އިންޑިޔާގެ މޯހިރުން ފައިދާ ނުހޯދާ ރިޔާސީ ކެންޑިޑޭޓެއް ނެތް
ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ އަޅުވެތިކުރުމެއް އަޅުވެތިވުމެއް ނެތް ގުޅުމެއް
ސަރަހައްދުގައި އޮތް ރާއްޖެއާ އެންމެ އެކުވެރި އެންމެ އެހީތެރި ގައުމަކީ އިންޑއާއެވެ. ބޭސް ފަރުވާއާއި އެހެނިހެން ޒަރޫރީ ބޭނުން ތަކުގައި އެންމެ ގިނަ ދިވެހިން އެހިތެރިކަން ހޯދަނީ އިންޑިއާ އިންނެވެ. ރާއްޖޭގައި ޑޮކްޓަރުންނާ ނަރުހުންގެ ގޮތުގައި ގިނައިން ތިބީ އިންޑިއާ މީހުންނެވެ. ދިރިއުޅުމުގެ އެންމެ އަސާސީ ބާވަތްތައް އެތެރެކޮށް ބޭނުން ކުރަނީ ވެސް އިންޑިއާ އިންނެވެ. ރާއްޖެ ދުށް ކުއްލި ނުރައްކަލުގެ ހާލަތް ތަކުގައި އެންމެ ފުރަތަމަ އެހީތެރިކަން ލިބެނީ އިންޑިއާ އިންނެވެ. މިއީ މިއަދަކު އިއްޔެއަކު އެކަނި އޮތްކަމެއް ނޫނެވެ. އޮތް ގޮތެއް ނޫނެވެ. ޒަމާނުއްސުރެ ކަން ހިނގަމުން އައިމަގެވެ.
ސުނާމީ ހާދިސާއާއި ގުޅިގެން ލިބުނު މަދަދާ އެހީއާއި މާލޭގެ ފެނަށް ޖެހުމުން ލިބުނު ކުއްލި އެހީތެރިކަމާއި ކޮވިޑްގެ ހާލަތުގައި އިންޑިއާއިން ފޯރުވާ ދިން އެހީތެރިކަން ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ. އެއްގޮތަށްވުރެ ގިނަ ގޮތް ގޮތުން ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ އަޅުވެތި ކުރުމާ އަޅުވެތިވުމާ އެއްވެސް ގުޅުމެއް ނެތް އެކުވެރި އަހުވަންތަ ގުޅުމެކެވެ.
ދުރުނޫން މާޒީއެއްގައި ރާއްޖެއަށް ދިމާވި އެންމެ ނުރައްކާތެރި އުދުވާނުގައި ރާއްޖެ އެހީތެރިކަން ހޯދީ އިންޑިއާއިންނެވެ. ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލައިގައި ރަހީނު ކުރި މީހުން ސަލާމަތްކޮށް އެމީހުނަށް ފަރުވާކޮށް އަނބުރާ ރާއްޖެއަށް ގެނެސް ދިނީ އިންޑިއާ އަސްކަރިއްޔާއިންނެވެ. ނޮވެންބަރު ތިނެއްގެ ހަދިސާއާއި ގުޅިގެން އިންޑިޔާގެ އަސްކަރީ މަނަވަރުތާކައި އެތައް ހާސް ސިފައިންނެއް ރާއްޖެ އައިސް ދެއަހަރެއްހާ ދުވަހު ރާއްޖޭގައި ހަރަކާތް ތެރިވިއެވެ. އެ ދުވަހު ވެސް އިންޑިއާ ސިފައިން ރާއްޖޭން ދެން ނުފައިބާނެ ކަމަށް ބަޔަކު ދުއްޓެވެ. އެހެން ނަމަވެސް އައިބޭނުން ނިމުމާއެކު ދިވެހި ސަރުކާރުން އެދުނު ގޮތަށް އެމީހުން ރާއްޖޭން ފޭބިއެވެ.
ރާއްޖޭގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް ބިނާކޮށްދީ އެތަން ހިންގާ ދިނުމަށް އިންޑިއާއިން މީހުން އައިސް ތިބި ތިބުމަކީވެސް އިންޑިއާއިން ރާއްޖެ އަޅުވެެތި ކުރަން ކުރިކަމަށް ވާހަކަ ދެއްކިބަޔަކު ދެއްކިއެވެ. އެކަން ނިމުނީ ދިވެހި ސަރުކާރާ އެއްބަސްވީ ގޮތަށް އެތަން ހިންގުން ދިވެހި ސަރުކާރާ ހަވާލުކޮށް ދިވެހިރާއްޖޭގެ މައިހޮސްޕިޓަލްގެ ގޮތުގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް ހަމަޖެހިގެންނެވެ. އިންޑިއާ މީހުން އެތަނަށް ވެރިވެ ގަނެގެން ނުތިބެއެވެ.
