ސަރުކާރު މައި ކުންފުނިތައް ހިންގަންހުރެ ނުވި އާރުސީސީއެއް ދެންވެސް ނުވާނެ!

ސަރުކާރު މައި ކުންފުނިތައް ހިންގަންހުރެ ނުވި އާރުސީސީއެއް ދެންވެސް ނުވާނެ!

ތެދެކެވެ. މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމަކީ ރާއްޖޭގެ ދުވަސްވީ ބޮޑު ކުންފުންޏެއް ކަމުގައިވާ އާރުސީސީގެ އެތައް ހިއްސާދާރުންގެ ތެރެއިން ހިއްސާދާރެކެވެ. އެހެނަސް އާރުސީސީ ހިންގުމުގެ އެއްވެސް ދައުރެއް އާދަމް އާޒިމްގެ ނޯވެއެވެ. އަމްދުން އާދަމް އާޒިމު އަދާކުރާ ގައުމީ ވާޖިބަކާއި ގުޅުވައިގެން އާރުސީސީގެ މަސްލަހަތެއް ކުރިއަރުވާ އެއްވެސް ނާޖާއިޒު މަންފާއެއް ހޯދާދީފައި ވާކަން އެނގޭކަށް ނެތެވެ.

އާދަމް އާޒިމަކީ ދިވެހި ސަރުކާރުގެ ބޮޑެތި ކުންފުނިތަކެއް ހިންގި ކާމިޔާބު ސީއީއޯއެކެވެ. އެމްޑަބްލިޔުއެސްސީ އާއި އެސްޓީއޯ އާއި އެމްޓީސީސީ އާދަމް އާޒިމް ވަނީ ހިންގާފައެވެ. އެކުންފުނިތަކަށް ބޮޑެތި ކުރިއެރުންތައް ހޯދާދިން އެންމެ ކާމިޔާބު ސީއީއޯ ގެ ގޮތުގައި އާދަމް އާޒިމް ވަނީ މަޝްހޫރުކަން ހޯދާފައެވެ. 

އެންމެ ބޮޑެތި ކުންފުނިތައް ކާމިޔާބު ކަމާއެކު ހިންގިއިރު އާދަމް އާޒިމާ ދިމާއަށް ކޮރަޕްޝަނުގެ އިނގިލި ދިއްކުރެވޭތީއެއް ނުފެނެއެވެ. އަމްދުން އެސްޓީއޯއާއި އެމްޑަބްލިޔުއެސްސީއާއި އެމްޓީސީސީ އަކީ އާރުސީސީން ކުރަމުންދާ ބާވަތުގެ މަސައްކަތާއި ވަރަށް ބޮޑަށް ގުޅުންހުރި ކުންފުނިތަކެކެވެ. އެހެނެއް ކަމަކު އެއިން ކުންފުންޏެއްގެ އެންމެ ޕްރޮޖެކްޓެއްވެސް އާދަމް އާޒިމްގެ ސީއީއޯކަމުގައި އާރުސީސީއަށް ދިފައިނުވެއެވެ. 

އަނެއްކޮޅުން އާދަމް އާޒިމް ހިންގަން ހުރެގެން ދައުލަތުގެ އެއްވެސް ކުންފުންޏަކުން އާރުސީސީގެ މަސްލަހަތުގައި ކަމެއް ކޮށްދީފައިވާކަމަށް ޔޯލަކޮށްލާފައިވެސް ބުނާތީ ނީވެއެވެ. ހަމައެހެން އާދަމް އާޒިމްގެ މާލެސިޓީ މޭޔަރ ކަމުގައި މިހިނގާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މާލެސީޓީން އާރުސީސީއަށް ފަހިވާގޮތަށް އެއްވެސް ކަމެއް ކޮށްދީފައެއް ނެތެވެ. 

ހަމަތެދެކެވެ. އާދަމް އާޒިމަކީ އަމިއްލަ މަސްލަހަތު ކުރިއަށް ނެރެގެން ރައްޔިތުންނަށް ހިދުމަތްކުރަން ހަވާލުވާ މީހެއްނޫނެވެ. އާދަމް އާޒިމް ހިންގިހާ ތަނަކަށް ބޮޑެތި ކާމިޔާބީތައް ލިބުނީ އަމިއްލަ އެދުން އިސްނުކޮށް ވާޖިބު އަދާކުރީމައެވެ. އާދަމް އާޒިމަކީ މުރާލި ހީވާގި އިހުލާސްތެރި ތެދުވެރި ހިންގުންތެރިއެކެވެ. މާލެއަށް ގެންނަން އެދޭ ހެޔޮ ބަދަލު ގެނެވޭނީ ތެދުވެރި ހީވާގި ހިންގުންތެރި އާދަމް އާޒިމް އަށެވެ.

މާލޭ މޭޔަރަކަށް އަނެއްކާވެސް އާދަމް އާޒިމް ގެންނަން ޖެހެލުން ނުވާށެވެ. ޝައްކު ނުކުރާށެވެ. މާލެ ސިޓީ ކައުންސިލާއި ސަރުކާރުގެ ބޮޑެތި ކުންފުނިތައް ހިންގަން ހުރެ އާދަމް އާޒިމް ނުވި އާރުސީސީއެއް މާލޭ މޭޔަރކަމުގައި ހުރެ ދެންވެސް ނުވާނެއެވެ.