ދިވެހި މިނިވަންކަމުގެ ނާރެސް: އަބްދުއްސައްތާރު މުސާދީދީ

އެންމެ އާދަޔާ ޚިލާފު އެއް ޝަހުސިއްޔަތު

ދިވެހި މިނިވަންކަމުގެ ނާރެސް: އަބްދުއްސައްތާރު މުސާދީދީ

ނަން: ސުމުއްވުލް އަމީރު އަބްދުއްސައްތާރު ފާމުލަދޭރި ކިލެގެފާނު

ބައްޕާފުޅު: އައްސުލްތާން އިބްރާހިމް ނޫރައްދީންގެ އަލްއަމީރާ ފާތިމާނޫރައްދީންގެ އަންނަބީލާ  ޢާއިޝަގެ  ދަރިކަލުން މޫސާ މުހައްމަދު ދީދީއެވެ.

މަންމާފުޅު: އައްސުލްތާނު އިބުރާހީމް ނޫރައްދީންގެ އަލް އަމީރު އަލީ ނޫރައްދީންގެ އަންނަބީލާ ޒުލައިޚާ އަލީއެވެ.

އުފަންވެވަޑައިގަތީ: 1936 ވަނަ އަހަރުއެވެ.

ކިޔަވާ ވިދާޅުވީ:  ސްރީލަންކާ އިންނެވެ.

އަދާކުރެއްވި ބައެއް މުހިންމު ވަޒީފާ:

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން

މިނިސްޓަރ އޮފް އެޑިއުކޭޝަން

މިނިސްޓަރ އޮފް ފިނޭންސް

މިނިސްޓަރ އޮފް ހެލްތު

މިނިސްޓަރ އޮފް ފިޝަރީޒު 

ލަންކާ ގައި ހުންނަވާ ދިވެހި ދައުލަތުގެ ސަފީރު ކަން 1960 ން 1967 އަށް

އދ. އަށް ކަޑަ އަޅުއްވާފައިވާ ދިވެހިދައުލަތުގެ ދާއިމީ މަންދޫބު ކަން 1967 ން 1970 އަށް

ފުރަތަމަ ވަޒީފާ އަދާކުރާން ފެއްޓެވީ ޝްރީލަންކާ ގައި ހުންނަ ދިވެހި އެމްބަސީގެ ސެކްރެޓެރީ ކަމުގެ މަޤާމްގައެވެ. އެވަޒީފާ ލިބިވަޑައިގަތީ 1957 ވަނައަހަރު ޖޫން 17 ވަނަ ދުވަހުއެވެ.

ގައުމީ ޚިދުމަތް: ތަފާތު ރޮނގު ރޮނގުން 50 ވަރަކަށް އަހަރު ދިވެހި ޤައުމަށް ޚިދުމަތް ކުރެއްވިއެވެ. އެކި ރޮނގު ރޮނގުން ދިވެހި ޤައުމަށް ޚިދުމަތް ކޮށް ދެއްވި ދިގު މުއްދަތުގެ ތެރޭގައި އެމަނިކުފާނުގެ ނަންފުޅު ދިވެހި ތާރީޚުގައި ފަވާލެވިގެން ދިޔައީ އިނގިރޭސިންގެ އަތުން ދިވެހި ޤައުމު މިނިވަން ކުރުމަށް އެކުރެއްވި މަސައްކަތުގެ ސަބަބުންނެވެ.

މިނިވަންކަމަށް ކުރެއްވި މަސައްކަތްޕުޅުގައި ހުރި ގޮންޖެހުންތަކުގެ ތަސައްވުރެއް:

އެއިރު އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮންނަތާ  70 އަށް ވެރެން ގިނަ އަހަރު ވެއްޖެއެވެ. ނަމުން ހިމަޔަތުގެ އަޅުވެތިކަމުގައި ވީދުވަސް ތަކުގައި ދިވެހި ދައުލަތުން އިނގިރޭސި ވިލާތަށް އަހަރަކު 2000 ޕައުންޑް ދައްކަން ޖެހެއެވެ. މިނިވަންކަން ލިބުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން މިޖިޒީ ކަނޑާ ލެވުނު ނަމަވެސް ދިވެހި ރަސްކަމަށް މީހަކު އިސް ކުރުމުގައި އިނގިރޭސިންގެ ލަފާ ހޯދަން ޖެހުމާއި  ދިވެހި ރައްޔިތުން ބޭރު ޤައުމު ތަކަށް ދަތުރު ކުރުމުގައި އިނގިރޭސި ޕާސްޕޯޓު ބޭނުން ކުރަން ޖެހުމާއި މިކަންކަން މިނިވަންކަން ލިބުމާހަމަށް ދެމިއޮތެވެ. އަދި މިނިވަންކަން ލިބުމާހަމައަށް އެއްވެސް ބޭރު ޤައުމަކާއިއެކު  ދިވެހިންނަން ގުޅުން ޤާއިމު ނުކުރެވެއެވެ. ނަމަވެސް ދާޚިލީ ކަންކަން ހިންގުމުގެ މިނިވަންކަން ދިވެހިންނަށް އޮތެވެ. 

