ދިވެހި ދައުލަތަކީ މުއިއްޒެއް ނޫން!

ބާރެއް އޮތަތީ ބޯހަރުކަމާއެކު ހިތުހުރިކަމެއް ކޮށްގެންނުވާނެ

ދިވެހި ދައުލަތަކީ މުއިއްޒެއް ނޫން!

ދީނުގެ ދިފާއުގައި ވެސް ރައްޔިތުންގެ ދިފާއުގައިވެސް ތެދުވާނީ ދައުލަތެވެ. ދައުލަތް ތަރުތީބުވެފައިވާ ގޮތެއްގެ މަތީން އެކަމަކަށް ކަނޑައެޅިފައިވާ މުއައްސަސާ ތަކުންނެވެ. އެއްވެސް ކަމެއްގައި އެއް ބަޔެއްގެ އިހުތިސާސް ތެރެއަށް އަނެއްބަޔަކު ވަދެ ބޭނޭ ނާޅި ހެދިގެން އުޅުމެއްނެތެވެ.

ބާރެއް އޮތަތީ އިސްލާހާއި ހެޔޮ ބަދަލަށްޓަކައިވެސް ބޯހަރުކަމާއި ހިތުހުރިކަމެއް ހިތުހުރިގޮތަކަށް ކުރަނީ ތިމާނޫން އެހެން މީހުންވެސް ތިބިކަން ނޭގިގެން ހެއްޔެވެ. ތިމާ އެދޭގޮތަށް ކަމެއް ކުރަން ބޭނުންވުމުން ތަކުރާރުކޮށް އުސޫލުތައް މުގުރާލައި، މުއައްސަސާތަކާއި ފަރުދުންގެ ކަރާމާތް ނަގާލައިގެން އަބަދު ކަންކަން ހާސިލު ކުރެވޭނެ ކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. ފުއްޕާހަމަށް ވައިޖަހަން ވާނީ ވެސް ފަޅައިގެން ނުދާވަރު ބަލައިގެން ނޫންހެއްޔެވެ. މިއަދު ދިވެހި ދައުލަތް މި ފެންނަނީ އެންމެ މީހެއްގެ ސިފާގައެވެ. އުސޫލުތަކާއި ގާނޫނުތަކާއި ދައުލަތްހިންގާ ނިޒާމަކީ ވެސް އެކެއްގެ ގަޔަށް ހެޔޮވަރަށް ފަހާފައިވާ ކޯޓަކަށްވެ ނިމިއްޖެ ކަހަލައެވެ.

އިސްލާމް ދީނަށް ނަސްރު ދިނުމުގެ ވާހަކަ ދައްކާއިރު އާރާބާރުގައި ތިބެ ދީނަށް ނަސްރު ދެވެނީތޯ ދީންނަށް ފުރައްސާރަ ކުރެވެނީތޯ ބަލާލުމަކީ ނެތްކަމެއް ނޫނެވެ. ލާދީނީ މީހަކާ ދިމާލަށް ލާދީނީ މީހެއްކަމަށް ބުނުމުގެ ހައްގު އެހެން މީހުނަށް އޮންނާން ޖެހޭނެކަން ގަބޫލު ކުރާހެން ދީނުގެ ނަމުގައި ފިތުނަ ފަސާދަ އުފައްދަންޏާ އެވާހަކަވެސް ބުނެވެން ވާނެއެވެ. ދީނަށް ނަސްރު ދޭކަމަށް ދައްކައިގެން އުޅޭ ބަޔެއްގެ ފުށުން ދީންވެރިކަމަށްވުރެ ލާދީނިއްޔަތު ފާޅުވާން ފެށުމުން ދީނަށް ނަސްރުދޭ ކަމަކަށް ނުބުނެވޭނެއެވެ. ސަރުކާރެއްގެ އަމަލާއި ބަސްމަގުން ދީނާ ދެކޮޅު ކަންކަން ފާޅުވާން ފެށުމުން ދީނީ ސަރުކާރެކޭ ނުބުނެވޭނެއެވެ.