އައްޑޫގައި ބިނާކުރި ޕޮލިސް އެކަޑަމީ އަޅަމުން ދިޔައިރު ވެސް އެ ތަނަކީ އިންޑިޔާގެ މިލިޓަރީ ބޭހެއް ކަމަށް ސިފަކޮށްގެން ފިތުނަވެރި ވާހަކަތައް ފެތުރިއެވެ. އާހިރުގައި އައްޑޫ ޕޮލިސް އެކަޑަމީއަކީ ވެސް ދިވެހި ފުލުހުންގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ދިވެހިންގެ ތަނެއްގެ ގޮތުގައި އެ ހުރެ ހިނގަމުން ދަނީއެވެ. އެ ތާކު އިންޑިއާގެ މިލިޓަރީ އެއްވެސް ހަރަކާތެއް ނުހިނގައެވެ. މިލިޓަރީ ބޭހެޢް ނެތެވެ.
އުތުރު ތިލަފަޅުގެ ވާހަކައަކީ ވެސް އެޒާތުގެ ވާހަކައެކެވެ. އުތުރު ތިލަފަޅަކީ ރާއްޖޭގެ ދިފާއީ ބާރުގެ ބޭނުމަށް ފައްކާ ކުރެވޭ މިލިޓަރީ ޑޮކްޔާޑެކެވެ. އުތުރު ތިލަފަޅުގައި ފައްކާ ކުރާ މިލިޓަރީ ޔާޑް ތައްޔާރުކޮށް ދެނީ އިންޑިއާއިންނެވެ. ތަނަކީ އަސްކަރީ ބޭނުމަށް ފައްކާ ކުރެވޭ ތަނެއް ކަމުން އެކަމުގައި އިންޑިއާގެ އަސްކަރިއްޔާގެ މަދަދާ އެހީތެރިކަން ފަންނީ ގޮތުންނާއި އަމަލީ މަސައްކަތުގައި ދިވެހި އަސްކަރިއްޔާއަށް ދެމުން ގެންދެވެނީ އެއްބަސްވެފައިވާ އެއްބަސް ވުމެއްގެ ދަށުންނެވެ. އުތުރު ތިލަފަޅު އެއްބަސްވުމާ އެއްގޮތަށް ފައްކާވެ ނިމުމުން އެ މަސައްކަތުގައި އައިސް އުޅޭ އިންޑިއާ އެކަކު ވެސް އެތާކު ނޫޅޭނެއެވެ.
ސިޔާސީ ވާދަވެރިން ރައްޔިތުންނަށް އޮޅުވާލާ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ފަތުރާ ފިތުނައިގައި ޖެއްސޭނީ މަދު ބަޔެކެވެ. ރާއްޖޭގައި އެއްވެސް ގައުމެއްގެ މިލިޓަރީ ބޭހެއް ނެތީސް އަދި އެފަދަކަމެއް ކުރުމުގެ އެއްވެސް ވިސްނުމެއް ނެތީސް ގައުމީ ސަލާމަތާ ގުޅުވައިގެން ދޮގު ތުހުމަތުތައް ފެތުރުމުގެ ނުރައްކާތެރި ކަމާމެދު ވިސްނާ ނުލާތީ ދެރައެވެ. ބޭރު ގައުމެއްގެ މިލިޓަރީ ބޭހެއް ހަދާނަމަ އެކަން ކުރަން އޮންނަ ބައިނަލް އަގުވަމީ ހަމަތަކަކާއި ގާނޫނީ އުސޫލުތަކެއް އޮންނަކަން އެނގިތިބެ ސަރުކާރުން އެވަރުކަމެއް ކުރާކަމުގެ ދޮގު ތުހުމަތު އަޅުވައިގެން އަވައްޓެރި އިންޑިއާ އާ ސިޔާސީ ގޮތުން ދިމާކޮށްލުމަކީ ރާއްޖޭގެ ވެރިކަން ހޯދަން އުޅޭ ބަޔަކު އަމިއްލަ އަތައް ގޮއްވާލުން ފަދަ ކަމެކެވެ.
ގަބޫލު ކުރަން ބޭނުން ނުވިޔަސް ތިމަންމެންނަށް ވުރެ ހުރިހާ ގޮތަކުން ބާރުގަދަ ނުފޫޒު ގަދަ ގައުމެއްގެ އަސްކަރިއްޔާއާއި ޖައްސާލައިގެން އުޅުމަކީ އެ ބަޔަކާ ހަނގުރާމަ އިއުލާނު ކުރުން ކަހަލަ ބިރުވެރި ކަމެކެވެ. ވެރިކަން ކިތަންމެ ބޭނުން ވެގެން އިންޑިއާއަށް ބަދުބަސް ރައްދުކޮށް ބޭރު ކުރަން އުޅުނަސް އިންޑިޔާގެ މޯހިރުން ފައިދާ ނުހޯދާ ރިޔާސީ ކެންޑިޑޭޓެއް ނެތެވެ. ބަތާކައިގެން ތިބެ ސިޔާސީ ބާރުވެރިކަން ހޯދަން އިންޑިއާ ވިއްދާ ނުލިޔަސް ކުރާނެ އެހެން ކަންތަކާއި ދައްކާނެ އެހެން ވާހަކަ ވެސް ހުންނާނެއެވެ.