މުއިއްޒު ގަޔަށް ފަހާކޯޓަށް 4 ރައީސުން ނޫނެކޭ ބުނީ ކީއްވެ!
ރައްޔިތުންގެ ތާއީދާއި ވޯޓު ލިބިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ހުރިހާ ބޭފުޅުން އެއްއަޑުން ނޫނެކޭ ވިދާޅުވެއްޖެއެވެ. ރައްޔިތުން ރައީސްކަމަށް އިންތިހާބުކުރި ކުރީގެ ރައީސުންގެ ވާހަކަފުޅުން އެނގިގެންދަނީ ވެރިކަމުގައި އޮތް ސަރުކާރުން، ގައުމީ މަސްލަހަތު ހިމެނޭކަމެއްގައި މަޝްވަރާގެ މަތިވެރި އުސޫލު ދޫކޮށްލާފައިވާކަމެވެ. ގާނޫނު އަސާސީއަށް ގެންނަން އުޅޭ 8 ވަނަ އިސްލާހަކީ ސިޔާސީ ޕާޓީތަކާއި މަޝްވަރާ ނުކުރާތާ ކުޑަމިނުން ކުރީގެ ރައީސުންނާ މަޝްވަރާ ކުރިކަމެއް ނޫނެވެ.
ރައްޔިތުންގެ މައިނޯރިޓީން ހޯދައިގެންއުޅޭ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ވެރިކަމުގެ ބާރުތައް ދެމިއޮންނާނެ ކަމަށް ގަބޫލުކޮށް ގާނޫނުއަސާސީއަށް ގެންނަން އުޅޭ ބަދަލަކީ އިސްލާހެއް ނޫނެވެ. ރައީސް މުއިއްޒު ކުރައްވަން އުޅުއްވާ ކަމަކީ ގައުމުގެ ދުސްތޫރު ތިމާގެ ގަޔަށް ހެޔޮވަރު ކޯޓަކަށް ހެދުމަށް ގާނޫނުއަސާސީ ކޮށާ މަށާ ކުދިކުރުމެވެ.
ރައްޔިތުން އިންތިހާބުކޮށްގެން ރައީސްކަން ކުރެއްވި ބޭފުޅުންނަކީ ސިޔާސީ ގޮތުން އެއް ފިކުރަކަށް ތަބާވެ ވަޑައިގެންނެވި ބޭފުޅުންނެއް ނޫނެވެ. އެއިން ކޮންމެ ބޭފުޅަކަށް ތާއިދޫކޮށް ތަބާވީ، ރައްޔިތުންގެ ތެރެއިން އެއް ފިކުރެއްގެ އެއްބައެއް ނޫނެވެ. ރައީސް މައުމޫނުގެ ސިޔާސީ ފިކުރާ ރައީސް ނަޝީދުގެ ސިޔާސީ ފިކުރު މުޅިން ތަފާތެވެ. ތާއީދުކުރި މީހުންނާއި އެމީހުންގެ ވިސްނުންވެސް ތަފާތެވެ. ރައީސް ޔާމީނާއި ރައީސް ސޯލިހުގެ ސިޔާސީ ވިސްނުމާއި ގަބޫލުކުރުންތައްވެސް އުޑާބިމާހާ ފަރަގެވެ. އެ ދެ ރައީސުންނަށް ތާއީދޫކޮށް ވޯޓު ދިން މީހުންވެސް ތަފާތެވެ. އެހެން ކަމުން އެ ހުރިހާ ރައީސުންގެ ވިސްނުން އެއްގޮތްކަމެއްގައި އެބޭފުޅުންނަށް ތާއީދުކުރި ރައްޔިތުންގެ ވިސްނުންވެސް އެއްގޮތް ނުވެއެއް ނުދާނެއެވެ.
ފުންކޮށް ވިސްނާލާއިރު ވެރިކަންކުރަން ރައްޔިތުން އިންތިހާބުކުރި ކުރީގެ ވެރިން ފާޅުގައި އެ ވިދާޅުވަނީ "ނޫނެކޭ" އެވެ. އޭގެ މާނައަކީ ރައްޔިތުން " ނޫނެކޭ" ބުނުން ނޫން އެހެން ކޮން ވާހަކައެއް ހެއްޔެވެ. ކުރިން ވެރިކަން ކުރެއްވި ވެރިންގެ ސިޔާސީ ފިކުރާ ތަޖުރިބާ އަދި ވެރިކަން ކުރުމުގެ އާޖުފާޖުގެ މައްޗަށް ރިޔާއަތްކޮށް" ނޫނެކޭ" އެ ވިދާޅުވަނީ އެކަމުގައި ހުރި ގޯސްތަކުގެ ބޮޑުކަމުންނެވެ.
ގައުމުގެ މުއްސަދިކަން ބޭނުންކުރަން ފޫގަޅައިގެން އުޅޭ މަހުޖަނުންނާއި ސިޔާސީ ޕާޓީ ހަދައިގެން ވެރިޔާފާރި ނަގަހައްޓާ މުއްސަދި ޓައިކޫނުން ރައީސް މުއިއްޒާއެކު ގާނޫނޫ އަސާސީއަށް ގެންނަން މުއިއްޒު އުޅޭ ބަދަލަށް " އާނއެކޭ" ބުނާ ބުމުންވެސް އެ ބަދަލުން އާއްމު ރައްޔިތުންނަށް ވާނެ މޮޅެއް ނެތްކަން ކަށަވަރުވެއެވެ.