ނަމަވެސް 1957 ވަނައަހަރު އައްޑޫ އަތޮޅު ގަން 100 އަހަރަށް އިނގިރޭސިން ނަށް ދިނުމާއި ގުޅިގެން އެދިމާވި މައްސަލަ ތަކުގެ ސަބަބުން އިނގިރޭސިން ދިވެހި ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން ފެށިއެވެ. ރައްޔިތުންގެ މަޖިލީސް އަށް އެންގުމެއް ނެތި އައްޑޫ ގަން އިނގިރޭސިންނަށް ދިން މަސްއަލާ ގައި އެއިރު ޤައުމުގައި ހުންނެވި ބޮޑުވަޒީރު ޤައުމަށް ޚިޔާނާތްތެރިވެއްޖެކަމަށް ބަލައި އެކަން މަޖިލިސްއަށް ހުށަހަޅާ ބަހުސް ކުރަން ފެށުމުން ބޮޑުވަޒީރު އިސްތިއުފާ ދެއްވިއެވެ.

1957 ޑިސެންބަރު 12 ވަނަ ދުވަހު އެހެން ބޭފުޅަކު ބޮޑުވަޒީރުކަމަށް އިސްކުރުމާއި ގުޅިގެން  އަލަށް އިސްކުރެވުނު ބޮޑުވަޒީރު އިނގިރޭސިންގެ އެދުން ތަކަށް ވަރަށް ބޮޑަށް ދެކޮޅު ހެދުމުގެ ސަބަބުން ދެކުނުގެ ހަތަރު އަތޮޅުގައި ވަރަށް ބޮޑު ހަމަނުޖެހުމެއް ހިނގައިދިޔައެވެ. މިކަމުގެ އަޑީގައި ތިބީ އިނގިރޭސިންނެވެ. މިހަމަނުޖެހުން ގަޑުގެ ތެރޭގައި އެންމެ ފަހުން ދެކުނުގެ ހަތަރު އަތޮޅު ދިވެހި ދިދައިގެ ދަށުން ވަކިވެ އަމިއްލަ ދައުލަތެއް އުފެއްދިއެވެ. މި މަސްއަލަ ހައްލުކުރަން ދިވެހިން ވަރަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވިއެވެ. މަސްލައިގެ ބޮޑުކަމާއި މިކަމުގެ އަޑީގައި އޮތް ދައުލަތުގެ މިލިޓަރީ ބާރާއި ވަރުގަދަ ކަން ދިވެހިންނަށް އިޙުސާސް ވީހިނދު އިނގިރޭސިންނާއި ވާހަކަ ދައްކައިގެން ސުލްޙަ ވެރިކަމާ އެކު މިމަސްއަލާ ހައްލުކުރުމުގެ މަސައްކަތް ފެއްޓެވިއެވެ

މަސައްކަތުގައި ބޮޑުވަޒީރުގެ ދަށުން އެންމެއިސް ދައުރެއް އަދާކުރެއްވި  ބޭފުޅަކީ އަބްދުއް ސައްތާރު މޫސާދީދީ އެވެ. ސުލްޙައިގެ މަސައްކަތް ކުރިއަށް ދިޔައިރު ދިވެހިންނަށް އިޙުސާސް ވަމުން ދިޔަ އެންމެ ބޮޑު އެއް ކަމަކީ, އިނގިރޭސިން  ދިވެހި ސަރުކާރުގެ އަމުރު ތަކަށް ބޯނުލެނބުމެގެ އެންމެ ބޮޑު ސަބަބަކީ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި ދިވެހިރާއްޖެ އޮތުމެވެ. މިކަން މިގޮތަށް އިޙުސާސުވި އެއް ހާދިސާ އަކީ, ދިވެހި ރައްޔިތަކާއި އޭނާގެ އާއިލާ ދިވެހި ސަރުކާރުގެ ހުއްދަ  އަކާއިނުލައި  ދިވެހި ސަރުކާރަށް އެންގުމެއް ނެތި ރާއްޖެ އިން ބޭރުކޮށް އިނގިރޭސިންގެ  ދަށުގައި އޮތް އެހެން ޤައުމެއްގައި ވަޒަންވެރިކުރި ހާދިސާ އެވެ. މި ކަމާއި ގުޅިގެން ދިވެހި ސަރުކާރުން އިނގިރޭސިން ނާއި ސުވާލު ކުރުމުން ދެއްވި ޖަވާބަކީ, އިނގިރޭސި ރައްޔިތަކު އިނގިރޭސިން ބޭނުން ތަނަކަށް ގެންދިއުމުގައި ދިވެހި ސަރުކާރުގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށެވެ.

