ނޮވެމްބަރ3: ކާމިނީގޭ ވެރިކަން ދަމަހައްޓަން ޖެހިމަޅި4

ކޮލިގެއަށް ދިން ނުސީދާ އިންޒާރެއް

ނޮވެމްބަރ3: ކާމިނީގޭ ވެރިކަން ދަމަހައްޓަން ޖެހިމަޅި4

ކޮލި އަލިމަނިކުގެ ބާރުން ބާރުލިބިގެން ނާސިރު އަރިހުގައި އިލްޔާސް އިބްރާހީމަށް ގަދަކަން ލިބުނު އެހެން ސަބަބެއް ވެއެވެ. އެއީ އިލްޔާސް އިބްރާހީމަކީ ކޮލިގޭ ހުރިހާ ބޭން ދެލޯނޭދި ލޯބިވާ އުހުތު އައިޝަތު ނާސިރާ (ކުޑަ ނާސިރާ) އިންތިހާ ދަރަޖައަށް ހިތްޕުޅާވި ފިރިކަލުންނެވެ.

ވިޔަފާރީގައި ދެވަނައެއް ނެތް ކޮލިގޭގެ ޅިޔަން ކަމާއި ކޮލި އަލިމަނިކުގެ ސިޔާސީ ގަދަކަމުން ބާރު ލިބިގެން ހުންނެވި އިލްޔާސް އިބްރާހީމްއަކީ ދުނިޔެ އުމުރަށް ވެރިކަން ކުރާން ނިޔަތް ގަނެގެން ތިބި ކާމިނީ އާއިލާއާ އެންމެ ގާތުގައިވާ އެންމެ ބޮޑު ސިޔާސީ ގޮންޖެހުމެވެ. 

އެހެނެއް ކަމަކު ރައީސް ނާސިރުގެ ހިތްހަލާލު މައުމޫނަށް ލިބުނު އެއް ސަބަބަކީ ވެސް އިލްޔާސްއެވެ. އިލްޔާސް އިބްރާހީމް ގެ ފަހަތް އެހާ ގަދަވެފައި އޮތީ ޝައްކެއްވެސް ނެތި ކޮލިގެއިންނެވެ.

އަމުދުން އެހާ ކުރީ ކޮޅު ސީދާ ގޮތުގައި ކޮލިގެއަށް އަމާޒު ކުރާނެ ފަންވަރު މައުމޫނުގެ ސިޔާސީ ކަނޑީގެ މިޔައިގައި ނެތްކަން މައުމޫނަށް ސާފުވާނެއެވެ. ކޮލިގެއަށް ސިޔާސީ ބިރު ދެއްކުމަށްޓަކާ އެންމެ ފުރަތަމަ ކާމިނީގެއިން ނެއްޓިގަންނަން ޖެހެނީ އިލްޔާސް އިބްރާހިމްގެ ބިރުންނެވެ.

ނޮވެމްބަރ 3 ގެ އެތިފަހަރު އިލްޔާސް އިބްރާހީމް އާއި އެހާ ސީދާ ވުމުގައި އެ ނޫން ވަކިއޮތީ، އިތުރު ކޮން ސަބަބެއް ހެއްޔެވެ.  

ހަތިޔާރު އެޅި ތަމަޅައިންނަށް ތީމުގެ ނުފެނި މާދުރުގައި ހުރި ކިނބިގަސްދޮށުގެއަށް ވަދެ ކުޑަނެވި ތުއްތު މަނިކު ޝަހީދު ކޮށްގެން ވެސް އިލްޔާސް އިބްރާހީމް އަތުޖެހުން ތަގްދީރުގައި ނެތީއެވެ.

ކާމިނީގެއިން ދުއް ތާއަބަދުގެ ދިވެހި ވެރިކަމުގެ ހުވަފެނުގެ ހުރަހަކަށް އޭރު ހުރީ އިލްޔާސް އިބްރާހީމް ކަމަށްވާއިރު، އިލްޔާސް، އިލްޔާހަކަށް ވެފައިވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ކޮލި އަލިމަނިކާއި ކޮލިގޭ އާއިލާއިން ކަން ކާމިނީގޭ އާއިލާއަށް ވަރަށް ސާފުކޮށް އެނގޭނެއެވެ.

ތެދެކެވެ. ރައީސް އިބްރާހިމް ނާސިރުގެ ވެރިކަން ނިމި، އެމަނިކުފާނު ރާއްޖެ އޮތް ކޮޅަށް އިސްތަށިފުޅު ނުލާނެ ވަރުގެ ސަބަބުތައް މައުމޫނު މެދުވެރި ކުރިއެވެ. 

