ޕީއެންސީއަކީ މޫސުމީ ސައިބޯނި ބޮތްކެއް!
ވެރިކަމުގައި އޮތަސް ނެތަސް އެއްކޮޅުން ކުޅެނީ އެމްޑީޕީ
ރާއްޖެ މަލްޓިޕާޓީ ޑިމޮކްރަސީއަށް ބަދަލުކޮށްލީ އެމްޑީޕީންނެވެ. ސިޔާސީ ޕާޓީ ހެދުމަށް ހުއްދަ ދިނުން ނޫން ގޮތެއް ނެތް ވަރަށް ރައީސް މައުމޫނަށް ގޮތްހުސްކޮށްލި ޕާޓީއަކީ އެމްޑީޕީއެވެ. ރާއްޖެ މަލްޓިޕާޓީ ޑިމޮކްރަސީއަށް ބަދަލުކުރުމަށް ފުރަތަމަ އުފެދުނު ޕާޓީއަކީ އެމްޑީޕީއެވެ.
އެމްޑީޕީ އުފެދުމާއެކު އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫނަށް ވެސް ޖެހިވަޑައިގަތީ ވެރިކަން ދިފާއު ކުރެއްވުމަށްޓަކާ ސިޔާސީ ޕާޓީއެއް އުފައްދަވާށެވެ. ދިވެހި ރައްޔިތުންގެ ޕާޓީގެ ނަމުގައި ވެރިކަން ދިފާއު ކުރެއްވުމަށް އުފެއްދެވި ޑީއާރުޕީ މައުމޫނުގެ ވެރިކަމާއެކު ހީނަރުވެ ހުލިވެ ސިޔާސީ ހަކަތަ ކެނޑިފައި އެތައް ދުވަހު ނަމެއްގައި އޮތުމަށްފަހު އުވިދިޔައީއެވެ.
ވަކިމީހެއްގެ ލެގަސީއާއި ބާރުވެރިކަން ދެމެހެއްޓުމަށް ނޫން ގޮތަކަށް ފިކުރެއްގެ މަތީގައި އޮތް ޕާޓީއަކީވެސް އެމްޑީޕއެވެ. އެމްޑީޕީ ފިޔަވާ ފިކުރެއްގެ މަތީގައި ކިރިޔަ ކިރިޔާވެސް ހިފަހައްޓާލެވޭ ޕާޓީއަކީ އަދާލަތު ޕާޓީއެވެ. އަދާލަތު ޕާޓީއަކީ ވަކިމީހަކަށްވުރެ ފިކުރެއް އިސްކުރާ ޕާޓީއެކޭ ބުނެވިދާނެއެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މައިދާނުގައި އަދާލަތު ޕާޓީއަކީ މަގުބޫލުކަން ކުޑަ ބަލިކަށި ޕާޓީއެކެވެ. ފިކުރެއްގެ މަތީގައި އުފެއްދި ލޭބަރ ޕާޓީއަށްވެސް ހިފަހައްޓައެއް ނުލެވުނެވެ.
ކިތަންމެ ނަމެއްގައި ކިތަންމެ ސިޔާސީ ޕާޓީއެއް އުފެދުނަސް ރާއްޖޭގެ މައި ޕާޓީގެ ގޮތުގައި އެމްޑީޕީ އޮވެއެވެ. ވެރިކަން އޮތަސް ނެތަސް އެމްޑީޕީ އޮންނަނީ ސިޔާސީގޮތުން ފިސާރި ބާރުވެރިކަމުގައެވެ. ދޭތެރެ ދޭތެރެއިން ހިޔާލު ތަފާތުވެގެން އެމްޑީޕީން ނިކުންނަ ބައިބައިގަނޑު އުފައްދާ ހިޔަނި ޕާޓީތައް ވައިވެގެން ނިމިދިޔުމަކީ ދުށް ހަގީގަތެވެ.
އިބްރާހީމް އިސްމާއީލު (އިބްރާ)ގެ ހިޔަނީގައި އިބްރާ ބާރުވެރިވުމަށް އެމްޑީޕީގެ ތެރެއިން ނިކުތް ބަޔަކު އުފެއްދި ސޯޝަލް ލިބަރަލް ޕާޓީ ވެސް އުވިދިޔައީއެވެ. ޑޮކްޓަރ ވަހީދުގެ ގައުމީ ޕާޓީއާއި ޑރ މުނައްވަރުގެ އެމްއާރއެމްވެސް ނިމިދިޔައީއެވެ. އެމްޑީޕީ އޭގެ ގޮތުގައި އޮތެވެ. ދަ ޑިމޮކްރެޓަށް ވެސް އެނޫން ވަރެއް ވާތަނެއް ނުފެނެއެވެ.
