ގައުމު ގެއްލިގެން އުޅެނީ ޔާމީނަށް - ރައްޔިތުންނަކަށް ނޫން
ގައުމު ހަނގުރާމައާ ޓެރެރިޒަމްގެ ބިރުވެރިކަމުގެ ތެރެއަށް ވައްޓާލަންނޫޅޭ
ދިވެހީންގެ ގައުމު ދިވެހީންނަށް ގެއްލިގެނެއް ނޫޅެއެވެ. ދިވެހިން އުޅެނީ އެމީހުންގެ ގައުމުގައެވެ. ދިވެހިންގެ ވެރިކަން އޮތީ ދިވެހިންގެ އަތް މަތީގައެވެ. ބައިނަލް އަގުވާމީ ގޮތުން ދިވެހި ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެކެވެ. ދިވެހިންގެ ބަސް ދިވެހިން ބުނެއެވެ. ދިވެހިންގެ އޮންނަނީ ދިވެހި ޕާސްޕޯޓެވެ.
ދިވެހި ރާއްޖޭގެ ޓެރެޓަރީން އަކައިންޗިއެއް ރާއްޖެއަކަށް ގެއްލިފައެއް ނެތެވެ. ދިވެހިރާއްޖޭގެ ސަރަހައްދުގެ އަކަ އިންޗިއަކާ މެދު ޝަކުވާކުރާ ބަޔަކު ނޫޅެއެވެ. ސަރަހައްދީ އިމުގެ މައްސަލައެއް އެއްވެސް ގައުމަކާ ރާއްޖެއާ ދެމެދަކު ނެތެވެ. މިނިވަން ގައުމެއްގެ ހުރިހާ ރުކުންތައް ދިވެހި ރާއްޖޭގައި ހަމައެވެ. ދުނިޔޭގެ މަޖިލީހުގެ ރައީސްކަން ވެސް އެންމެ ފަހުން ކުރީ މިނިވަން ދިވެހި ރާއްޖެއެވެ.
އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ދިވެހިރައްޔިތުން އެއްބުރުން އިބްރާހީމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމް ރިޔާސަތަށް ހޮވީ ކުރީގެ ރައީސް ޔާމީނު ނުލާ ރައްޔިތުންގެ ވެރިކަން ކޮށްދޭށެވެ. އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތާއި އެމްއާރުއެމް ބައިވެރިކޮށްގެން ދިވެހިންގެ ވެރިކަން ކޮށްދޭށެވެ. ދިވެހި ރައްޔިތުން ބުނީ ނަމަނަމަ ރައީސް ޔާމީނު ވެރިކަމާ ގާތް ނުކުރުމަށެވެ. ދިވެހި ރައްޔިތުން ވަނީ ޔާމީނު އަތުން ދިވެހި ގައުމު އަތުލާފައެވެ.
2018 އިން ފެށިގެން ގައުމު ގެއްލިގެން އުޅެނީ ރައީސް ޔާމީނާއި އޭނާގެ އައުވާނުންނަށެވެ. ދިވެހި ރައްޔިތުންނަކަށް ނޫނެވެ. ދިވެހިންގެ ގައުމު ދިވެހިންގެ އަތްމަތީގައި އެބައޮތެވެ. ދިވެހިންގެ ގައުމު އަނބުރާ ހޯދަން އުޅެނީ ވެރިކަމުން ބޭރުކޮށްލާފައި ތިބި ވެރިކަމުގެ ރަހަ ކަރުބުޑުން ނުފިލައިގެން އުޅޭ ބައިގަނޑެކެވެ. ދިވެހި ރައްޔިތުންނެއް ނޫނެވެ.
އާނއެކެވެ. ކުރީގެ ރައީސް ޔާމީނަށް ދިވެހީންގެ ފަހުރުވެރި މިނިވަން ދުވަހާ ބައްދަލު ވާނީ ޖަލުގެ ތޭރި ތަކުގެ ފަހަތުގައެވެ. ކަޅު އަނދިރިކަމާއި، ހިތްދަތިކަމާއި، ބަނަކަމުގެ އިހުސާސްތައް ކުރަމުންނެވެ. ގައުމުގެ މިލްކިއްޔާތު ދަވާލައިގެން ހުރަގެއަށް ވަދެއިން މުލުވަގަކަށް މިނިވަން ދުވަހުގެ މިނިވަން ކަމެއް އިހުސާސެއް ނުވާނެއެވެ. ގެއްލުނު ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހިންނަށް ގައުމު ހޯދާދޭ ވާހަކަ ނުދައްކާށެވެ. ވެރިކަމުގެ ލައްޒަތާ އުފަލާ އަރާމު ހޯދާ ދަވާލެވުނު ވަރު ކުޑަވެ އަނބުރާ ވެރިކަން ޔާމީނަށް ހޯދަން އުޅޭ ވާހަކަ ދައްކާށެވެ.
ރާއްޖޭގައި އަޅުވެތިކަމެއް ސަރަހައްދީ ދެކޮޅުވެރިކަމެއް ހަނގުރާމަވެރި މާހައުލެއް ނެތެވެ. ބައިނަލްއަގުވާމީ ރިވެތި ގުޅުން ތަކުން އެކުވެރި ރަހުމަތްތެރި ބަދަހި ގުޅުންތައް އުފެދި ދަނީ އާލާވަމުންނެވެ. އެއްވެސް ގައުމަކާ ރާއްޖެއާއި ދެމެދު ދެކޮޅުވެރިކަމާއި ހަގުރާމަވެރި ހާލަތެއް ނެތީސް އަވައްޓެރި ގައުމުތައް ހަތުރުންނަށް ހަދައިގެން ދިވެހި ގައުމު ހަނގުރާމައާއި ޓެރެރިޒަމްގެ ބިރުވެރިކަމުގެ ތެރެއަށް ވައްޓާލަން ނޫޅޭށެވެ.