ނަޝީދަށް: ގައުމަށް ޣައްދާރު ވެވޭނީ ތިޔަހާ ވަރަށް
ޗާގޯހުގެ މިލްކުވެރިކަމާ ދެބަސް ނުވާން މޮރިޝަހުން ފައްޓަރުބައި އެޅީ ނަޝީދު
އަދިވެސް ލަދެއް ހަޔާތެއް ނެތެވެ. ތިމާ އިގިރޭސިވިލާތް ދެކެ ގަތްގަތް ބިރުން ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރު ހޯދަން ލިބުނު ފުރުސަތު ދޫކޮށްލާފައި ދަތް ދިލުވާނެ ކަމެއްނެތެވެ. ރާއްޖޭން ދޫކޮށްލި އެއްޗެއް ވިއްޔާ ދޫކޮށްލީ ނަޝީދެވެ. ނަޝީދުގެ ވެރިކަމުގައެވެ.
މޮރިޝަހުން ޗާގޯހުގެ ސިޔާދަތީ ބާރު ހޯދަން އދ މަޖިލީހުގައި ރަސްމީ މަސައްކަތް ފެށީ 2010ގައެވެ. ރާއްޖޭގެ ވެރިކަމުގައި އޭރު ހުރީ ނަޝީދެވެ. ވެރިކަމުގައި ހުރެ ބައިނަލްއަގުވާމީ ގޮތުން އެތަން ރާއްޖެއަށް ހޯދަން ކުރިކަމެއް ހަރާމުން ހަރާމެވެ. ނުވިތާކަށް މޮރިޝަހަށް ގޮސް ނެގިވަރެއް ނަގައިގެން ޗާގޯސްގެ މިލްކުވެރިކަމާ މެދު މޮރިޝަސްއާއި ދެބަސް ނުވާން މޮރިޝަހުން އެޅުވި ފައްޓަރުބައި ކަރުގައި އަޅައިގެން އައީވެސް ނަޝީދެވެެ.
އަނެއްކާ ޗާގޯހާއި ރާއްޖެއާއި ދެމެދު ފުށުއަރާ އިގްތިސާދީ ސަރަހައްދުގެ މައްސަލަ ނަޝީދުގެ ވެރިކަމުގައި ވެސް އޮތެވެ. އޭރު މައްސަލަ އޮތީ މޮރިޝަސްއާއި ރާއްޖެއާއި ދެމެދަކު ނޫނެވެ. އިގިރޭސި ވިލާތާއި ރާއްޖެއާ ދެމެދުގައެވެ. އޭރު އިގިރޭސި އިސްތިއުމާރުގައި ޗާގޯސް އޮތީމައެވެ.
ނަޝީދު އިގިރޭސި ވިލާތުގެ ބަތާކައިގެން ހުރި ވަރުން އިގްތިސާދީ ސަރަހައްދުން ފުށުއަރާބައި ހަމަޔަށް ދެބަޔަށް ބަހާން ނިންމަން އިގިރޭސީ ވިލާތާއެކު އެގްރިމަންޓް ހެދީ ނަޝީދެވެ. ނަޝީދުގެ ވެރިކަމުގައެވެ. އޭރަކު ރާއްޖެއަށް ކަނޑުން ބައެއް ނުގެއްލޭ ހެއްޔެވެ. އޭރަކު ރާއްޖޭގައި މަސްވެރިން މަހަކަށް ނުދޭހެއްޔެވެ. ތައްމިނަށް އަނގަދިޔާ ކުރާއިރު ހީވަނީ މުޅިގައުމަކީ ނަޝީދު ހެންނެވެ. އެހެން އެކަކަށް އެކައްޗެއް ވެސް ނޭނގޭ ހެންނެވެ.
އިގްތިސާދީ ސަރަހައްދުން ފުށުއަރާ 92،563 އަކަކިލޯ މީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު ސަރަހައްދެއް ލިބި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބުނީމާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔައީއޭ ބުނަން ނަޝީދު ލަދެއް ނުގަނެއެވެ.
ރާއްޖެއަށް ރަނގަޅު ގޮތަކީ ނަޝިދަށް ރަނގަޅުގޮތެއް ނޫނެވެ. ވެރިކަމުގައި ހުރިއިރު ނަޝީދަށް ރަނގަޅުވީ އިގިރޭސި ވިލާތާއެކު ފުށުއެރުމުގެ ދެބައިކުޅައެއް ބައި ރާއްޖެ ހިއްސާކުރާށެވެ. ވެރިކަމުގައި ހުރި އިރު ނަޝީދަށް ރަނގަޅުވީ ޗާގޯހުގެ ސިޔާދަތީ ބާރާ ބެހޭގޮތުން އެއްޗެއް ނުބުނެ ހަނުހުރެގެން މޮރިޝަސްއަށް ހައްގު ދޫކޮށްލާ ކަރުގައި މޮރިޝަހު ފައްޓަރު އަޅާށެވެ.
ތިމާ ނޫން މީހަކު ވެރިކަމުގައި ހުރީމާ ކުރިންވީ ރަނގަޅު މިހާރު ގޯހަށް ވެގެން ފިތުނަ އުފައްދާ މީޑިއާ ހެޑްލައިން ހަދަން ފޮނު އެރުވުން ނޫން ކަމެއް ނަޝީދު ނުކުރެއެވެ. ދެރައީ ގައުމީ ބޮޑު ގައްދާރު ތިރި ގޮނޑިން ނަގާ އުސް ގޮނޑީގައި ބައިންދާތީއެވެ.