީސް ޔާމިނުގެ ވެރިކަމުގައި ހިނގާދިޔަ އަނިޔާއާއި ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅަށް އެމްޑީޕީ ތެދުވެ އަޑުއުފުލީ އިސް ސަފުގައި ރޮޒޭނާ ވެސް ހުންނަވައިގެންނެވެ. ޔާމީނު ވެރިކަމުގައި އެމްޑީޕީގެ ރެލީތަކާއި މުޒާހަރާތަކުގައި އެންމެ ބާރަށް އިވޭ އެއްއަޑަކީ ރޮޒޭނާގެ އަޑެވެ. ރައްޔިތުންގެ މަޖިލީހުގައި އެމްޑިޕީގެ ސިޔާސަތުތައް ދިފާއުކޮށް އޭރުގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ހައްގުބަސް ބުނުމުގައި ދެގޮތެއް ނުވެ ދެމިހުންނެވިއެވެ.
އެމްޑީޕީގެ ވެރިކަމުގައި އެމްޑީޕީގެ ލީޑަރޝިޕްގައި ތިބި ބަޔަކު އެމްޑީޕީ ރޫލާލާ އެމްޑީޕީގެ ވެރިކަން ހަރާބުކުރުމަށް ކުރި މަސައްކަތާ ދެކޮޅަށްވެސް އެމްޑީޕީގެ ދިފާއުގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއްބޭފުޅަކީ ރޮޒޭނާއެވެ. އެމްޑީޕީ ދިފާއު ކުރެއްވުމުގައި ކުރިމަތިވެ ވަޑައިގަންނަވާ ފުރައްސާރައާއި ބަދުނާމަށް ނުބައްލަވާ އެމްޑީޕީއާއި އެމްޑީޕީ ސަރުކާރު ދިފާއު ކުރެއްވުމުގައި ރޮޒޭނާ ދެމިހުންނެވިއެވެ.
އެމްޑީޕީ ސަރުކާރު އޮތް އިރުވެސް ރޮޒޭނާ ހުންނެވީ ޕާޓީން ދިން މަގާމެއްގައެއް ނޫނެވެ. ރައްޔިތުން ވޯޓުދިން އިންތިހާބީ މަގާމެއްގައެވެ. އަނެއްކޮޅުން ރޮޒޭނާ އެމްޑީޕީގެ ހިދުމަތުގައި ރައްޔިތުންގެ މަޖިލީހުގައި ހުންނެވީ ބޭނުން އިރަކު ޕާޓީ ބަދަލުކުރުމުގެ ހިފެހެއްޓުމެއްނެތް ފުރުސަތު އޮވެއެވެ. ރިޝްވަތުގެ ހުތުރު ފައިސާގައި ހިފައިގެން އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް ޕީއެންސީއަށް ބަދަލުވީ އިރުވެސް ރޮޒޭނާ ހުންނެވީ ސާބިތުކަމާއެކު އެމްޑީޕީގައެވެ. ޕާޓީ ބަދަލެއް ނުކުރައްވައެވެ.
އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްތަރކަން ކުރެއްވި މަހުލޫފު ފަދަ ބޭފުޅަކު އެމްޑީޕީ ދޫކުރައްވާ ވެރިކަންކުރާ ޕާޓީއާއި ދާދިފަހުން ގުޅިވަޑައިގަތުމަކީ ރޮޒޭނާ އެމްޑީޕީ ދޫކުރައްވާ ޕީއެންސީއާއި ގުޅިވަޑައިގަންނަވާނެ ކަމަށް ދެކެންޖެހޭ ސަބަބެއް ނޫނެވެ. ގިނަ އަދަދެއްގެ ފައިސާއާއި ބޭނުން މީހަކަށް ސިޔާސީ މަގާމު ހޯދާދެވެން އޮވެ ޕާޓީ ބަދަލުނުކުރެއްވި ހިތްވަރުގަދަ ރޮޒޭނާ ޕާޓީ ބަދަލުކުރައްވާ ވާހަކަ ދައްކަނީ އެމްޑީޕީން ރޮޒޭނާ އެކަހެރި ކުރަން ބޭނުންވެގެން އުޅޭ ބައެކެވެ. މިވަގުތު މި ސަރުކާރުގެ ކަންކަން ހުރިގޮތުންވެސް ރޮޒޭނާ މި ސަރުކާރަށް ތާއީދުކުރަންޖެހޭ ސަބަބެއްނެތްކަމަށް ސާފު ބަހުން ރޮޒޭނާ އެގެންދަވަނީ ވިދާޅުވަމުންނެވެ. ލާރިއާއި މަގާމަށް ސިޔާސީ އެއްވެސް ނިންމުމެއް ރޮޒޭނާ ނުނިންމަވައެވެ.

