ހީނާއަށް: ސައްހާފު ހެދިގެން ޖެހޭނީ ފަޔަށް ބަޑި!
އިޒްރޭލް ޕާސްޕޯޓު މަނާކުރުން މަލިކު ލަވައަށް
ކުރާ ސުވާލަށް ޖަވާބުނުދީ އާދަމުގެފާނޭ ފަޅޮލޭ ހީނާއެއް ކަމަކު ކިޔާނެ ކަމެއް ނެތެވެ. ފަލަސްތީނަށް ފޮނުވީ ކިތައް މަސްދަޅުތޯއެއް ހީނާ ކުރެން ނޫސްވެރިން ނާހައެވެ. ފަސްތީނަށް އެހީވާން ތެލެތޯން ބާއިވައިގެން ހޯދި ފައިސާ ބަޔަކާ ހަވާލުކޮށްފިތޯ އެއްވެސް ނާހައެވެ. ފަލަސްތީނު މީހުންގެ ހައްގުގައި ރާއްޖޭން އަޑު އުފުލަނީ ކިހާ ވަރަކަށްތޯ ހީނާ ކުރެން އެހީ ކާކު ހެއްޔެވެ. ކުރާ ސުވާލަށް ދެވޭނެ ޖަވާބެއް ނެތީމާ ފިހުނު ހަންޑިއޭ މާކުންބެއޭ ކިޔައިގެން ވާހަކަ އޮޅުވާލަން ނޫޅޭށެވެ.
މުއިއްޒާ ޖެހުނު ފަހުން މުނާފިގުކަން ލިބިފައި ތިޔަ ހުރީ ވަކިވަރަކަށް ނޫނެވެ. ސައްހާފު ހެދިގެން ތިޔަ ހަދަހާ ދޮގު ހަދާއިރު މަހުޝަރު ކުރެވޭނެކަން ނޭގެނީ ހެއްޔެވެ. ނޫނީ އެކަން ގަބޫލު ނުކުރެވެނީ ހެއްޔެވެ. ފަހަރުގައި މީހަކަށް ދޮގެއް ހެދުނަސް ކާންބޯން ކުރާކަމަކީ މުއިއްޒަށް ދޮގު ހަދާދިނުން ކަމަށްވީމާ އިތުބާރު ކުރާނެ ވަކި މީހަކުވެސް ނުހުންނާނެ ނޫން ހެއްޔެވެ. ހުދު މުއިއްޒުވެސް އިތުބާރެއް ނުކުރާނެއެވެ.
ރަންކޮޅާ ހީނާ މަނިއްގަޑާއެވެ. ސިޔާސީ ވުމަކީ ދޮގާ މަކަރާ ހީލަތްކަމުގައި ހީކޮށްގެން ވަގުތީ މޮޅެއް ލިބުނަސް އާހިރުގައި ގެއްލިދާނީ ދެ ދުނިޔޭންނެވެ. އަމްދު އަނިޔާ ލިބޭ އެތައް ހާސް މުސްލިމުންނާ ގުޅުވައިގެން ފުލުފުލުގައި ތިޔަ އޮޅުވާލާ އޮޅުވާލުމުން މުޅި ރާއްޖެއަށް ޖެހޭ ބަލާއާއި މުސީބާތް ވަކިން ކުޑައެއް ނުވާނެއެވެ. ކަންކަން އޮންނަ ގޮތް ސާފު ތެދުބަހުން ނުބުނެ ދެބޯގެރި ދުއްވުމަކުން ލިބޭނެ މޮޅެއް ނުއޮންނާނެއެވެ.
އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމުގެ ކަންތަކުގައި ތިޔަ ތިބީ އެ ކެހި ލިބިފައެވެ. އިޒްރޭލް ޕާސްޕޯޓު މަނާ ކުރުން މިހާރު ތިޔަ އޮތީ މަލިކު ލަވައަށް ވެފައެވެ. ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހުން ވަނީ އިޒްރޭލް ޕާސްޕޯޓް މަނާކުރަން ފާސްކޮށްފައެވެ. އެހެން ކަމުން އިޒްރޭލު ޕާސްޕޯޓު ރާއްޖޭން މަނާ ނުކޮށް ވާކަށް ނެތެވެ. މަނާ ކުރެވޭކަށް ވެސް ނެތެވެ.
އިޒްރޭލް ޕާސްޕޯޓް މަނާ ނުކޮށްފިނަމަ ރައްޔިތުން ކެކިއަރާނެއެވެ. މަދަނީ ބަސްނޭހުންތައް އޮބި ނޯންނަ ވަރަށް ފެނިގެން ހިނގައިދާނެއެވެ. ރައްޔިތުންގެ ފިއްތުން ބޮޑުވެ ސަރުކާރު ކުޑަކަކުލަށް ތިރިކޮށް ލުމަކީ ދުރުކަމެއް ނޫނެވެ. ރައްޔިތުން ނިކުމެ ސަރުކާރު ވައްޓާލަންވެސް ފަހަކަށް ނުދާނެއެވެ.
އިޒްރޭލް ޕާސްޕޯޓް މަނާ ކޮށްފިނަމަވެސް ހަތަރެސްކަން ހަމަވާނެއެވެ. އެމެރިކާއާއި ޔޫރަޕްގެ ފިއްތުންތަކާ އިންތިހާ ދަރަޖައަށް ކުރިމަތި ލާން ޖެހޭނެއެވެ. ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ތަނެއް ނޫންކަމުގެ ސިއްކަ ޖަހާ ފަތުރުވެރިކަން ފުޑާލަފާނެއެވެ. ބޭރުގެ ދަރަނިތައް ފިއްތާލާ ގައުމުގެ ނޭވާހޮޅި ބެދޭވަރު ކޮށްލަފާނެއެވެ. އާހިރުގައި ގައުމު އިނދަޖެހި ސަރުކާރު ވެއްޓި ޓެރެރިސްޓް ގިލަފަތި އެޅިގެން ކުޑަ އަފްގާނަށް ރާއްޖެ ބަދަލުވެގެން ހިނގައިދާނެއެވެ.
އިޒްރޭލް ޕާސްޕޯޓް މައްސަލައިގައި މުއިއްޒު ސަރުކާރު ވަނީ ފުޅަނގީގެ ހާލު ޖެހިފައެވެ. އަޑިން ފިޔަލައެވެ. މަތިން ހޯރައެވެ. އެހެން އެވީ މައްސަލަ ފެށުނު ހިސާބުގައި ދޭތެރެ މެދުގެ ހައްލެއް ހޯދަން ނޫޅެ ސިޔާސީ ޖަޒްބާތުގައި ޖެހުމުންނެވެ. އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމާ ޖެހުމުން ދޭނެ ޖަވާބެއް ހީނާ ވަލީދަކަށް އެހެން ވީމާ ނުއޮންނާނެއެވެ. އިޒްރޭލް ޕާސްޓްޕޯޓޭ ކިޔައިގެން އެއްޗެއް ބުނެފިއްޔާ ހީނާއަށްވެސް ޖެހޭނީ އަމިއްލަ ފަޔަށް ބަޑިއެވެ.