އިނގިރޭސިން ގެ ފަރާތުން އައި އެތައް ގޮންޖެހުން ތަކެއްގެ ސަބަބުން އިނގިރޭސިންގެ އަތުން މިނިވަންކަން ހޯދުމަށް އެއިރު އޮތް ސަރުކާރުން ނިންމެވިއެވެ. މިކަމަށް ދިވެހި ދައުލަތުން އައްޔަން ކުރެއްވި ބޭފުޅަކީވެސް އަބްދުއް ސައްތާރު މޫސާދީދީ އެވެ. ބޮޑުވަޒީރުގެ އިރުޝާދުގެ ދަށުން އެމަނިކުފާނުގެ ވިސްނުންތެރި ކަމާއި ހިކުމަތު  ޢަމަލީގައި  އެކުރެއްވި މަސައްކަތުގެ ނަތީޖާ އަކަށްވީ 1965 ޖުލައި 26 ގައި ދިވެހި ޤައުމަށް މިނިވަންކަން ލިބިގެން ދިޔުމެވެ.

މިހާތަނަށް އިނގިރޭސިންގެ  އަތުން މިނިވަން ވެފައިވާ 58 ޤައުމު ވެސް މިނިވަން ވެފައި ވަނީ އިނގިރޭސިންނާއި ސުލްހަވެރި ކަމާއެކު ވާހަކަ ދައްކައިގެންނެވެ. އިނގިރޭސން ނާއި ހަނގުރާމަ ކޮށް އިނގިރޭސިން މިލިޓަރީ ގޮތުން ބަލިކޮށްގެން މިނިވަންކަން ހޯދި އެއްވެސް ޤައުމެއް ނެތެވެ. ސުލްހަވެރި ކަމާއެކު ވާހަކަ ދައްކައިގެން މިނިވަންކަން ހޯދި ޤައުމު ތަކުގެ ތެރެއިން އެންމެ އާދަޔާ ޚިލާފު ޝަހުސިއްޔަތު ތަކެއް ފެނިގެން ދިޔަ ޤައުމަކީ އިންޑިއާ އެވެ. 

އިންޓަގްރިޓީ

އަބްދުއް ސައްތާރު ފާމުލަދޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާއަކީ ނަޒާހަތްތެރި ޝަހުސިއްޔަތެކެވެ.  1972 ވަނައަހަރު އެ މަނިކުފާނު ރާއްޖޭގެ ބޮޑުވަޒީރު ކަމަށް ނުވަތަ ރާއްޖޭގެ ވެރިކަމަށް, އިންތިޚާބު ކުރިއެވެ. ނަމަވެސް ވެރިކަން ޤަބޫލު ނުކުރެއްވިއެވެ. އެ މަނިކުފާނު ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅު ތަކުގައި ޚަރަދު ކުރައްވަން ދޭ ފައިސާ އިން ބާކީވާބައި އަނބުރާ މާލިއްޔާއަށް ރައްދު ކުރައްވައެވެ.

ރާއްޖޭގައި ލިޔެވިފައިވާ ތާރީޚު ފޮތްތަކުގެ ސަފުހާތައް  ކިޔާލާއިރު އަބްދުއްސައްތާރަށް ވުރެ މޮޅު ހަނގުރާމަ ވެރިން އަދި މާކުޅަދާނަ ސިޔާސީ ލީޑަރުން އުފެދިފައިވާ ކަން އެނގެން އެބަހުއްޓެވެ. ނަމަވެސް ތެދުވެރި ކަމާއި, އަމާނާތްތެރި ކަމާއި, މުރުއްވަތްތެރިކަމާއި ރިވެތި އަޚުލާޤުގައި އެފަދަ ދެވަނަ އެއް ރާއްޖޭގައި އުފެދިފައިވާ ކަން ތާރީޚުން އެނގޭ ކަށް ނެތެވެ. ދުވަހަކުވެސް މީހަކު ލިޔެފައިވާ އެއްޗަކުންވެސް އަދި ބުނެފައިވާ ބަހަކުންވެސް އެމަނިކުފާނާއި މެދު އިހާނެތިކޮށް މީހަކު އެއްޗެއް ބުނި އަޑެއް އިވިފައި ނުވަތަ ފެނިފައި ނެތެވެ. އެންމެންގެ ދުލުން ވެސް އަދި ލިޔުމުން ވެސް ބުނަނީ އެއީ ހާދަހާ ރަނގަޅު ބޭފުޅެއް ކަމަށެވެ.

އަވަހާރަވީ: 27 ނޮވެމްބަރ 2015 ގައެވެ. މާތް ﷲ އެމަނިކުފާނުގެ ފުރާނަ ފުޅަށް ހެޔޮ ރަހުމަތް ލައްވާށިއެވެ. އާމީން.

މައިގަނޑު މައުލޫމާތު ނަކަލުކުރީ: އަލްއަޚް އަބްދުއްލާ ސައީދު- ނ. މަނަދޫ ގެ ލިޔުއްވުމަކުން