އާދަމް ނަސީރަށް: ނެތިގެން އުޅެނީ ބޮކުބާރު!

އިހުގައި އޮވެ ނެތިގެން އުޅެނީ މާލޭ މަގުމަތީ ހެދުނު ފެންގަނޑު ގަނޑުގައި އުޅުނު ބޮކުބާރު

އާދަމް ނަސީރަށް: ނެތިގެން އުޅެނީ ބޮކުބާރު!

އިހުގައި އޮވެ މިހާރު މިފަސްގަނޑުގެ މައްޗަށް ދިވެހީންގެ ނެތިގެން ތިޔަ އުޅެނީ ކޮން ބާރެއް ހެއްޔެވެ. އިހުއޮތް ބާރު އަލުން އަނބުރާ ހޯދަން މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދީގެން އުޅޭކަމަށް އާދަން ނަސީރު ތިޔަ ކިޔަނީ ކޮން ބާރެއްގެ ވާހަކައެއް ހެއްޔެވެ. ހެލޭ ދުލެއް އޮތީމާ ދުފާއެއްޗިއްސޭ ކިޔަން ނުހަދާށެވެ.  

އަންނަން އޮތް ޖީލަށްޓަކައި ދިވެހީން، ދިވެހީންގެ ގޮތުގައި ދެމިތިބި ސަބަބު ދިވެހިންނަކަށް ނޯޅެއެވެ. މުއިއްޒާއި އާދަން ނަސީރަށް އޮޅެގެން އުޅެންޏާ ތިޔަ ތަޅާން އުޅޭ ނަކަސް ނުތަޅާ ރަށުތެރޭން ކޮންމެވެސް އެހެން ކަމަކާ އުޅޭށެވެ.

އަންތަރީސް ވާހާވެއެވެ. ތިޔަ ކިޔަނީ މި ފަސްގަނޑުގެ މައްޗަށް ދިވެހީންގެ އިހުއޮތް ކޮންބާރެއް އަލުން އެނބުރި އަންނާނެ ވާހަކައެއް ހެއްޔެވެ. އިހުގައި އޮވެ ނެތިގެން އުޅެނީ މާލޭގެ މަގުތަކުގައި ކުރިން ހެދޭ ފެންގަނޑު ގަނޑުގައި އުޅުނު ބޮކުބާރެވެ. ބޮކުބާރެއް ދިވެހިން މިހާރަކު ބޭނުމެއް ނޫނެވެ. ކޮންމެހެން މާބޮޑު އިސްކަމެއް ދީގެން މުއިއްޒެއް ކަމަކު ބޮކުބާރު ހޯދާދޭން އުޅޭނެ ކަމެއް ނެތެވެ. 

ޕޯޑިއަމެއް ކައިރިއަށް ހުއްޓެވޭ އިރަށް ތިޔަ ގޮވާނަގަނީ އަބަދު ކޮންހާ މޮޔައެއް ހެއްޔެވެ. ދިވެހިންގެ ބަހޭ، ދިވެހިންގެ ދީނޭ، ދިވެހީންގެ ތާރީހޭ، ދިވެހީންގެ ތަރިކައޭ،  ދިވެހީންގެ މަސައްކަތްތެރިކަމޭ،  ދިވެހީންގެ ހުރިހާ ހުނަރުތަކޭ ކިޔައިގެން ތިޔަ ގޮވަނީ ކޮން ގޮވެލި ފައްޗެއް ހެއްޔެވެ. ތިޔަ ބުނާ އެއްވެސް އެއްޗެއް ދިވެހިންނަކަށް ގެއްލިގެނެއް ނޫޅެއެވެ. 

