މާރިއަށް ރައްދު ދެވޭވަރަށް ވުރެ ބޮޑު ފޭލިޔަރެއް
ކުޑަކުޑަ ކޮންސިޓިއެންސީ ގަނޑަކުން މަޖިލީހުގެ ގޮނޑި ހޯދާ ނުލެވޭ ފޭލިޔަރުން ނުފުއްޕާ
އޮނަރަބަލް މާރިޔާ ދީދީއަށް ރައްދުދީ ދިޔާނާ ޖެހި ހިސާބެކޭ " އަދުރެމެޓިކް" އެކޭ ތަފާތެއް ނެތެވެ. ރާއްޖޭގެ ސިޔާސީ ކަންކަން މިނެ ކިރަން ދިޔާނާއަށް އެނގޭ ނަމަ ދިޔާނާ މިއަދު ހުރީހީ އަގުޅިނެތް ކަންނޭލެއްގެ ގޮތުގައެއް ނޫނެވެ. ދުވަހަކު ދިޔާނާ ޖެހި ހިސާބެއް ދިމާވެ ދިޔާނާގެ އަންދާޒާ އަކަށް މި ގައުމުގައި ކަމެއް ނިމުނު ހެއްޔެވެ. މަޖިލީހަށް ވަންނާނަމޭ ހިތާ ކިތައް ފަހަރު ކިތައް ދިމާލަށް ކުރި މަތިލީމު ހެއްޔެވެ. ކުޑަކުޑަ ކޮންސިޓިއެންސީ ގަނޑަކުން މަޖިލީހުގެ ގޮނޑިއެއް ހޯދާ ނުލެވޭ ވަރުގެ ފޭލިޔަރުން ފުއްޕާފާ ސިޔާސީ ހިސާބު ނުޖަހާށެވެ.
ދެހާސް ބާރާގައި އެމްޑީޕީގެ މެންބަރުންގެ އަދަދު އެނގޭ ހެއްޔެވެ. ފަނަރަހާސް ހަމައެއް ނުވެއެވެ. 2008 ގެ ރިޔާސީ ޕްރައިމަރީގައި ނަޝިދަށް ލިބުނީ އަށް ހާހެއްހާ ވޯޓެވެ. އެއީ އޭރުގެ ވޯޓިންްގ ޕޮޕިއުލޭޝަންގެ ފަސްޕަސެންޓް ހަމަ ނުވާ މިންވަރެކެވެ. އެކަމަކު 2008 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ ރައީސް ނަޝީދެވެ. މިހާރުވެސް ދިޔާނާ ތިޔަ ޖެހީ އެ ޒާތުގެ ހިސާބެވެ.
ރައީސް ސާލިހަކީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި އެއްބުރުން 68 އިން ސައްތައިން ރައީސް ކަމަށް އިސްވި ފުރަތަމަ މީހާއެވެ. އެ މަނިކުފާނުގެ ފަހަތްޕުޅުގައި އަދިވެސް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އެބަ އޮތެވެ. އެމްޑީޕީގެ ގައުމީ މަޖިލީހާއި ކޮންގްރެސްމަނުންގެ ފުޅާ އަގުލަބިއްޔަތު އެބައޮތެވެ. ރާއްޖޭގެ ކަންކޮޅު ތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދީ ދުވަހަކު ނުދެކޭ ލުއިފަސޭހަ އެ މަނިކުފާނު ވަނީ ރައްޔިތުންނަށް ހޯއްދަވާ ދެއްވާފައެވެ. މިހުރީކީ ސަމާސާ ކަންކަމެއް ނޫނެވެ.
މާ ބާރެއްލާފައި އެމްޑީޕީން ބަޔަކު ވަކި ކޮށްގެން ނަޝީދަށް ވޯޓު ތަކެއް ގެއްލުވާލި ވާހަކަ ތިޔަ ދައްކަނީ ކޮން އަސާސެއްގެ މައްޗަށް ހެއްޔެވެ. 39000 މެންބަރެއް އެމްޑީޕީ ވަކިކޮއްގެން ދިޔާނާމެން އަނގަ ދިޔާކުރާއިރު އެ ހުރިހާ މެންބަރުންނަކީ ވެސް އެހެން ޕާޓީ ތަކުގައި ރަޖިސްޓްރީ ވެފައި ތިބި ބައެކެވެ. އެ ހުރިހާ އެންމެންނަކީ ވަކިނުކޮށް ތިބި ނަމަ ރައީސް ސާލިހަށް ވޯޓު ދޭނެ މީހުން ނޫން ކަމެއް ދިޔާނާމެނަށް އެނގެނީ ކިހިނެއް ހެއްޔެވެ. ނޫނީ އެ އެންމެން ރައީސް ނަޝީދަށް ވޯޓު ދޭނެކަން އެނގޭ ގޮތަކީ ކޮބައި ހެއްޔެވެ.
އެންމެ ފަހުން އޮތް ޗެއަރޕާސަން އިންތިހާބުގައި ރައީސް ނަޝީދު ތާއީދު ކުރި އިމްތިޔާޒް ފަހުމީ ފޭލިވީ އެބުނާ ވަކިކުރި 39000 މީހުން އެމްޑީޕީ މެންބަރުން ގެ ގޮތުގައި ތިއްބައެވެ. އިދާރީ ކޮންޓްރޯލް ނަޝީދު އަތުގައި ފުރިހަމައަށް އޮއްވައެވެ. އަނެއް ކޮޅުން އެންމެ ފަހުން އޮތް ދައިރާ ރައީސުން ހޮވުމުގެ އިންތިހާބުން ވެސް ނަޝީދުގެ ހުރިހާ ކެންޑިޑޭޓުންހެން ފޭލިވީ އެ 39000 މީހުން ޕާޓީގެ ދަފުތަރުގައި އޮއްވައެވެ. އެހެން ކަމުން ދިޔާނާމެން ތިޔަ ދައްކަނީ ފުލެއް މެދެއް ބިތެއް ނެތް ވާހަކައެކެވެ.
އެނގޭ ހެއްޔެވެ. ސިޔާސީ ގޮތުން މީހުން މިނާނީ އެ މީހެއްގެ އެކަނި ބުރަދަނަކުން ނޫނެވެ. އެ މީހާގެ ވަށައިގެން ތިބީ ކޮންބައެއްކަމާއި އެ ބައަކާ ގުޅިލާމެހިފައި ތިބީ ކިހާ މީހުނެއް ކިހާވަރަކަށް ކަން ނޭގި ސިޔާސީ ގޮތުން މީހެއްގެ ބުރަދަން ބެލީމާ ވާގޮތް ވެފާ ތިބި ލައްކަ ސިޔާސީ ފޭލިޔަރުން އެބަތިއްބެވެ. ދިޔާނާއަކީ އޭގެ ތެރެއިން އެކެކެވެ.