އިންޑިއާ އިންކުރަން ސާޖިދާގެ ކަޅުދިގުވެސް ކޮންޕްރަމައިޒް ކުރާނެ!

ސައިޒަށްވުރެ ބޮޑުވެގެން ތެޅެގަތީމާ ފަޅައިގެން ދާލެއް އަވަސްވާނެ

އިންޑިއާ އިންކުރަން ސާޖިދާގެ ކަޅުދިގުވެސް ކޮންޕްރަމައިޒް ކުރާނެ!

ތިޔަގޮތް ކުރިންވެސް އޮތެވެ. ގައުމިއްޔަތޭ މިނިވަންކަމޭ އިސްތިގުލާލުގެ ފަލަރޮނގޭ ކިޔައިގެން އުޑުގައި ޖެހިފައި ބިމުގައި ނުޖެހުނަސް ވެރިކަން ލިބުނީސް ތޯއްޗެކެވެ. ވެރިކަން ލިބުމުން ދުނިޔެ ރަންވެ އިންޑީއާ އައުޓް ކުރަން ހިފާލުމުން މިހާރު ތިޔަ ތިބީ ބޯންއުޅުނު ބޮނޑި ބޮވިފައެވެ. ކުރިން ތިބި ވެރިން އިން ގޮނޑިން ތެދުވަން އިންޑިއާއިން ހުއްދަ ނަގަން ޖެހޭކަމަށް ބުނި މީހުނަށް ޖެހުނު ހާލު ދެކިބަލާށެވެ. އިންޑިއާ އައުޓް ކުރަން ފޫގެޅިވަރަށްވުރެ ބޮޑަށް ޖެހިފައި ތިޔަ އޮތީ އިންޑިއާ އިން ކުރާން އުޅެންޖެހިފައެވެ. 

މިނިވަން ކަން ކޮންޕްރަމައިޒްނުކޮށް ގައުމުތަކާ ގުޅުން އުފައްދަނީއޭ ކިޔާ އަނގަހުޅުވަން އަޒާންމެން ލަދެއް ނުގަނެއެވެ. މަޖިލީހުގެ 241 ކޮމިޓީއަށްވެސް އިންޑިއާގެ އެއްބަސްވުންތައް ބަލައިލަން ތިޔަތިބީ ނުކެރިފައެވެ. ކުރިންވެސް ތިބި އިންޑިއާ އަސްކަރީ މީހުން މިއަދުވެސް އެތިބީއެވެ.

ބައިހަދާފައި ގޮސް ވީޑިއޯކޮށްގެން ދައްކާ ރައްޔިތުން ބިރުވެރިކަމުގެ ތެރެއަށް ވައްޓާލަން ނިކުންނަށް އަޒާންމެނަށް ކެރޭނެހެއްޔެވެ. 

އިންޑިއާ ފޫކަހާލީމާ ވީގޮތް ފެނިއްޖެ ނޫން ހެއްޔެވެ. ސައިޒަށްވުރެ ބޮޑުވެގެން ތެޅެގަތީމާ ފަޅައިގެން ދާލެއް އަވަސްވާނެއެވެ. އިންޑިއާ މީހުން ނަޔަސް ޓޫރިޒަމް ހިނގަނެއޭ ކިޔައިގެން ފުއްޕީ މިއަހަރުއެވެ. އިންޑިއާ މީހުން ނުރަސްމީކޮށް ބޮއިކޮޓް ޖައްސާލީމާ ކަރުބުޑުގައި ހިތިރަހަ ލާން ލަސްތަކެއް ވީހެއްޔެވެ. ނުވިއެވެ. އިންޑިއާ އައުޓު ޔާމީނު ބޮލަށް ކަނޑާލީ އިންޑިއާ މީހުންނަކީ މަޔައިން ކަމަށް ހީކޮށެވެ.

