ގިނަ ބަޔަކު ތިބީ މުއިއްޒަށް އިތުރަށް ވަގުތު ދޭގޮތަކަށްނޫން

ގިނަ ބަޔަކު ތިބީ މުއިއްޒަށް އިތުރަށް ވަގުތު ދޭގޮތަކަށްނޫން

މުއިއްޒުގެ ދޮގުފައްޗަށް އެތައް ދޮގެއް މިއަދު އަނެއްކާވެސް އިތުރުކޮށްލީއެވެ. ހުސްވިއަހަރު ކުރިކަންކަން ކަމަށް ބުނެ ދެއްކި އަމަލީ ކަމެއް ވިއްޔާ އެކަމަކީ ކުރީ ސަރުކާރުންކޮށް ރިބަން ކަނޑަން ތައްޔާރު ކޮށްފައި ހުރި ކަންކަމެވެ. 

ރަށެއްގައި ނިންމި ފެނާއި ނަރުދަމާގެ މަޝްރޫއެއް މަގެއް ފަޅެއް ކްލާސްރުމެއް ދަޑެއްވިޔަސް މުއިއްޒު ސަރުކާރުން އަލަށް ފަށައިގެން ނިންމި އެއްކަމެއް ނެތެވެ. ވެރިކަމަށް އަރާ އެންމެ ފުރަތަމަ މާލޭގައި ހުޅުވި ދުވަސްވީ މީހުންގެ ނާދީން ފެށިގެން އެންމެ ފަހުން ހޯރަފުށީގައި ހުޅުވި ހާފްވޭ ހައުސްއާއި ހަމަޔަށްވެސް މިދިޔަ އަހަރު ނިންމި ކޮންމެ ކަމަކާއި ފެށި އަމަލީ ކޮންމެ މަޝްރޫއަކީ ކުރީ ސަރުކާރުގެ މިންނަތް މަސައްކަތެވެ. ކާޅުހާލި ހެދީމާ ކޮވެލި ބިސްއެޅިއިރު ކުރީ ސަރުކާރުން ކުރިކަމަކަށް ނުވެއެވެ. އެކަމަކު ދަރަންޏާއި ގޯހުން ހިނގާ ހުރިހާކަމެއް އަދިވެސް ފޫޅު ކަނޑަނީ ކުރީ ސަރުކާރަށެވެ.

2025 ވަނަ އަހަރަކީ އަމަލީ މަސައްކަތުގެ އަހަރުކަމަށް މުއިއްޒު ބުނީމާ އަންނަނީ ހިންޏެވެ. މުއިއްޒަށް އެބުނެވުނީ 49.3 މިލިޔަން ރުފިޔާގެ ބަޖެޓެއް ލިބިގެންވެސް ހުސްވި 2024ގައި އެއްވެސް ކަމެއް ކޮށްނުދެވުނު ވާހަކައެވެ.

2025 ގައި އަމަލީ މަސައްކަތް ކުރާ ވާހަކައާއި 2026 ގައި ނަތިޖާ ފެންނާނެ ކަމަށް ބުނެ ރައްޔިތުން ޅޮސް އުނދޯއްޔަށް ލައިގެން ވަގުތު ހޯދަން އުޅޭނެ ކަމެއް ނެތެވެ. އެ ވަރެއް ނެތިގެން ގަދަފައި ވިއްދާފާ ހިއްކަންފެށި ރަސްމާލެއިން ހައެއްކަ ހެކްޓަރު ހުސްވި އަހަރު  ނުހިއްކުނު ސަރުކާރަކަށް މި އަހަރު ކުރެވޭނީ ވަކިން ކީއްހެއްޔެވެ. ނުވާނެއެވެ. ނުކުރެވޭނެއެވެ. 

ހުވަފެން ދައްކައިގެން ރައްޔިތުން ވައު ވައްދައިގެން ރައްޔިތުން ހިމޭނުން ތިބޭނެ ކަމަށް ހީނުކުރާށެވެ. ބޮލަށް ޗިޕްޖަހައިގެން މުއިއްޒަށް އޮބެހެއްޓޭނީ ގެންގުޅޭ ބޮޓުންކޮޅު އެކަންޏެވެ. ގިނަ ރައްޔިތުން ތިބީކީ މުއިއްޒަށް އިތުރު ވަގުތު ދޭގޮތަކަށް ނޫނެވެ.