މުއިއްޒުގެ ތަރިކަ ދިރާސާކުރާ މަރުކަޒަކީ ފަޅާލި ބޮޑުކަރައެއް!

ސަގާފީ ތަރިކަ ދައްކަން ތޮއްޑޫ އާދަނު ގިރަނީ ރަނބަ

މުއިއްޒުގެ ތަރިކަ ދިރާސާކުރާ މަރުކަޒަކީ ފަޅާލި ބޮޑުކަރައެއް!

ގާނޫނު އަސާސީގެ 116 ވަނަ މައްދަގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު އުފެއްދީ 18 ޖެނުއަރީ 2024ގައެވެ. ތަރިކަ މަރުކަޒު އުފެއްދި ފަހުން 7 މަސް ދުވަސްވަނީއެވެ. ގައުމިއްޔަތު މިނިސްޓްރީގެ ދަށުގައި އުފެއްދި ތަރިކަ މަރުކަޒު ހުރިތަނެއް އެނގޭ މީހަކު ނޫޅެއެވެ. ނަން ބޯޑެއްހާ ހިސާބުވެސް ދުށް މީހަކު ނެތެވެ. 

ތަރިކަ މަރުކަޒުގެ އިދާރީ އޮނިގަޑެއް ވަޒީފާގައިއުޅޭ މުއައްޒަފަކު އުޅޭކަމަކަށް ނުވެއެވެ. ސިވިލް ސާވިސްގެ އޮނިގަނޑުގެ ތެރެއިންވެސް ތަރިކަ ދިރާސާކުރާ މަރުކަޒެއް ނުފެނެއެވެ. ރައީސް އަދި ތަނެއް އުފެއްދިޔަސް އެކަމެއް ނުކުރާނަމޭ ގައުމިއްޔަތު މިނިސްޓަރު ބުނާކަހަލައެވެ. 

ހިންގުމުގެ ދާއިރާގައި ދުވަހަކު ކަމެއްކޮށްފައިނުވާ މީހަކަށް ވަޒީރުކަން ދީގެން ވާނެ ހައެތި އެހުރެގެން ވަނީއެވެ. ވަޒަން ހަމަކޮށް ޅެންފަރިހި ހަދަން އެނގުމަކީ މިނިސްޓަރު ކަމަށް އާދަން ނަސީރު ކުފޫހަމަވިކީ ނޫންކަން މުއިއްޒަށް މިހާރު އެނގޭނެއެވެ. ފަންސާހަކަށް ސިޔާސީ މުއައްޒަފުން ލައިގެން ބޮޑެތި ކަރާފަޅާ އޮއްބުރުވަން އުޅުނަކަސް ކޮންމެ ކޮންމެ މީހަކަށް ވަޒީރުކަން ނުކުރުވޭނެ ކަން މިހާރު މުއިއްޒަށް އެނގޭނެއެވެ. 

ނިޒާމީ ތައުލީމެއްނެތި ވެރިންގެ ގައިގާ ފެންފޮތި ލައިގެން ދިވެހި ޑިގްރީއެއް ހަދައި ގައުމިއްޔަތު ބޮލަށްލައިގެން ތެޔޮގުޅާ ސާދާކުރިޔަސް އާދަނަކީ ވަޒީރު ކޮލިޓީގެ މީހެއް ނޫންކަން މުއިއްޒަށް އެނގޭނެއެވެ.

އާދަން ނަސީރުގެ ގައުމިއްޔަތަކީ ފުޅިބައްތިޔާއި ފަންރިޔަލުގެ ގައުމިއްޔަތެވެ. ހަނޑަސް ބުރިޔާއި ކަނޑިކިފަޅީގެ ގައުމިއްޔަތެވެ. ލިބާސްލެއްވުމާއި އަސާ ފައްތަރުކުރާ ގައުމިއްޔަތެވެ. ބޮޑު މާލޫދާއި ޒިޔާރަތަށް ދުންދޭ ގައުމިއްޔަތެވެ. ބުޑިޒަމްގެއާދަތަކާއި ހުރާފާތަކީ އާދަން ނަސީރުގެ ގައުމިއްޔަތެވެ.

ސަގާފީ ތަރިކަ ދައްކަން ކަޅުވަކަރު މިސްކިތު ސަރަހައްދު ތަރައްގީކުރަން ގިރަންފެށި ރަނބަ ގިރެނީއެއް ނޫނެވެ. ކަޅުއޮށްފުންމީގެ ނަމޫނާ ގެނެސް ބަހައްޓައިގެން ސަތަރިގަނޑެއް ދަމާލިގޮތަށް ކުރާކަމެއް ކުރެވޭ ކަމެއް ނެތެވެ. ބޮޑުފާލަން ރޫޅާލައިގެން ފާލަމަށް ގައުމިއްޔަތު ގެންނަން މިލިޔަނުން އިސްރާފުކުރުވަނީއެވެ.

އާރޓިފިޝަލް އިންޓެލިޖެންސާއި އިންޓަރނެޓާއި މައިކްރޯ ޑިޖިޓަލް ޒަމާނުގައި ޗާޕްހާނާ ހަދައިގެން ސްޓެންސިލް ލިޔަން އުޅުނަކަސް އެކަމެއް ނުހިނގާނެއެވެ. ފަހަތަށް އެޅޭފިޔަވަޅަކަސް ހަދަން އުޅޭ ސަރުކާރު ޗާޕްހަނާ ވީތަނެއް އަދި ނޭނގެއެވެ. 

ދުނިޔޭގައި ކޮލެޖު ހަދާއުޅޭ ގޮތާއި ހިލާފަށް ނިޒާމީ ތައުލީމުގެ ބޭރުން އާދަން ނަސީރަށް ހަދާދޭ ދިވެހިއްޔަތު ކޮލެޖު ވީތަނެއް އަދި ނޭނގެއެވެ. ކެބިނެޓްގައި ތިބި ޑޮކްޓަރޭޓުންގެ ބަސްކަވަލާ މިނިސްޓްރަކު ކިޔަވާދޭން ހަދާ ގައުމިއްޔަތު ކޮލެޖުގެ ވާހަކަ ހެޔޮވާނީ ނުދެއްކިއްޔާއެވެ.     

21 ވަނަ ގަރުނުގެ ތަރައްގީއާއި ބަވަނަވެތިކަމާ ބީރައްޓެހި ސަގާފަތެއް ހޯދަން އާދަން ނަސީރު ފަޅާ ބޮޑެތި ކަރާގެ ވާހަކަ ހެޔޮވާނީ ނުދެއްކިއްޔާއެވެ. އެކަމަކު ރާއްޖޭގައި ތިއްބެވި ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ އިލްމާއި ގާބިލުކަމާއި ތަޖުރިބާހުރި މަނަދޫ ތޯރިގު ފަދަ މާހިރުން އެވާހަކަ ނުދައްކައެއް ނުތިބޭނެއެވެ.