ނިޒާމީ ގޮތެއްގައި ރިބާ ނެގުމާ ކެއުމާ ދިނުން ދައުލަތެއްގައި އާއްމުވުމަކީ އިސްލާމީ ދައުލަތެއްގެ ސިފައެއް ނޫނެވެ. ޒަކާތާއި ސޮދަގާތް ނޫން ގޮތަކަށް އިންތިޒާމްވެގެން ޓެކުމަކީ އިސްލާމީ ދައުލަތަކުން ކުރާނެ ކަމެއް ނޫނެވެ. ވެރިކަމުގައި ދެމިހުރުމަށް ރިޝްވަތު ދީގެން ބާރުވެރިކަން ހޯދުމާއި ދައުލަތުގެ މުދަލާއި މާލަށް ހިޔާނާތްތެރި ވުމާއި އެކަމަށް ލޯމަރާލައިގެން އިސްލާމީ ދައުލަތެއް ނުއޮންނާނެއެވެ. މާތްކަލާނގެ ގަންދީ ހުވާކޮށްގެން ހުރެ މަތިމައްޗަށް ދޮގުހަދާ ދޮގުވެރި ކައްޒާބަކު އިސްލާމީ ދައުލަތެއްގެ ވަލިއްޔުލްއަމުރަކަށް ނުހުންނާނެއެވެ. އަމަލާ ބަސް ހުންނަ ގޮތެއްގެ ސަބަބުން ޖުމްލަ ގޮތެއްގައި އިސްލާމް ދީނަށް ގެއްލުން ވާކަމަށް މުސްލިމުންގެ ބަޔަކަށް ގަބޫލު ކުރެވުނީމާ އެމީހަކާ ދެކޮޅަށް ތެދުވުން ވާޖިބުވާނެއެވެ.  

ދީނީ ފަގުޑި އަޅައިގެން ވިޔަސް ބަޔަކު ވެރިކަން ހޯދާ ގައުމެއްގެ ހާލަތު ގޯހުން ގޯސްވެ، ދެކެން ބޭނުންނުވާ ނުރައްކަލުގެ ތެރެއަށް ގައުމު ވައްޓާލާއިރު އެންމެނަކު ބަލާކަށް އަބަދަކު ނުތިބޭނެއެވެ. ރައްޔިތުންގެ ތެރެއިން ބަޔަކު ވެރިންދެކެވާ ކަނުލޯތްބެއްގެ ސަބަބުން ވެރިމީހާއަށް މަގުއޮޅި ދާއިރުވެސް ސަނާ ކިޔުމުގައި ބަޔަކު ތިބެނީ ވަގުތީ މަންފާއަކަށްޓަކައެވެ. ތިމާމެން ވަށާ އެނބުރޭ ލީޑަރަކީ ކުށެއް ނުކުރެވޭނެ އިސްލާހުވާންޖެހޭ ކަމެއްނެތް، ހުސްތޯހިރު މީހެއްކަމަށް ބަޔަކަށް ގަބޫލު ކުރެވުމުން އެ މީހަކު ކޮށްފައި ނުކުރާނެ ކަމެއް ނޯވެއެވެ. އެހިސާބުން އެ ވެރިމީހަކީ މުޅި ދައުލަތްކަމަށްވެ އެ ގައުމެއްގެ ހީރަސް ކެނޑިގެން ދެއެވެ.

އެކަމަކު ވަކި މީހަކީ ދައުލަތެއް ނޫނެވެ. ދައުލަތުގެ ގާނޫނު އަސާސީ ބުނާ ބާރުތަކުގެ ބާރެއްވެސް ނޫނެވެ. ދައުލަތަށް އެންމެ ރަނގަޅުގޮތާއި މޮޅުގެން އެނގޭނީވެސް ހަމައެކަނި އެކަކަށް ނޫނެވެ. އެއްވެސް މީހަކީ، ދައުލަތުގެ ގާނޫނު އަސާސީއެއް އަދި ގާނޫނެއްވެސް ނޫނެވެ. ކިތަންމެ ބަޔަކު ލޯބިވާ ތާއީދުކުރާ މީހެއްނަމަވެސް ކިޔަމަންތެރިކަން އަދާކޮށް، ބޯލަނބައި އިހުތިރާމު ކުރަންޖެހޭ ހަމަތަކާއި އުސޫލުތަކަކާއި ބަޔަކު ތިބޭނެއެވެ. އެހެން މީހެކޭ އެއްފަދައިންނެވެ.