ރައްޔިތުންގެ އަޑަކީ ހިމޭން ކުރެވޭނެ އެއްޗެއް ނޫން: ޝާހިދު

ރައީސް މުޢިއްޒު މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރެއްވުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް މީޑިއާގެ އަނގަ ބަންދުކުރުމަށް ކުރެވޭ ކަމެއްކަން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށް ކުރީގެ ހާރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.
އޮނަރަބަލް ޝާހިދު މިމޭރުން ނުރުހުން ފާޅުކުރެއްވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލް ރައީސް މުއިއްޒު ތަސްދީގުކުރެއްވުމުން އެކަން ކުއްވެރި ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައްޔިތުންގެ އަޑަކީ ހިމޭން ކުރެވޭނެ އެއްޗެއް ނޫން ކަމަށް ޝާހިދު ވިދާޅުވެއެވެ. ރައްޔިތުންގެ އެދޭގޮތަށް އަބަދުވެސް ނަސްރު ލިބޭނެ ކަމަށް ވިދާޅުވަމުން އެމްޑީޕީގެ ރައީސް ވިދާޅުވަނީ އަނިޔާވެރި ވެރިކަމުގެ ނިޒާމުތަކަށް ފާޑުކިޔުން މަނާކުރުމުގައި ފަހުން އޮތީ ނާކާމިޔާބު ކަމަށެވެ.
ދިވެހި ނޫސްވެރިންގެ 151 ނޫސްވެރިނާއި 51 މީޑިއާއިން ދެކޮޅުހަދާ ޕެޓިޝަަނެއް ހުށަހަޅާ އިހުތިޖާޖުކުރަމުން ދަނިކޮށް ދައުރުން ބޭރުގައި ޖަލްސާ ބާއްވައިގެން ރައްޔިތުންގެ މަޖިލީހުން ދުނިޔޭގެ ޑިމޮކްރަސީ ދުވަހު ޑޮމޮކްރަސީގެ ހަމަތައް މުގުރާލާ ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގުކޮށް ރައީސް މުއިއްޒު މިއަދު އެވަނީ ހުދުމުހުތާރުކަން ދައްކާފައެވެ.