ނަޝީދަށް ވެސް މައުމޫނަށް ޖެހުނު ދަތުރު ޖެހިއްޖެ
ނަޝީދުގެ މުށުން ދޫވި ގުމްރީއަށް އެމްޑީޕީ ވެއްޖެ
ހަނދާނަށް އަންނަނީ ޕީޕީއެމް ތެރެއިން މައުމޫނު ބާކީވެގެން ދިޔަގޮތެވެ. ތިޔައީޒައީމޭ ކިޔައިގެން ލަވަކީ ކުދިން ޔާމީނުގެ ފަހަތައްއަރާ އެކީ އެކައްޗަށް މައުމޫނު ބާކީ ވެގެން ދިޔަ ދުވަހެވެ. ރަންތިރީހުގެ ތާއީދު އުމުރަށް އޮންނާނެކަމަށް މައުމޫނުވެސް ހީކުރިއެވެ. ޕީޕީއެމް ދޫކޮށް މައުމޫނު ޕާޓީއެއް ހަދަންޏާ ލައްކަ މީހުން ގުޅޭނެކަމަށް މައުމޫނު ހީކުރިއެވެ. އާހިރުގައި މިހާ ދުވަސް ވީއިރުވެސް މައުމޫނުގެ އެމްއާރުއެމަށް ތިންހާސް ހަމަކޮށް ނުލެވުނެވެ. އެމްއާރުއެމަކީ މިހާރު ނަންބޯޑެކެވެ. ކުރެވޭހާވެސް ކަމަކީ އުފެދޭ ސަރުކާރަކުން ބައި ހޯދުމެވެ.
ހިތްތަކުގެ ރަސްގެފާނަށް ވެގެން އުޅޭ ނަޝީދަށް ވެސް މިޖެހެނީ އެހާލެވެ. ޑިމޮކްރަސީގެ ބައްޕަ ހެދިގެން ވެރިކަން ނޫންކަމެއް ބޭނުންނުވެ އެންމެ ފަހުން މަގުމަތި ވަނީއެވެ. މާ ހައިބަވެތިކަމެއް ހުރިކަމެއް ދެކެވިގެން އުސޫލެއް ހަމައެއްނެތި އުޅެގަތްގަތީނުން އެމްޑީޕީގައި ލިބިއޮތް ބާރުތައް ލޮދި ހިކައެއްހެން އަތުތެރޭން ދެމިގަތީ ބަލަބަލާ ތިއްބައެވެ. ތިމާ ނޫން އެންމެން ވަގުންނަށް ހަދާ ފުރައްސާރަ ނުކުރާ ވަކިމީހަކު ނެތި އުޅެ އުޅެހުއްޓާ ކައިރީގައި ތިބި ގިނަ ބަޔަކު ފެއަށްޖެހި މަދު ބަޔަކާއެކު ބާކީވީއެވެ. ގަދަކަން ލިބޭނެކަމަށް މެޖޯރިޓީގެ ނިންމުން ގަބޫލުނުކޮށް ފުރަތަމަ ހެދީ ފެކްޝަނެވެ. ހިފަހައްޓައެއް ނުލެވުނެވެ. ފައިކައްސާލައިގެން ގޮސް ޖެހުނީ ގާސިމު އުގަށެވެ.
ގާސިމް ހަރަދުކޮށްގެން ބަރުލަމާނީ ގެނެސްދީ ބޮޑުވަޒީރުކަން ހޯދާ ނުދޭނެހެން ހީވުމުން ލައްގަނެވޭތޯ ބެލީ ޔާމީނު ގައިގައެވެ. ވަގުތުގެ ޖަޒްބާތުގައި ޕީޕީއެމް ކުދިން ހީލާ ވާހަކަ ދެއްކިޔަސް ނަޝީދު ވެރިކަމަށް އަޔަނުދޭނެކަން ރަނގަޅަށް އެގޭނެއެވެ. ޔާމީނު ނެތްތާކު ނަޝީދު ބައިވެރިވެގެން އުފައްދަން އުޅޭ ސަރުކާރަކަށް ވެސް ޕީޕީއެމް މީހަކު ވޯޓެއް ނުދޭނެކަން މެންދުރުގެ އިރުހެން ސާފުކޮށް އެންމެނަށް އެނގެއެވެ. އެންމެ ފަހުން އަރާނެ ގެ ހުސްވީއެވެ. ޒަމާންވީ މިތުރުގެ ފަހަތަށް އަރައިގެން ހުންނާނެ ހިތްވަރެއް ނެތެވެ. އެއަށްވުރެ ބޮޑަލެވެ. މަވެއްޗެވެ.
ޖަހާހާ ކުޅިއެއް ބަލަން ނުތިބެ ފިޔަވަޅު އަޅާ ބޭރުކޮށްފާނެ ކަމުގެ ބިރުގައި ފަހަތުގައި އެނބުރޭ މަވެތި ބައިގަނޑު އެމްޑީޕީ ދޫކޮށް ލީއެވެ. ހިތުން މޮޅުތަކެއް ވާނޭކަމަށް ހިތައެވެ. ލައްކައެކޭ ހީވާކަހަލައެވެ. މުށުން ދޫވި ގުމްރީއަށް އެމްޑީޕީވީއެވެ.
ޓިކެޓް ދޭނެ ބަޔަކު ނުވެގެން އެންމެފަހުން އަމިއްލަ ޕާޓީއެއް ހަދައިގެން ރިޔާސީ އިންތިހާބަށް ނިކުންނަށް ނިންމީއެވެ. ތިމާނޫން މީހަކު ވެރިކަން ކުރަން ނޭދެންޏާ ވީބަޔަކާއެކު ޕާޓީއެއް ހަދައިގެން ވާދަކުރުމަށް ވުރެ ރަނގަޅު އެއްވެސް ގޮތެއް ނަޝީދަކަށް ނެތެވެ. ރަނގަޅަށް ތިމާގެ ސައިޒު އެނގޭނީ އޭރުންނެވެ. މައުމޫނަށް ވީވަރު ވެއްޖެއްޔާވެސް ރަނގަޅެވެ. މައުމޫނުވެސް އުފެދޭ ސަރުކާރު ތަކުން ބައިހޯދައެވެ.