ދިވެހީންގެރާއްޖެ އަޑިއަށް: ހެޔޮނުވާނެ! ދެން ފައިބާ!

އަހަރު ނިމޭއިރު ސަރުކާރަށް ހަމަޖެހުން ދެމެހެއްޓުމުގެ ގާބިލްކަން ގެއްލޭނެ!

ދިވެހީންގެރާއްޖެ އަޑިއަށް: ހެޔޮނުވާނެ! ދެން ފައިބާ!

އަހަރު ކުރިއަށްދާ ވަރަކަށް ރާއްޖޭގެ މިހާރުގެ ސަރުކާރު ހަމަޖެހުމަށް އަސަރުކޮށްފާނެ ގޮންޖެހުންތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. ބައިނަލްއަގްވާމީ ރިޒާވް ދަށްވުމަކީ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މާލީ ޑެފިސިޓް މަތިވުމަކީވެސް ބޮޑު މައްސަލައެކެވެ. ފަތުރުވެރިކަން ފަދަ މުހިންމު ދާއިރާތަކުގައި ހުރި ނާޒުކުކަން ފަދަ ކަންކަން ގުޅިގެން އިގްތިސާދަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައިވެއެވެ.

ފަތުރުވެރިކަމާއި އަމިއްލަ ފަރާތްތަކުގެ ކްރެޑިޓް ކޮންމެވެސް ވަރަކަށް ކުރިއަރާފައިވީ ނަމަވެސް، ދައުލަތުގެ ދަރަނި ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ޖީޑީޕީގެ ކުރިއެރުން ލަފާކުރި ވަރަށް ވުރެ މާ ބޮޑަށް އޮތީ ދަށުގައެވެ. އިންފްލޭޝަންގެ ޕްރެޝަރުތަކާ ކުރިމަތިލާން ޖެހިފައިވާލެއް ވަކީން ކުޑައެއް ނޫނެވެ.

ދައުލަތުގެ މާލީ ހާލަތު އެހާ ބޮޑަށް ދަށަށް ގޮސްފައިވާއިރު ފަށަފައިވާ އެތައް ސަތޭކަ ޕްރޮޖެކްޓެއް ވަނީ ހުއްޓިފައެވެ. ހުއްޓިފައިވާ ޕްރޮޖެކްޓްތައް ނުފެށި ދިގުލައިގެން ދިއުމަކީ އިންތިހާއަށް ދައުލަތަށް ލިބޭ ބޮޑު ގެއްލުމެކެވެ. ހުއްޓިފައިވާ ގިނަ ޕްރޮޖެކްޓް ތަކަކީ އާއްމު ރައްޔިތުންނާ ސީދާ ގުޅުން ހުރި ޕްރޮޖެކްޓް ތަކެވެ. ރައްޔިތުންނާއި ގުޅުން ހުރި ޕްރޮޖެކްޓެއް ނުނިމި ދިގުލާ ކޮންމެ ދުވަހަކީ ރައްޔިތުންގެ ނުތަނަވަސްކަން އިތުރުވެ ސަރުކާރަށް ޕްރެޝަރ ބޮޑުވެގެންދާ ދުވަހެކެވެ.  

މިކަންކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން މާލީ އިސްލާހުގެ އެޖެންޑާއެއް އެކުލަވާލާފައި ކަމަށް އެބަ ބުނެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ދެވޭ އަސާސީ ހިދުމަތްތައް ދެމެހެއްޓުމަށް ދެވޭ ސަބްސިޑީ އިސްލާހުކުރުމެވެ. ބޭސްފަރުވާއާއި ކަރަންޓާއި ފެނާއި ތެލާއި ކާޑަށް ދޭ ސަބްސިޑީ ހުއްޓާލުން ނުވަތަ މިހާރަށް ވުރެ ހިދުމަތް ހޯދަން ދަތިވުމާއި އަގު ބޮޑުވުމަކީ އާއްމު ރައްޔިތުންނަށް ތަހައްމަލުކުރަން ފަސޭހަ އިސްލާހަކަށް ނުވާނެއެވެ. 

