ރަސްޑީލަކީ މުއިއްޒު އަލަށްބާރު ހޯދައިގެން ހިންގާ އަޑި ނޭނގޭ ސްކޭމެއް
900 އަހަރުވީ އިސްލާމީ ދައުލަތް ވަންތަކަން ނުގެއްލޭނެކަން ކަށަވަރެއްނޫން
ރަސްމާލެ އަލަށްބާރުގެ އީގަލް ހިލްސްއަށް ދީގެން ހިންގަންއުޅޭ މަޝްރޫޢުގެ މުހިންމުކަން ފެންނާނީ ކުރެހުންތަކުގެ ފުރިހަމަ ކަމަކުން ނޫނެވެ، އިމާރާތްތަކުގެ ރީތި ކަމަކުންވެސް ނޫނެވެ. ކުރެހުންތަކަކީ ހަގީގަތެއް ނަމަ މިއަދު ދިވެހިރާއްޖެ ފަދަ ތަނެއް މުޅި ދުނިޔޭގައިވެސް ނެތުން ގާތެވެ. ސަރުކާރަކުން ހަދާ އެއްބަސްވުން ތަކުން، ނިންމާ ނިންމުންތަކުގެ ސަބަބުން މާދަމާގެ ޖީލުތަކުގެ ހައްގުތަކާއި ގައުމުގެ ސިޔާދަތަށާއި ހަމަހިމޭން ކަމާއި އަމިއްލަ ވަންތަކަމަށް އަދި ދިވެހީން ފަހުރުވެރިވާ އިސްލާމް ދީނަށް ގެއްލުމެއް ނުވާނެކަން ޔަގީންކުރުމަކީ ދައުލަތުގެ މަސްއޫލިއްޔަތެކެވެ.
މިއަދުގެ ނިންމުންތަކުގެ އަސްލުވެރީންނަކީ މާދަމާގެ ޖީލުތަކެވެ. މިއަދުގެ ނިންމުންތަކަކީ މާދަމާ ދިވެހިރާއްޖެ އޮންނާނެ ގޮތުގެ ތަސައްވަރެވެ. ދިވެހީން ކުރަނީ އަމިއްލަ ވަންތަ ދިވެހީންގެ ދިވެހިރާއްޖެ އަކަށް ވުމުގެ އުންމީދެވެ. އެހެންކަމުން އަލަށްބާރަށް ދައުލަތުން ދޭ ބިމުގެ އަގާއި، ލިބޭ ފައިދާއާއި، އުފުލަންޖެހޭ ހަރަދާއި، އަންނަން އޮތް ޖީލުތަކަށް ދެވޭ ގާނޫނީ ހިމާޔަތާއި ގައުމީ މަސްލަހަތާއި އިސްލާމީ އަގީދާ ގެ ސާބިތުކަން ދެމެހެއްޓުމުގެ ރޭވުންތައް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހެއެވެ.
ދައުލަތުން 500 ހެކްޓަރު ބިން އީގަލް ހިލްސްއަށް ދެނީ ކޮން އަގަކަށް، ކޮން ޝަރުތުތަކަށްތޯއެވެ. އެ ޝަރުތުތަކާއި ހިލާފު ވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތަކަކީ ކޮބާތޯއެވެ. ބިން ހިއްކުމުގެ ހަރަދު ދައްކާނީ ކޮންފަރާތަކުންތޯ،އެވެ. އެސަރަހައްދުން ހިއްކަން ނިންމާފައިވާ 1153 ހެކްޓަރުން ނުހިއްކާ އޮތް ބަޔަށް ވާނީ ކިހިނެތްތޯއެވެ. ރަސްމާލެ ހިއްކުމުގެ މުގާބިލުގައި ކުރިން ދޭން ވައުދުވެ އެއްބަސް ވެފައިވާ ބިންތަކުގެ ތަފްސީލަކީ ކޮބާތޯއެވެ.
ރަސްމާލެއިން 500 ހެކްޓަރގެ ބިން ތަރައްގީކުރަން ބައިނަލްއަގުވާމީ ޓެންޑަރެއް ހުޅުވާނުލީ ކީއްވެތޯއެވެ. 500 ހެކްޓަރ ބިން ދިނުމަށް ކަނޑައެޅި ޝަރުތުތަކަކީ ކޮބާތޯއެވެ. އެހާ ބޮޑު މަޝްރޫއެއް ޝަތުރުތަކާއި އެކު އެއްވެސް ހިސާބެއްގައި ބޭރުގެ ޓެންޑަރަށް ހުޅުވާލިންތޯ،އެވެ. ބައިނަލް އަގުވާމީ ބިޑަށް ހުޅުވާ ނުލާނަމަ އެކަން ކުރުމަށް އޮތް ހުރަހަކީ ކޮބާތޯއެވެ.
