ބުޅަލަށް ވާވަރުވެސް ނުވާތީ މުދާއުފުލާ އުޅަނދުތައް މުޒާހަރާއަށް

ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮތްގޮތުން މުދާއުފުލުމުގެ ސިނާއަތަކީ ކުރިއަރަމުން އައި ވަރުގަދަ ސިނާއަތެކެވެ. މިލިޔަނުން ހޭދަކޮށްގެން އުޅަދު ފަހަރު އުފައްދައިގެން ދިރެމުން ކުރިއަރަމުން އައި ސިނާއަތެކެވެ. ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މައިބަދައަކީ މުދާއުފުލާ އުޅަނދު ފަހަރެވެ.
މުއިއްޒު ވެރިކަމަށް އެރިގޮތަށް އަރާ ރާއްޖޭގައި އާއްމު ރައްޔިތުން އާމްދަނީ ހޯދަން ކުރަމުން އައި ހުރިހާކަމެއް އެނގިގެން ނަމަވެސް ނޭނގިނަމަވެސް ދަނީ ފުޑާލުމުންނެވެ. ރަނގަޅަށް ކަންކަން ރާވާ ހިންގަން ނޭގުމުގެ ސަބަބުން އެތައް ވިޔަފާރިއަކާއި މަސައްކަތެއް ވަނީ ނޭވާ ހޮޅިއަށް އެޅިފައެވެ.
އެތައް މިލިޔަން ރުފިޔާގެ އަގުހުރި މުދާ އުފުލާ އުޅަދު ފަހަރަށް ރައްކާތެރިކަން ހޯދާދިނުމަކީ ސަރުކާރުގެ ޒިންމާއަކަށް ނުވިއެވެ. ރައްޔިތުންގެ އަގުބޮޑު މުދަލަށް ކޮންމެ ގޮތެއްވިޔަސް ރައީސް މުއިއްޒަތް ފަރުވާލެއްނެތެވެ. ދިވެހި ރައްޔިތުންގެ އާއްމު ދިރިއުޅުމާ ގުޅިފައވާ މުދާ އުފުލާ އުޅަދުތަކަށް ސަލާމަތާ ރައްކާތެރިކަން ދިނުމުގައިވެސް މުއިއްޒު ފޭލިވެއްޖެއެވެ.
ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް ހުވާކޮށްގެން ވެރިކަމުގައި ހުރި މުއިއްޒުގެ ކުރިމަތީގައި ބުޅަލަށް އޮތް ހައްގުވެސް މުދާއުފުލާ އުޅަނދު ފަހަރަކަށް ނެތެވެ. މުދާ އުފުލާ އުޅަދުތައް އަޅާފައި ބާއްވާނެ ތަނެއް މާލެ ސަރަހައްދުން ދިނުމުގައި މުއިއްޒު ސަރުކާރުވަނީ ނުކުޅެދިފައެވެ. މާލޭ ފަޅެއް ހުޅުމާލެ ފަޅެއް ވިލިމާލެ ފަޅެއް ކިޔާނެ ކަމެއްނެތެވެ.
މިހާތަނަށް މުދާއުފުލާ އުޅަނދު ފަހަރު އަޅަމުން އައިސްފައިވަނީ ހުޅުމާލެ ފަޅުތެރޭގައެވެ. އެހެންނަމަވެސް އެއްވެސް އުޅަނދަކަށް ނުވަދެވޭ ގޮތަށް އެ ސަރަހައްދު އެކީ އެކަަށް އެޗްޑީސީން ވަނީ ބަންދު ކޮށްފައެވެ. ސަރަހައްދު ބަންދުކުރީ މުދާއުފުލާ އުޅަނދުފަހަރު އަޅާނެއެއްވެސް ތަނެއް ދެއްކުމެއް ނެތިއެވެ.
މުދާއުފުލާ އުޅަދު ފަހަރު އަޅާނެ ތަނެއް ދެއްކުމެއްނެތި ސަރަހައްދު ބަންދުކުރުމުން އެއުޅަދުތަކަށް ވަނީ ގޮތް ހުސްވެފައެވެ. ހައްލެއް ހޯދާދިނުމަށް އެދި ތަކުރާރުކޮށް އެޗްޑީސީއާއި ވާހަކަ ދެއްކުމުންވެސް އެއްވެސް ގޮތެއް ދައްކައެއް ނުދިނެވެ. ކިޔަމަންތެރި ކަމާއި ސުލްހަވެރި ކަމުގައި ގޮތް ހޯދަން ކުރި މަސައްކަތް މުދާއުފުލާ އުޅަދުފަހަރަށް ވަނީ ނާކާމިޔާބުވެފައެވެ.
ރައްޔިތުންގެ އެތައް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ އަގުބޮޑު މުދަލެއް ކަމުގައިވާ މުދާއުފުލާ އުޅަދުފަހަރު އަޅާފައި ބާއްވާނެ ތަނެއް ހޯދަންވެސް މުޒާހަރާ ކުރުން ނޫންގޮތެއް ނެތެވެ. ސަރުކާރު ހޫނު ފެނަށް ވައޓަލައިގެން ނޫނީ އެވަރުކަމަކަށްވެސް ހައްލެއް ހޯދާދޭކަށް މުއިއްޒަކަށް ނޭނގޭނެއެވެ.