އެކި މީސް މީހުންގެ ސިޔާސީ އެޖެންޑާގައި އުފެދުނު އެހެން ގިނަ ޕާޓީތައްވެސް އުވިނެތި ދިޔައީއެވެ. ޖުމްހޫރީ ޕާޓީއަކީވެސް ވުޖޫދުގައި އޮތަސް މޫސުމީ ކަނދުފައްޗެކެވެ. އެމްޑީއާ އާއި އެމްއެންޕީ ނަންވެސް އޮންނަނީ ވަކި މީހަކާ ގުޅިފައެވެ. ވެރިކަން ކުރާ ޕާޓީއެއްގެ ބަނޑުވާ ހެދިގެން މަންފާ ހޯދުން ނޫންކަމެއް އެމީހުންނަކަށް ނޯވެއެވެ.
ޑީއާރުޕީ ރޫޅި ޒެޑްފެކްޝަނުން ޕީޕީއެމް އުފެދި ވެރިކަން ހޯދާ މައުމޫނުގެ ލެގަސީ ލުހެލާ ޔާމީނުގެ ޕާޓީއެއްގެ ގޮތުގައި ވެގެން ދިޔައިރު މިލްކުވެރިކަމުގެ ޔަގީންކަން ނެތުމުން ޔާމީނު ހެދީ ޕީއެންސީއެވެ. މައުމޫނު ހެދީ އެމްއާރުއެމެވެ. ކޯޓުން ޕީޕީއެމް މައުމޫނަށް ނުލައްވާ ޕީޕީއެމް ލެއްވީ ޔާމީނަށެވެ. އެހިސާބުން 30 އަހަރުގެ ޒައީމް ކަންފަތިވެ އެމްއާރުއެމްއަކީ އަދަދު ހަމަނުވާ ނަމަކަށްވީއެވެ.
ޔާމީނުގެ ޕީޕީއެމަށް ވެރިކަން ގެއްލި ޕީއެންސީ ޕީޕީއެމްގެ މައްޗަށް ގަދަވެ ޕީއެންސީގެ ލީޑަރުކަމާއި ޕީޕީއެމްގެ މައްޗަށް ޑރ. މުއިއްޒު ގަދަވެގަތީއެވެ. ޑީއާރުޕީގެ ތެރެއިން އުފަންވި ބިޔަ ބޮޑު ޕީޕީއެމްއަށް ސިޔާސީ ދަނޑުން ޖާގަނުދީ ޕީއެންސީގެ ކިރުފެލާ ގެރިއެއްގެ ގޮތުގައި ގައިދުކޮށްފައި ޕީޕީއެމް ބޭއްވީއެވެ. ޕީޕީއެމްގެ ލީޑަރު ޔާމީނަށް ޖެހުނީ ޕީއެންއެފްގެ ނަމުގައި ކުޅަނދު ހަމަނުވާ ޕާޓީއެއް ހަދައިގެން މަރުފަލި ޖަހާށެވެ.
ފިކުރެއްގެ މަތީގައި އޮތުމުން ވެރިކަމުގައި އޮތުމަކުން ނެތުމަކުން އެމްޑީޕީއަކަށް އެޕާޓީގެ މަގާމެއް ނުގެއްލެއެވެ. އެމްޑީޕީގެ މައްޗަށް ސަވާރުވެ ގަދަކަން ދައްކަން އުޅުނު ކޮންމެ މީހަކަށް ޖެހުނީ ބާކީވެ އެއްފަރަތްވާށެވެ. އެމްޑީޕީ ނައްތާލާ ރޫޅަލަން އުޅޭ ކޮންމެ ބަޔަކަށް ލިބެނީ ކޮޅުކެއްސެވެ. ރާއްޖޭގައި ޑިމޮކްރަސީ އޮތްހާ ހިނދަކު އެމްޑީޕީ އޭގެ ގޮތުގައި އޮންނާނެއެވެ. ޕީއެންސީ އަކީ މޫސުމީ ސައިބޯނި ބޮތްކެކެވެ.