ދައުލަތުގެ ވިޔަފާރިތައް ރަނގަޅަށް ބެލެހެއްޓުމާއި ކެޕިޓަލް ހަރަދުތަކަށް އަލުން އިސްކަންދިނުން ފަދަ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުންފުނިތައް މާޖުކޮށް މުއައްޒަފުން މަދުކުރުމުގެ ގޮތުން އެންމެ އާދައިގެ މުއައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ކުޑަ ގޮންޖެހުމަކަށް ނުވާނެއެވެ. މުހިންމު ނަމަވެސް މުއައްޒަފުން މަދު ކުރުމަކީ ސިޔާސީ ގޮތުން ނާޒުކް އިސްލާހު ތަކެކެވެ. ސަރުކާރު ދެމިއޮތުމަށް އޮތް ނުރައްކަލެކެވެ. 

އަނެއް ކޮޅުން އިސްލާހުތައް މަތިން ތިރިއަށް ދާތަން ނުފެނި ތިރިން މައްޗަށް އިސްލާހުތައް ތަންފީޒު ވުމަކީ އާއްކު ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނެވެ. އާއްމު ރައްޔިތުންނަށް ހިތިބޭސް ބޯން ދިނުމުގެ ކުރިން ހިތިބޭސް ބޯންޖެހޭނީ ސަރުކާރުން ކަމަށް ގިނަ ބަޔަކު ދެކެއެވެ. ދައުލަތުގެ އިސްލާހުތައް ކާމިޔާބުކަމާއެކު ތަންފީޒު ކުރެވޭނެ ކަމުގެ ޔަގީންކަން ދުނިޔޭގެ މާލީ އިދާރާތަކަކަށް ނެތެވެ. ގިނަ ރައްޔިތުންނަކަށް ވެސް ނެތެވެ. 

އަނެއްކޮޅުން ސަރުކާރުގެ ހަރަދު ބޮޑު ޕްލޭންތަކުގެ ސަބަބުން މާލީ ޑެފިސިޓް މަތީ ފެންވަރެއްގައި ހިފެހެއްޓޭނެކަމާއި އިގްތިސާދަށް އިތުރު ޕްރެޝަރެއް ކުރިމަތިވެދާނެ ކަމުގެ ބިރު އދގެ ކަންޓްރީ އޮފީހާއި ވޯލްޑް ބޭންކަށް އޮތްކަމަށް އެ އިދާރާތަކުންވެސް އޮތީ ބުނެފައެވެ. މި ގޮންޖެހުންތަކަށް ބަލާއިރު، އަހަރު ނިމޭއިރު ސަރުކާރަށް ހަމަޖެހުން ދެމެހެއްޓުމުގެ ގާބިލްކަން ބިނާވެފައި އޮންނާނީ، މި އިގްތިސާދީ ނާޒުކު ކަންތައްތައް މެނޭޖްކޮށް، ބޭނުންވާ އިސްލާހުތައް ތަންފީޒު ކުރެވޭނެ މިންވަރެއްގެ މައްޗަށެވެ.

ގައުމުގެ ހާލަތު މިހާ ހިސާބަށް ދިޔުމުން ސަރުކާރާ މެދު ރައްޔިތުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން އިތުބާރު ކަނޑާލައެވެ. ސަރުކާރެއްގެ ގާބިލުކަން އެ ހިސާބަށް ދިޔުމުން ސަރުކާރު އިސްތިއުފާދީ އެއްފަރާތް ވާން ޖެހެއެވެ. ރައްޔިތުންނާއި ގައުމުގެ ހައްގުގައެވެ. އެހެން ނޫނީ މިހާލަތަށް ދިޔުމުން ދުނިޔޭގެ ގައުމު ތަކުގައި ކަން ކަންވެފައި ހުރީ މާރީތިކޮށެއް ނޫނެވެ. ދާދި ކައިރިން ލަންކާއާއި ބަނގްލާދޭޝް އިން މިސާލު އެއޮތީ ދައްކާފައެވެ.