ދިވެހިންނަށް ދިވެހި ބަސް ގެއްލިގެނެއް ނޫޅެއެވެ. ދިވެހިންނަށް ދިވެހި ބަހުން ނުދެއްކޭ ވާހަކައެއް ނުލިޔެވޭ ލިޔުމެއްނެތެވެ. ޒަމާނީ ޓެކްނޮލޮޖީއާއި އެކު ދިވެހި ބަސް ދަނީ ކުރިއަރާ ފުޅާވަމުންނެވެ. އިހުގައި ދިވެހިބަހުން ނުކުރެވޭ ކިތަންމެ މުއާމަލާތަކާއި އިލްމީ މަސައްކަތެއް މިހާރު އެބަކުރެވެއެވެ. ޒަމާނާއެއް ވަރަށް ދިވެހިބަސް ކުރިއަރައިގެން ގޮސްފައި އޮތިއްޔަކީ މުއިއްޒުގެ ވެރިކަމަށް މިވީ ނުވަމަސް ދުވަހުގެ ތެރެއަކު ނޫނެވެ. ދިވެހިންގެ ދީނަކީ އިސްލާމް ދީނެވެ. ރާއްޖޭގައި ދީނީ އިލްމުފެތުރި ފުޅާވެ އިލްމުވެރިން އުފެދުނީ މުއިއްޒު ވެރިކަމުގައި މުއިއްޒު ކުރި ކަމަކުން ނޫނެވެ.

އުމުރުން ދުވަހެއް ދުނިޔޭން ދުވަހެއް މާޒީވަމުން ދާ ވަރަކަށް ދިވެހީންގެ ތާރީހަކީވެސް ދިރެމުން ދާއެއްޗެކެވެ. ދިވެހީންގެ ތަރިކަ ރައްކާތެރިކުރުމާއި ތާރީހު ދިރާސާ ކުރުމާއި ތާރީހު އިލްމަށް ލޯބިކުރާ މީހުން އެމަސައްކަތް އެބަކުރެއެވެ. ކުރީގެ ސަރުކާރުތަކުން އަރްޝީފާއި ދާރުލްއާސާރާއި އެނޫންވެސް އިދާރާތައް ހަދައިގެން އެކަންކަން އައީ ބަލަހައްޓަމުންނެވެ. މުއިއްޒަށް އަލަކަށް ކުރެވުނު ކަމެއްނެތެވެ. ކުރީން ސަރުކާރުން ޗާޕްހާނާ ހިންގީތީ ތިޔައުޅެނީ ޗާޕްހާނާވެސް ހިންގާނަމޭ ހިތާނޫން ހެއްޔެވެ. ބަލަގަ މިފަދަ ޓެކް ޒަމާނެއްގައި ފަސްދޮޅަހުގެ އަހަރުތަކަށް ދިވެހިން ދާކަށް ބޭނުމެއް ނޫނެވެ. 

ދިވެހީންގެ މަސައްކަތެރި ކަމޭ، ހުނަރޭ ކިޔައިގެން އަނގަތަޅާއިރު ދިވެހިންގެ މަސައްކަތްތެރިކަމާއި ހުނަރު ނުފެންނަނީ ހެއްޔެވެ. މިހާރަކު ގުދު ބިންދައިގެން ވަކަރު ކޮށައިގެން އޮޑިދޯނި ފަހަރު ބަންނާކަށް ދިވެހިން ނޫޅެއެވެ. ރާއްޖޭގެ ފަތުރުވެރިކަމާ ގުޅިގެން ދިވެހި ސަގާފީ ތަރިކާއާއި މަސައްކަތްތެރިކަމާ ސަގާފީ ކުޅިވަރު އާލާވަމުން ދާކަމެއް ނުދެނެ ހުރިންދޯއެވެ. އެހެން ނޫނަސް ޓެކްނޮލޮޖީއާއި މައުލޫމާތުގެ އަލީގައި ލުއިވެ ފަސޭހަވެ ބަދަލުވަމުންދާ މަސައްކަތުގެ ވައްޓަފާޅި އޮބި އަޅުވައިގެން ފަންރިޔަލުގެ ޒަމާނަކަށް ނުގެންދެވޭނެއެވެ. ނުވެސް ދާނެއެވެ. 

ބަވަނަވެތި ދުނިޔެއާއި ފައިހަމަނުވާ ބަޑިބޭސް އަޅާ ބޮޑުބަޑީގެ ޒަމާނަށް ދިވެހިންގޮސް ފިނދުކިބާގެ މަސްގަނޑު ދައްކައިގެން ފޫގަޅައިގެން ފަލިޖަހަން ތިބޭ ބަޔަކަށް ދިވެހިން ދެން ނުވާނެއެވެ. މާތްކަލާކޯއެވެ. އާދަންފުޅު ހޮޓަލުގައި ސައިބަހައްޓަން ކަނޑާލާށެވެ.