މޭމަތީގައި އިންޑިއާ އައުޓް ޖަހައިގެން ރަތް ޓީޝާޓް ލައިގެން އުޅުނީ ކޮންބައެއް ކަމެއް އިންޑިއާގެ ކުޑަކުއްޖަކަށްވެސް އޮޅެފައެއް ނުއޮންނާނެއެވެ. މިހާރު އިންޑިއާ އިން ކުރަން ބައިބަޔަށް މީހުން ގޮސް ސަލާންޖަހަން ތެލޭބަލާ ގޮތުން މީހުން އެތިބީ މަލާމަތް ކުރާށެވެ. ލަދު ހަޔާތް ނުގަންނާތީ ބޮންބޭއާއި ދިއްލީއާއި ބެންގަލޫރުގައި މަގުތައް މަތީ ކަރުގޮށް ނައްޓައިގެން ސަލާންޖެހެމުން ދުވަނީތާއެވެ. 

އިންޑިއާއިން ދުވަހަކު އަޅާނުލިޔަސް ވަރިހަމައޭ ބުނެ ފިސާރި ގޮތްދެއްކެއެވެ. ހިލޭއެހީގެ ގޮތުގައި އިންޑިއާއިން ދީފައިވާ އެހީތަކުން ކުރަމުން ގެންދިޔަ މަސައްކަތްތައް ހުއްޓާލީއެވެ. ލޯނުފައިސާ ދެއްކުން ލަސްކުރަން އެދުމުން ދެރަވެދާނެތީ ދެރަނުވާން ނެތްލާރިން 50 މިލިޔަން ޑޮލަރު ދެއްކިއެވެ. 50 މިލިޔަން ދައްކައިގެން ލަސްކުރަން އާދޭސްކުރަން ނުޖެހޭ ވަރުވާނަމަވެސް ފުއްޕަން ރަނގަޅެވެ. އެންމެ ފަހުން ލޯނުތައް ލަސްކުރުމާއި އިތުރު ބަޖެޓް ސަޕޯޓާއި އެހީއާއި ލޯނު ހޯދަން އެމީހުންކީ "ގެރިމޯދީ"ގެ ދެފައިތިލައިގައި ބޮސްދީ ވެއްޓި ފުރޮޅި ގަންނާނެއްބާ ގޮވަންޖެހުނީއެވެ. 

އެއް ގައުމަކަށް ބަރޯސާ ނުވާން ވެގެންނޭ ކިޔައިގެން ބިހާއި އަލުއްވާއި ފިޔާ ޕާކިސްތާނުން ހޯދައިގެން ކާޑު ތުރުކީން ހޯދައިގެން ހިލަޔާއި ހިލަވެއްޔާ ދަގަނޑު ޗައިނާއިން ހޯދައިގެން އުޅެވިއްޖެހެއްޔެވެ. އިންޑިއާއިން ބޭސްފަރުވާ ނުކުރަން ބެންކޮކާއި ދުބާއީން އާސަންދަ ދެވިއްޖެހެއްޔެވެ. ތުރުކީން ޑްރޯން ގަނެގެން ސަރަހައްދު ބެލެހެއްޓިއްޖެހެއްޔެވެ. އަދި މިއުޅެނި ވެރިކަމަށް އަހަރު ނުވެއެވެ. 

ރޭނިދި ނުނިދާ އިންޑިއާ ފައިބުޑަށް ވެއްޓި ރޮއިހޭރި ސަލާން ޖަހަންފެށީމާ މުއިއްޒު ދެމި ފަލަރަތް ރޮނގު ސާޖިދާ ބުނާކަހަލަ ކަޅު ދިގަކަށް ބަދަލުވެއްޖެއެވެ. މިނިވަންކަމާއި ސިޔާދަތު ކިއްކުރަން ހެއްޔެވެ. "އިންޑިއާ އިން" ކުރުމަށް ސާޖިދާގެ ކަޅުދިގުވެސް ކޮންޕްރަމައިޒް ކުރާނެއެވެ.