ޔާމީނަށް ބައިނާޅާ ތިޔަހެނެއް ނުވިއްކޭނެ!
ތިލަފުށީ ބިންތަކުން ވެސް ޔާމީނަށް ބައި ނާޅާ ދޫކުރާކަށް ލާހިކެއް ނޫން
ދުނިޔޭގެ ފެންވަރުގައި އިންޑަސްޓްރިއަލް މަސައްކަތް ތަކަށް ރާއްޖެ ހުޅުވާލުމަކީ ރާއްޖޭގެ އިގުތިސާދު ފުޅާވެ ރާއްޖެ ކުރިއަރާ ދާނެ ކަމެކެވެ. ގައުމުތައް ތަރައްގީ ވެގެން ގޮސްފައި ވަނީ ދުނިޔެއަށް ހުޅުވާލައިގެން އެ ގައުމެއްގައި ނެތް ގާބިލުކަން ބޭރުން އެތެރެ ކޮށްގެންނެވެ. ބޭރަށް ރާއްޖެ ހުޅުވާނުލާ ފާލުން ބޮނބި ފާކޮށްގެން ބޮނބި ތަޅާލަ ތަޅާލާ ތިބި ނަމަ އަދިވެސް ދިވެހިން ތިބީހީ އެހެނެވެ.
ޓޫރިޒަމް ނޫން އެހެން ސިނާއަތް ތަކަށް ރާއްޖެ ހުޅުވުމުގެ މުހިންމުކަން ކޮވިޑް19 އިން ތަޖުރިބާ ކުރެވިއްޖެއެވެ. އެހެން ކަމުން އިންޑަސްޓްރިއަލް މަސައްކަތްތައް ރާއްޖޭގައި ކުރުމަށް ސަރުކާރުން ބޭނުމެވެ. އިންޑަސްޓްރިއަލް މަސައްކަތް ހިންގުމަށް ބޭނުންވާ ދިވެހިންނަށް އެ ފުރުސަތު ތިލަފުށިން އޮތީ ހުޅުވިފައެވެ. ދިވެހިންނަށް ހާއްސަކޮށްގެން ދެފުށް ފެންނަ ގޮތަށް ބިޑް އުސޫލުން ބިންތަކެއް ތިލަފުށިން ދޫކުރަން މި ސަރުކާރުން މިހާރު ހަމަޖައްސައިފިއެވެ. ދިވެހިންނަށް ހުޅުވާލެވުނު ފުރުސަތާއެކު ދުނިޔޭގެ ފެންވަރުގައި އިންޑަސްޓްރިއަލް މަސައްކަތް ކުރަން ޝައުގުވެރި ބޭރުގެ ފަރާތް ތަކަށް ހާއްސަކޮށްގެން ބިން ތަކެއް ދޫކުރަން ވަނީ ހަމަޖައްސާފައެވެ. އޯޕަން ބިޑް އުސޫލުންނެވެ. ގާބިލު ފަރާތްތައް ބަލާ ދައުލަތަށް އެންމެ ނަފާވެރި ގޮތަކަށް އިސްކަން ދީގެނެވެ. ގޮތް ނޭނގޭ ކަރުދާހު ކުންފުޏަކަށް ބިޑެއް ކާމިޔާބު ނުކުރެވޭ ގޮތަށް ރަނގަޅަށް ބަލާ މޮނިޓަރ ކުރެވޭ ނިޒާމެއްގެ ދަށުންނެވެ. ގާނޫނީ ހަމަތަކަށް ފައްތައިގެންނެވެ.
ރާއްޖޭގެ ކުރިމަގަށް އެއްވެސް ކަމެއް ރަނގަޅަށް ކުރިޔަ ނުދިނުމަކީ ބަޅުރުކު އަހުލުވެރިން މާ ކުރާ ހިތްވާ ކަމެކެވެ. ޔާމީނު ވެރިކަމުގައި ނެތިއްޔާ އެކަކު އެއްކަމެއްވެސް ކޮށްގެން ނުވާ ކަހަލައެވެ. އެހެން ކަމުން ގާނޫނީ ހަމަތަކުގެ މަތިން ރާއްޖެއަށް އެންމެ ނަފާވެރި ގޮތަށް ތިލަފުށީ އިންޑަސްޓްރިއަލް ޒޯނުން ބޭރު ކުންފުނި ތަކަށް ބިން ދޫކުރާން އުޅޭތީ އެކަމާ ދެކޮޅަށް ބަޅުރުއް ތެދުވެއްޖެއެވެ. ތިޔަހެނެއް ނުވިއްކޭނެއޭ ގޮވަމުންނެވެ.
އާނއެކެވެ. ދެފުށް ފެންނަ އޯޕަން ބިޑަކުން އެއްވެސް ބަޔަކަށް ހަލާލުގޮތުގައި އެއްޗެއް ލިބެންޏާ ބަޅުރުއް ޕާޓީ ކުދިން ދެރަވާނެއެވެ. ޔާމީނަށް ހަލާލު ހުކުމެއް އަޔަތީވެސް ބަޅުރުއް އެއުޅެނީ އެކަމާ އަމަށަކު މޮޅިއަކުން ނޫނެވެ. އަމްދުން ބިމެއް ބަޔަކަށް ދޫކުރަންޏާ ޔާމީނަށް ބައިނާޅައިގެން އެވެރިންނަށް ވަރަށް އަސަރު ކުރާނެއެވެ. ޔާމީނަށް ބައިނާޅާ ތިޔަހެނެއް ނުވިއްކޭނެ ކަމަށް ގޮވާނެއެވެ. ވިއްކިޔަކަވެސް ނުދޭނެއެވެ. ކޮންމެ ބިމެއް ނަގާ ބަޔަކުވެސް ޔާމީނުގެ އެކައުންޓަށް މަދުވެގެން މިލިޔަން ޑޮލަރު ޖަމާނުކުރާ ގޮތަކަށް ރާއްޖޭން ބިމެއް ބަޔަކަށް ދީގެނެއް ނުވާނެއެވެ. ޔާމީނަށް ބައިނާޅަންޏާ ބަޅުރުއް ތެދުވާނެއެވެ. ގައުމާ ވަޒަނަށްޓަކައެވެ. އެމްއެމްޕީއާރުސީން ދޫކުރިހާ ރަށްރަށް ނެގިހާ މީހުން ޔާމީނުގެ އެކައުންޓަށް މިލިޔަނުން ޑޮލަރު ޖަމާ ކުރިހެން ތިލަފުށީ ބިންތަކުން ވެސް ޔާމީނަށް ބައި ނާޅާ ދޫކުރާކަށް ލާހިކެއް ނޫނެވެ.