އީވާމެންގެ ދުވަސް އެމްޑީޕީގައި މާޒީވެ ހިނގައްޖެ!
އެމްޑީޕީ މިހާރު އޮތީ ގޮށްމުށުން މިނިވަންވެ މެޖޯރިޓީގެ ބާރުވެރިކަމުގެ ދަށުގަ
ސަރުކާރަށް ހަތަރު އަހަރު ނިމިގެން ދިޔައިރު އެއްވެސް ކަމެއް ހާސިލް ކުރެވިފައި ވާތަނެއް އީވާއަކަށް ނުފެންނާނެއެވެ. އީވާ އަނދިރި ނޫންނިއްޔާ ސަރުކާރުން މިހާރު މިކުރެވޭ ހެޔޮވެރިކަން ފެންނާނެއެވެ. ދިމާލަށް ފެންނަން ހުރި ރަނަގަޅު ކަންކަން ނުފެންނާނީ އަނދިރި ވީމައެވެ. އީވާއަށް އަބަދުހެން ފެންނަނީ ނުހިނގާ ނުބައި ކަންކަމެވެ. ހިނގާ ރަނގަޅު އެއްވެސް ކަމެއް ނުފެނެއެވެ. އީވާގެ ލޮލުން ބެލީމާ އަންނި ނޫން މީހަކަށް ހެޔޮކޮށް ކަމެއް ކުރެވޭތީއެއް ނުފެންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޭނާގެ ވާޖިބުތައް އަދާ ކުރުމަށް އިސްކުރާ ސިޔާސީ ވެރިން ވެސް ވާންޖެހެނީ އީވާ ބުނާ ބަޔަކަށެވެ. އެމީހުން ކުރާން ޖެހެނީވެސް އިވާމެން ބުނާ ކަންކަން އީވާމެން ބުނާ ގޮތަކަށެވެ. ރައީސުލްޖުމްހޫރިއްޔާ ވެސް ވާންޖެހެނީ އީވާމެންގެ ގޮނޑިކޮއްކޮ އަކަށެވެ. އީވާމެން ބުނާ ގޮތުން ހީވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައީސް ސާލިހު ހޮވާފައި އެހުރީ އީވާމެން އެކަނި ވޯޓު ދީގެންހެނެވެ. ނުފޫޒު ފޯރުވަން އުޅުނަސް ބޮޑުވަރެވެ.
ރައީސް ސާލިހަކީ އެމްޑީޕީގެ ޓިކެޓްގައި ރައީސް ކަމަށް އިސްވެ ހުންނެވި ބޭފުޅެކެވެ. އެމްޑީޕީއާއި އެނޫން އެތައް ބަޔަކު ވޯޓު ދީގެންނެވެ. ރައީސް ސާލިހު ސަރުކާރުގެ މައި ޕާޓީއަކީ އެމްޑީޕީކަން އެކަކަށްވެސް ނޯޅެއެވެ. ހޮދު ރައީސް ސަރުކާރު ހިންގަވަނީ އެމްޑީޕީގެ މަސްލަހަތުތައް ހިފަހައްޓަވައިގެން އެ ގޮތުގެ މަތީންނެވެ.
ހަމަ ތެދެކެވެ. ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ހިންގަނީ އަސާސީ ގަވައިދަކާއި ކޮންގްރަސްއިން ކަނޑައަޅާ ގޮތަކަށް ގައުމީ މަޖިލީހުގެ ނިންމުންތަކާއެއް އެއްގޮތަށެވެ. ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރަނީ ޕާލަމެންޓްރީ ގްރޫޕެވެ. އެ ގްރޫޕްގެ މެޖޯރިޓީ ވެސް އޮތީ ސަރުކާރާ އެކުއެވެ. ސަރުކާރު އެމްޑީޕީ ވާނީ މިހާކަށް ވަރަށެވެ.
ރައީސް ސާލިހު ސަރުކާރު ހިންގަވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ލަފަޔާ އިރުޝާދާއެކު ގައުމީ މަޖިލީހުގެ ނިންމުތަކާއި ޕާލަމެންޓްރީ ގްރޫޕްގެ ތާއީދާއި އެއްބާރުލުން ލިބިގެންނެވެ. އަމްދުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ ހިލާފަށް އެމްޑީޕީގެ ނަމުގައި ސަރުކާރުން އެއްވެސް ކަމެއް ނުހިންގައެވެ. އެނޫން ގޮތަކަށް އެމްޑީޕީގެ އެއްވެސް ކަމެއް އަދި ސަރުކާރުގެ ކަމެއްވެސް މިހާރަކު ނުހިނގައެވެ. ހިންގާކަށް ނުވެސް ޖެހެއެވެ. އެމްޑީޕީގެ ކަންކަން ހިނގަނީ މެޖޯރިޓީ އޮތް ގޮތަކަށެވެ. އަންނިއާއި އީވާއާއި އިދިކޮޅަށްވުރެ އިދިކޮޅުވެގެން އުޅޭ ބައިގަޑެއް ރުހޭހާ ގޮތަކަށް ނޫނެވެ.
އިވާ ވިޔަސް އަންނި ވިޔަސް އެމްޑީޕީގެ މެޖޯރިޓީއަށް ޖެހޭނީ ތަބަވާށެވެ. ހޮދު މުހުތާރު ނުފޫޒެއް ޑިމޮކްރެޓިކް ވެއްޓެއްގައި އީވާ މެންނަކަށް ވެސް އަބަދަކު ނުހިންގޭނެއެވެ. ނުފޫޒާ ބާރުން ކަންކަން ކުރައްވަނީ ރައީސް ސާލިހެއް ނޫނެވެ. ނުފޫޒާ ބާރުން ކަންކަން ކުރަން ބޭނުންވެ ނުކުރެވިގެން ތިޔަ އުޅެނީ އީވާމެނަށެވެ. އެ ދުވަސް އެމްޑީޕީގައި މާޒީވެ ހިނގައްޖެއެވެ. އީވާމެންގެ ގޮށްމުށުގެ ވަކިތަކުން އެމްޑީޕީ މިހާރު އޮތީ މިނިވަންވެ މެޖޯރިޓީގެ ބާރުވެރިކަމުގެ ދަށަށް ގޮސްފައެވެ.
ފިސާރި ތެދެކެވެ. ސަރުކާރަށް ނިސްބަތްކޮށް ފަސާދައާއި ކޮރަޕްޝަންގެ ވާހަކަ އީވާމެން ނުދައްކާށެވެ. ސަރުކާރަށް އިނގިލި ދިއްކުރާ ކޮންމެ ފަސާދައަކާއި ކޮރަޕްޝަނެއްގެ ފަހަތުގައި އިވާމެންގެ ބައިވެރިވުން އޮތްވަރު ދާދި އަވަހަށް ފެންނާނެއެވެ. ވަގުހަންލައިގެން އަބަދަކު ނޫޅެވޭނެއެވެ. ފަރިތަ ދުލެއް އޮތުމުން ތިބިއްޔާ ތިބި ބަޔަކު ބަދުނާމުކޮށް ވަގުމަތި އަޅުވާ ހެދުނު ދުވަސް މިދަނީ މާޒީ ވަމުންނެވެ. ތިމަ ތިމާމެން ކުޅަހާ ކަންކަމާއި ހިންގިހާ ޖަރީމާ ރައްޔިތުންނަށް ތިލަވެ ހަގީގަތް ހާމަވުމުން ވެސް ލަދެއް ހަޔާތެއް ނުހުންނާނެކަން އެނގެއެވެ.