ނާސިރު ނެތަސް ކޮލި އަލިމަނިކާ ކޮލިގެ އާއިލާގެ ތަނަވަސް ކަމާ ނުފޫޒަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ތިނޯހެއްގެ ފާގަހާ ހިމަ ޖާގަ އަކުން ވިޔަސް ނޮވެމްބަރ 3 އިން އިލްޔާސް އިބްރާހިމްގެ ފުރާނަ ސަލާމަތް ވުމުން ޕްލޭން ބީ އެއް ހޯދުން މުހިންމު ވާނެތާއެވެ.

ކޮލިގެ ބޮޑު އާއިލާއާއި ދައުލަތާއި ނުބައްދަލު އެމީހުންގެ ތަނަވަސް ކަމުގެ ބިރު އޭރުވެސް އޮތީ އޮތް ގޮތަށެވެ. ސީދާ އަތްލާން ދިމާ ކޮށްފި ނަމަ ވާނެ ގޮތް ނޭނގޭތީ ދުރުތަނުން ނަމަވެސް ނޮވެމްބަރ 3 އާ ގުޅުން ހުރިކަމުގެ ބިރު ކޮލިގެއާ ގުޅުވޭނެ ގޮތެއް ކާމިނީގެއަށް މުހިންމު ވާނެއެވެ.

ޒަމާނުއްސުރެ އެމީހުންނާ ގުޅުން އޮތް ، އެކީ އެއްތަށި އެއްބައި ކައި ސިއްރު ބުނެ ވިޔަފާރީގެ ގުޅުން ތަކުން ބަދެވިފައިވާ ދުރުތާ ކޮލިގޭ މީހަކީ ކާކުތޯ ކާމިނީ އާއިލާއިން ހޯދުމަކީ މުހިންމު ކަމެކެވެ. އެ މީހަކީ ކާބަފައި ޒަމާނުއްސުރެ ކޮލިގެއާ ގުޅިފައިވާ ފަރާތަކަށް ވުން ކޮންމެހެން ބޭނުމެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ކުރީ ކޮޅުން ފެށިގެން އެވިޔަފާރީގެ ތެރެއިން އަރަމުން އައި ދުރުތާ ކޮލިގެ މީހާ މައުމޫނަށް ފެނިއްޖެއެވެ. އެއީ ދެވަނަ ދެމީހެއް ނޫނެވެ. ސިއްކަ އަހުމަދު އިސްމާއީލް މަނިކު ނުވަތަ ބޮޑު ސިއްކައެވެ.

މިއަދުގެ ސިޔާސީ ބޭނުމަށްޓަކާ އޭގެ 34 އަހަރު ފަހުން ބޮޑު ސިއްކައަކީ ނޮވެމްބަރ 3 ގެ މޭސްތެރިޔާއޭ، ގައްދާރޭ، ގާތިލޭ ކިޔަސް އެދުވަހު ސިއްކަ އާއި ދެކޮޅަށް ފަރުމާ ކޮށްފައި އޮތީ އެނގިހުރެ ނޭންގި މީހެއްގެ ތުހުމަތެވެ. މި ތުހުމަތުގެ ފަހަތުން ދޭ އިންޒާރަކީ ނުސީދާކޮށް ކޮލިގެއަށް ދިން އިންޒާރެކެވެ.

ކާމިނީގެއިން ކޮލިގެއަށް މިއަންގާ އެންގުމަކީ، ސިއްކައަށް އެނގެންޏާ ނޮވެމްބަރ 3 ގެ މައުލޫމާތު ކޮލި އަހްމަދު އުމަރު މަނިކާއި މުހަންމަދު އުމަރު މަނިކާ އަލީ އުމަރު މަނިކާއި ތިޔަ ގޭ މުހަންމައިދީއަށް ވެސް އެނގޭނެ ކަމަށް ދިން އިންޒާރެވެ.

އެނގިހުރެ ނޭންގުމޭ ކިޔާ މާމޮޅު ކުށެއް ހަދައިގެން ބޭނުންވާ ކޮންމެ މީހަކަށް ބިރު ދައްކާ އަނިޔާ ދިނީ އެ 30 އަހަރު ކާމިނީ އާއިލާގެ ވެރިކަން ދެމެހެއްޓުމަށެވެ.