ފަލާހަށް: މުއިއްޒު ދެކެ ވާ ލޯބިން ޕީއެންސީ މީހުން ވެސް ބޭނުމީ ވެރިކަން ނިންމަން!

ފަލާހަށް: މުއިއްޒު ދެކެ ވާ ލޯބިން ޕީއެންސީ މީހުން ވެސް ބޭނުމީ ވެރިކަން ނިންމަން!
ފައިލް ފޮޓޯ:

އެތައް ހާސް ބައެއްގެ މައްޗަށް އެކުލެވޭ ޕީއެންސީއަކީ ރައީސް މުއިއްޒުގެ ގޮނޑިކޮއްކޮއެއް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރ ސިފަކޮށްފިއެވެ. ޕީއެންސީގެ ކަންކަން ހިނގާނީ މުއިއްޒު ބޭނުންވާ ގޮތަށް ކަމަށް ފަލާހު ބުނުމުން ޕީއެންސީއަކީ މުއިއްޒު ނޫން އެހެން އެއްވެސް މީހެއްގެ ބަސްވިކޭ ޕާޓިއެއް ނޫންކަން ކަށަވަރުވެއެވެ. 

ފަލާހުގެ ވާހަކައިން ޔަގީންވީ ކަމަކީ ޕީއެންސީގައި އާއްމު މެންބަރުންނާއި އެ ޕާޓީގެ ގުނަންތަކުގެ އެއްވެސް ބާރެއް ނެތްކަމެވެ. ތަފާތު ހިޔާލާއި މަޝްވަރާއަށް ޕީއެންސީގައި އެއްވެސް ފުރުސަތެއް ނެތްކަމަށް ސާފު ބަހުން ފަލާހު އެ ބުނީއެވެ. ވަރުވަރުން މީހުން ތިއްބަސް އެކަކަށް އެއްކަމެއްވެސް މުއިއްޒާ ހިލާފަށް ނުކުރެވޭ ކަމަށް ބުނެވޭނީ އެހާކަށް ވަރަށެވެ. 

ރައްޔިތުން އިންތިހާބުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ތިބި މެންބަރުންގެ ފުށުންވެސް ފެންނަނީ އެކަމެވެ. މުއިއްޒު ބޭނުންވުމުން މެންބަރުންގެ ގޮނޑި ގެއްލުވާލެވޭ ވަރަށް ބާރު ދޫކޮށްލައިގެން އެ ތިބެނީވެސް މުއިއްޒު ބޭނުންނުވާ ގޮތެއް ހެދޭވަރުގެ ހަކަތަ ނެތިގެންނެވެ. މުއިއްޒު ދެކެވާ ލޯބިން ސިޔާސީ ކަންކަމާއި ގައުމުގެ ކަންކަމުގައި މުއިއްޒު ބޭނުންހާ ގޮތެއް ހަދަން ދޫކޮށްލުމަކީ ހިޔާނާތެކެވެ.

މުއިއްޒު އެޅިހާބަތަކަށް ރިހަވެގެން އުޅެން ޕީއެންސީއަކީ މުއިއްޒުގެ ލޯބީގެ ދާސްތާނެއް ނޫނެވެ. ޕީއެންސީއަކީ ވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ހިންގާ އެތައް ރައްޔިތުންނެއް ތަމްސީލުކުރާ ސިޔާސީ ޕާޓީއެކެވެ. މުއިއްޒު ޖީބުން ހަރަދުކޮށްގެން ހިންގާ ކުއްޔަށް ކޮޓަރިދޭ ގެއެއް ނޫނެވެ. މުއިއްޒު ދެކެ ލޯބިން މުއިއްޒު ބޭނުންހާ ގޮތަކަށް ކޮށްދޭނީ މުއިއްޒުގެ އަމިއްލަ ކަންކަމެވެ. ސިޔާސީ ޕާޓީތަކާއި ގައުމީ ކަންކަމަކީ ލޯބީގެ ކަމެއް ނޫނެވެ. ފަލާހުމެން ވާ ލޯބިން ކުރާނެހާ ކަމެއްކުރަން ދޫކޮށްލުމުން ރައީސް އޮފީހުގެ ސޮފާތަކާއި މޭޒުތަކަށް ދަންދެން މުއިއްޒުގެ ލޯބީގެ މަސަންދުތަކަށް ބަދަލު ވަނީއެވެ. 

ޕީއެންސީގެ އާއްމުމެންބަރުންނާއި ޕާޓީގެ ގުނަންތަކުގައި ތިބިހާ މީހުންނަކީ ބުއްދިއެއް ހިކުމަތެއް ހުރި ބަޔަކަށް މުއިއްޒަކަށް ނުވެއެވެ. އެންމެ މޮޅަށް އެންމެ ރަނގަޅަށް ހުރިހާ ކަމެއްވެސް އެnގޭ މީހަކީ މުއިއްޒު ކަމަށް ދެކިގެން މުއިއްޒު އުޅުނެއް ކަމަކު އެންމެނަކު އެކަމެއް ގަބޫލެއް ނުކުރެއެވެ. ހެދިހާ އެއްޗެއް ހެދިގެން މީހުން ތިބީކީ ކުރާހާ ކަމެއް ރަގަޅުުވެގެން ރުހިގެން ލޯތްބަކުން ނޫނެވެ.

ދައުލަތް ހިންގުމުގައި މުއިއްޒަށް ފެންނަހާ ގޮތަކަށް ކަންކަން ކުރުމަކަށް ޕީއެންސީގެ ގިނަ މީހުންވެސް ގަބޫލެއް ނޫނެވެ. އެންމެ ފަހުން އޮތް ފެންނަ ނުފެންނަ ވޯޓުން މުއިއްޒު ބޭނުންވާހާ ގޮތަކަށް ގައުމުގެ ކަންކަން ދާން ބޭނުން ނުވާ އެތައް ހާސް ޕީއެންސީ މެންބަރުން ތިބިކަން ވަރަށް ސާފެވެ. 

ފަލާހެވެ. މުއިއްޒު ދެކެވާ ލޯތްބަކުން ޕީއެންސީގެ ގިނަ މެންބަރުން ވެސް މިހާރު ތިބީ ގާނޫނީ އިމުގެތެރެއިން މުއިއްޒުގެ ވެރިކަން ނިންމާލާނެ ދަނޑިވަޅަކަށް ބަލަބަލައެެވެ. ބަސް ހުއްޓި އަނގަ ބަންދުކޮށްގެން އެ ތިބެނީ ލޯތްބަކުން ނޫނެވެ، ދަނޑިވަޅެއް ނުލިބިގެންނެވެ.