ށަވިޔަންޏަށް ބަސްހަދަން ނޫޅެ ކަރާފަޅަން ދަޑަށްދޭ!

ފަސް އަހަރުން އަހަރަކު ބަހެއް އުފެއްދޭކަން ވެސް ރަނގަޅު

ށަވިޔަންޏަށް ބަސްހަދަން ނޫޅެ ކަރާފަޅަން ދަޑަށްދޭ!

ށ އިން ފަށަން ދިވެހިއްޔަތު މިނިސްޓަރު އުފައްދަނީ ކޮން މޮޑެލެއްގެ 5 ބަހެއް ހެއްޔެވެ. ށ އިން ބަސްތައް ފެށީމާ ހއ އާއި ހދ އަތޮޅު ރަށް ރަށަށް އޮތީ ކޮންގޮތެއް ހެއްޔެވެ. ހއ. އާއި ހދ އަށް ވެސް ބަސްތައް ދަނީ ށަވިޔަނިން ފަށައިގެން ހެއްޔެވެ. 

ށަވިޔަނިން ފެށޭ އެންމެ ފަސް ބަސް ފަސް އަހަރުން އުފައްދަނީ ލައްކަ އުދަނގޫ އުފެއްދުމަކަށް ވާތީތާއެވެ. ފަސް އަހަރުން އުފެއްދޭ ކަމަށް މިވަނީ އެންމެ ފަސް ބަހެވެ. 

ށަވިޔަނިން ފަށައިގެން މުޅި ރާއްޖެއަށް ދަތުރުކުރަން އުފައްދާ ފަސް ބަހަކީ ބިމާއި ކަނޑާއި ވައިގާ ދަތުރުކުރެވޭ ގޮތަށް އުފައްދާ ފަސް ބަހަކީ ތާއެވެ. ގިނަ ބަސްތަކެއް އުފައްދަން އެހެންވީމާ އުނދަގޫ ވާނެތާއެވެ. އަހަރަކު ބަހެއް އުފެއްދޭކަން ވެސް ރަނގަޅެވެ. 

އަންތަރީސް ވާވަރުގެ ކަމެކެވެ. ދިވެހި ރާއްޖޭގައި ދިވެހި ބަހުން ވާހަކަ ދައްކާ ލިޔެ އުޅޭތާ އެތައް ސަތޭކަ އަހަރު ވެއްޖެއެވެ. ށަވިޔަނިން ފެށޭ ލަފުޒެއް ނެތިގެން ދައްކަންޖެހޭ ވާހަކައެއް ނުދެއްކިގެން އުޅުނު ޒަމާނެއް މާޒީވެ ނުދެއެވެ. މިހާރަކު ވެސް އެކަން ބޮޑުވެގެން ދިވެހިއްޔަތު ވަޒީރު ނޫނީ ނޫޅެއެވެ.

ށަވިޔަންޏަކީ ދިވެހި ބަހުގައި ހާއްސަ ސިފައެއް ލިބިގެންވާ އަކުރެކެވެ. އާއެކެވެ. ށަވިޔަންޏަކީ ދިވެހިބަހުގައިވާ ތަފާތު ހާއްސަކަމެއް ދައްކާދޭ ހާއްސަ އަޑަކާއި އަކުރެކެވެ. ށަވިޔަނިން ފެށޭ ލަފުޒެއް ނެތި ލިޔުމާއި ވާހަކަ ދެއްކުމުގައި ށ ގެ އަޑު އޮންނަ އޮތުމަކީ ދިވެހި ބަހުގައި އޮތް ހާއްސަ ސިފައެކެވެ. ބަހެއްގައި އޮންނަ ކޮންމެ އަކުރަކުން ނުވަތަ އަޑަކުން ފެށޭ ބަހެއް އޮތުން ލާޒިމު ވުމަކީ ބަހަވީ ހަމައެއް ނޫނެވެ. ށަވިޔަނިން ފެށޭ ލަފުޒެއް ނެތުމަކީ ދިވެހިބަހުގެ އުނިކަމެއް ފަގީރު ކަމެއް ނޫނެވެ. އެހެނެއް ކަމަކު އެއީ ދިވެހިބަހުގެ ފުރިހަމަކަމެވެ. މޮޅުކަމެވެ. 

މޮޅުކަން ދައްކަން އައުކަމެއް ކޮށްނުލެވުނިއްޔާ އާދަން ނަސީރާއި މުއިއްޒުގެ މޮޅުކަމެއް ނެތްކަމަށް ގަބޫލު ކުރެވެނީ ތާއެވެ. ދިވެހިބަސް ލާފުރާ ފުރިހަމަ ވާނީ ށަވިޔަނިން ފެށޭ ފަސް ބަހެއް ހެދުނީމާ ހެއްޔެވެ. ށަވިޔަނިން ފެށޭ ފަސް ލަފުޒެއް ހެދުން ނޫނީ ދިވެހިބަސް ކުރިއަރުވަން ކުރަން ހުރި ހުރިހާ ކަމެއް ކޮށް ނިމިފައި އޮތީ ހެއްޔެވެ. ށަވިޔަނިން ފެށޭ ފަސް ބަސް ހެދުމަށް ފަހެއް އެއީ ކޮންތާކުން ހޯދި އަދަދެއް ހެއްޔެވެ. ށަވިޔަންޏަށް ފަސް ބަސް ހަދާއިރު ޏަވިޔަނިން ޏަމްޏަމް ކިޔާލަ ކިޔާލަ ތިބެންވީ ހެއްޔެވެ.   

މާތްކަލާކޯއެވެ. މީހުންގެ އަނގަގޮއްވަން ށަވިޔަންޏަށް ބަސް ހަދަން ނޫޅެ ކަރާފަޅަން ދަޑަށް ދާށެވެ. ނޫނީ ރަށު އަތިރިއަށް ނިކުމެ ޒާތަކުގެ ތަފާލެއްގައި ދަނޑިން ތެޅިއްޔާ މާތާހިރު ވާނެއެވެ. އޭރުން ގައިމު ގަޔަށް ތިކިބުރާނެއެވެ.