ރަސްމާލެ އިން 500 ހެކްޓަރ ބިން ދީގެން ދައުލަތަށް 5000 ފްލެޓް ހިލޭ ލިބެނީތޯއެވެ. ނޫންނަމަ ދައުލަތުން 500 ފްލެޓަށް ކިހާ ފައިސާއެއް ދައްކާނެތޯއެވެ. އެ ބިމުގެ ކުލި ދައްކާނީ ކޮން ފަރާތަކުންތޯއެވެ، މި ފަދަ މަޝްރޫއެއް ދިވެހީންނަށް އެ ޝަރުތުތަކާއި އިނާޔަތްތަކާއި އެކު ހުޅުވާނުލީ ކީއްވެގެންތޯއެވެ.
އިގަލް 20 ބިލިއަން ޑޮލަރުގެ ކިހާ މިންވަރެއް ރާއްޖެއަށް (ބޭންކްތަކަށް) ވަންނާނެތޯއެވެ. ދައުލަތަށް ލިބޭނީ ކިހާ މިންވަރެއް ކޮން އިރަކުން ތޯއެވެ.
ރަސްމާލޭ ގެ ޕޮލިސް، އިންޓެލިޖެންސް، އެމް.އެން.ޑީ.އެފް، ކަސްޓަމްސް، އިމިގްރޭޝަން، ކޯޓު އަދި ކައުންސިލް ހިދުމަތްތަކުގެ ހަރަދުތައް އަދާކުރާނީ ކޮން ފަރާތަކުންތޯއެވެ، އެކަމުގެ ހަރަދު ބެލެހެއްޓުމުގެ އިންތިޒާމަކީ ކޮބާތޯއެވެ.
ބޭރުގެ ޕްރޮޕަޓީ ވެރިންނަށް ދޭ ރެސިޑެންސީއާއި ދީނީ އަމަލުތައް ދިވެހި ދުސްތޫރާއި ގާނޫނާ އެއްގޮތްވާނެ ކަން ޔަގީންކުރާނީ ކިހިނެއްތޯއެވެ. ރަސްމާލެ މަޝްރޫޢުގެ ނަފާއިން އެ ސަރަހައްދަށް ހަރަދެއް ކުރާނެ ނަމަ ހަރަދު ކެނޑުމަށްފަހު ލިބޭ ފައިދާއިން ސަރުކާރުގެ ހަރަދުތައް ކެނޑުމަށްފަހު، އަހަރަކު ދައުލަތަށް ލިބޭ ސާފު ފައިދާ އަކީ ކޮބާތޯއެވެ
20 ނުވަތަ 30 އަހަރުގެ ފަހުން ރަސްމާލެއިގެ އިދާރީ ބާރާއި ބިމުގެ ހައްގުތައް އޮންނާނީ ކޮންބައެއްގެ އަތުގައިތޯއެވެ. ދިވެހީން މިހާރު އަމަލު ކުރަމުންދާ އިސްލާމީ ސިފައަށް އައިސްދާނެ ހުރަހަކަށް ތައްޔާރުވެފައިވާ މިންވަރަކީ ކޮބައިތޯއެވެ. މިނިންމުންތަކުގެ އަސަރު ކުރާނީ މިއަދުގެ ވެރިންގެ ނިންމުންތަކުގައި ބައިވެރި ނުވާ އަދި މިއަދު ދުނިޔާގެ އަލިކަންވެސް ނުދެކޭނެ ބައެއް،ކަމުން އެ ޖީލުތަކަށް މި ސަރަހައްދުގެ ސަބަބުން ދިވެހީންގެ 900 އަހަރުވީ އިސްލާމީ ތަނބުތަކަށް އަސަރެއް ނުކުރާނެ ކަން ކަށަވަރުކޮށް އެ ޖީލުތަކަށް އިސްލާމީ ގައުމެއްގެ ނިދާގައި އެސަރަހައްދު އޮންނާނެ ކަމުގެ ޔަގީން ކަމަކީ ކޮބާތޯއެވެ.
މަޝްރޫޢު 10 ނުވަތަ 20 އަހަރުގެ ފަހުން ފެއިލްވެއްޖެނަމަ، ދައުލަތަށް ބިން އަނބުރާހޯދުމަށް ގެންގުޅޭނެ ޕްލޭނާއި ގާނޫނީ ހުއްޖަތަކީ ކޮބާތޯއެވެ. ދައުލަތުން ބަދަލުގެ ގޮތުގައި ފައިސާއެއް ދައްކަންޖެހޭނެ ނަމަ، ދައްކަންޖެހޭނީ ކިހާ ފައިސާއެއްތޯއެވެ.




