ސިޔާސީ ވަޒީފާ ދެނީ ރައީސަށް ހަރާން ކޯރުވާކަށް ނޫން
ސިޔާސީ ވަޒީފާގައި ތިބޭ އެންމެން ބޯލަނބާން ޖެހެނީ ރައީސުލްޖުމްހޫރިއްޔާއަށް
އެމްޑީޕީ ސްލޮޓްކުގައި ވަޒީފާތައް އަދާކުރާ ބޭފުޅުން ތިއްބެވި ވަޒީފާތަކީ އެމްޑީޕީ މެމްބަރުން ދިން ވަޒީފާތަކެއް ނުނޭ ބުނީ ކާކު ހެއްޔެވެ. ޕެޕަސްޕްރޭ ޖެހުނުހާ އެމްޑީޕީ މީހުނަށް ވަޒީފާ ނުދޭނަމޭ ގޮވީ ކާކު ހެއްޔެވެ. ހަމަ ގައިމު ރައީސް ސާލިހެއް ނޫނެވެ.
ސަރުކާރުގެ ސިޔާސީ ވަޒީފާ ތަކަކީ އީވާއާއި އަންނިމެން ގޭ ބަދިގޭގެ އުނދުނު ފުއްޑަނުން އުފެދުނު ވަޒީފާތަކެއް ނޫނެވެ. ސިޔާސީ މަގާމު ތަކަށް މީހުން ލުމާ ވަކިކުރުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނޫ އަސާސީން ދީފައެވެ. އެ މަގާމު ތަކުގައި ތިބެން ޖެހޭނީ ސަރުކާރުގެ ސިޔާސަތަށް އިހުތިރާމްކުރާ އެސިޔާސަތުތައް ދިފާއުކޮށް ތަންފީޒު ކުރާ ރައީސަށް ވަފާތެރި ބައެކެވެ.
ވެރިކަން ހިންގާ ކޯލިޝަން ޕާޓްނަރަކަށް ވީތީ ސަރުކާރުގައި ބައިވެރިވާ ޕާޓީ ތަކަށް ސިޔާސީ ސްލޮޓް ތަކެއް ލިބުމަކީ އެ ސްލޮޓް ތަކުގައި މަގާމް ލިބޭ ބަޔަކު ރައީސުލްޖުމްހޫރިއްޔާއަށް ހަރާން ކޯރުވުމަށް ދޭ ފުރުސަތެއް ނޫނެވެ. އެގޮތުން އެމްޑީޕީ ސްލޮޓްގައި ބަޔަކަށް ވަޒީފާ ދިނުމަށް ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީގެ ރައީސަށް ދިން ދިނުމަކީ ސަރުކާރު ވާގިނައްތާލަން ވައިރަސް ތަކެއް ސަރުކާރު ތެރެއަށް ވަންދަން ރައީސް ނަޝީދަށް ރައީސުލްޖުމްހޫރިއްޔާ ދިން ފުރުސަތެއް ނޫނެވެ.
ސަރުކާރުން ފުރުސަތު ލިބުނު ފަނިފަކުސައާއި އީވާމެނަށް ނޭނގުނު ކަމަކީ އެމްޑީޕީގެ އިސްލީޑަރަކީވެސް ރައީސް ސާލިހުކަމެވެ. އެމްޑީޕީގެ ހުރިހާ ގުނަނެއްގެ މެޖޯރިޓީ އޮތީ ރައީސް ސާލިހާ އެކުގައި ކަމެވެ. ޕާޓީގެ ހައިސިއްޔަތުން ވިޔަސް ގައުމީ ހައިސިއްޔަތުން ވިޔަސް ސަރުކާރުގެ ސިޔާސީ ވަޒީފާ ތަކުގައި ތިބި އެންމެން ބޯލަނބާ ކިޔަމަން ވާން ޖެހެނީ ރައީސް ސޯލިހަށް ކަމެވެ.
އެމްޑީޕީގެ ސްލޮޓްގައި ވަޒީފާ ލިބިފައި ތިބީތީ އެމްޑީޕީގެ އިސްލީޑަރަށް ވަފާތެރިނުވެ އިހުލާސްތެރި ނުވެ އެމްޑީޕީގެ ރައީސަށް ވެސް ބޯލަނބާކަށް ނުޖެހެއެވެ. އަމްދުން އިދިކޮޅަށްވުރެ އިދިކޮޅު އީވާމެނަށް ބޯލަބަން ޖެހޭ ސަބަބެއް ނޯންނާނެއެވެ.
އެތެރޭގެ ފިއްތުންތައް އިންތިހާއަށް އޮތް އިރުވެސް ފާހަގަ ކޮށްލެވޭ ރަނގަޅު ސިފަތަކެއް ރައީސް ސާލިހުގެ ފަރާތްޕުޅުން ފެނެއެވެ. ކެތްތެރި ކަމެވެ. ބަދަލު ނުހިއްޕެވުމެވެ. ޖަދަލު ނުކުރެއްވުމެވެ. އަނެއްކޮޅުން ރައީސް ސާލިހުގެ ކުޅަދާނަފުޅު ކަމަކީ ޖާސޫސުންނާއި ހަސަދަވެރިންނާއި ވާދަވެރިންނާއެކު ތައައްސުބެއް ނެތި ބާކީ ނުކޮށް މަގާމުން ވަކިނުކޮށް އެކުގައި ދައުރެއް ނިންމާލައްވާ ކަމެވެ.