ސަރުކާރުގައި ވަގުންގެ ނެޓްވޯކެއް އޮތިއްޔާ މުލުވަގަކީ އަންނި
ވައްކަން ސާބިތުވެގެން އަތްފައި ބުރިކުރާނަމަ ތިޔައީވެސް ކޮންމަސް ބުރިއެއް
ބޮޑު ގަހެއް ވެއްޓޭއިރު ފިސާރި އަޑު ގަދަ ވާނެއެވެ. އަފިއަފި ގަނޑު އިރަ އިރައިގެން ދާނެއެވެ. ދަށުގައި ހުރި އެކިވަރުގެ ގަސްތައް ވެސް ބިމާ ހަމަވާނެއެވެ. މުލުން ލުހެވޭނެއެވެ. ކިރިޔާ ވެސް ސަލާމަތެއް އޮންނާނީ ބިންމަތީން އަރައިނުގަނެ ހުންނަ ބިންހިމަގަސް ފަދަ ގަސްގަހަށެވެ.
އާނއެކެވެ. އަންނިގެ އިތުބާރުނެތް ކަމުގެ ވޯޓުނަގާ ގޮނޑިން ވައްޓާލާތަން ބަލަން އީވާމެނަށް ކެތެއް ނުވާނެއެވެ. ޖެހިގެން ދެން އޮންނާނީ އީވާކަން ވެސް އެނގޭނެތާއެވެ. އަނެއްކާ އަލީ އާޒިމާއި ހަސަން ލަތީފާއި އިންތިމެން ނެގިނެގިފައި ޖެހޭނެއެވެ. ފިސާރި ކުކުރުން ކުކުރާނެއެވެ. ލައްކަރުއިން ރޯނެއެވެ. ބަހަނާ ދައްކާނެއެވެ. އެހެން މީހުންގެ ބޮލުގައި ތުހުމަތުތައް އަޅުވާނެއެވެ. މިސާލު ބަހެއްގައި ބުނާހެން "ވަޅިން ނުޖެހުނިއްޔާ މުއްގަޑުންވެސް ޖެހޭތޯ ބަލާނެ"އެވެ.
މާ އަމާނަތްތެރި ބަޔަކަށް ވެގެން އީވާމެން އުޅޭނެ ކަމެއްނެތެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ސަރުކާރުގައި ވަގުންގެ ނެޓްވޯކެއް އޮތިއްޔާ އެ ނެޓްވޯކުގެ އެންމެ މުލުވަގަކީ ކެނެރީގެ ނަޝީދެވެ. ދެން ހުންނާނީ އީވާއާއި އީވާގެ ފިރިމީހާއެވެ. އަލީ އާޒިމާއި އިލްޔާސް ލަބީބާއި އަމްރުގެ ވާހަކަ ދައްކާކަށް ނެތީމެވެ. ވިލުފުށި އަފީފާއި ހަސަން ލަތީފާއި ޗެކްމާކް އަހުމަދާއި ސިއްޕެއާއި ބޮންޑޭ މެން ކުރީ ކީއްކަން އަމިއްލައަށް ހިތައް އަރަންޏާ ގިލްޓީފީލް ވާނެއެވެ. އެހެން މީހުނަށް ވައްކަމުގެ އިނގިލި ދިއްކުރަނީ ކުރެވުނު ވައްކަންތައް ހަލާލުކުރުމަށާއި ވައްކަން ކުރަން ލިބުނު ފުރުސަތު ގެއްލިގެންނެވެ.
ބައެއްގެ ބޮލަށް ޗިޕް ޖެހޭނެކަމަށް މޮޅެތިވާހަކަ ދެއްކިޔަސް އީވާމެން އަލީ އާޒިމް މެންނަކީ ކޮންބައެއްކަން އެންމެނަށް ވެސް އެނގެއެވެ. ފްލޯޓިން ސިޓީ ޕްރޮޖެކްޓެއްގެ ނަމުގައި 2008 އިން ފެށިގެން ދައުލަތް ދަވާލީކޮން ބައެއް ކިހިނެތްކަން ބަލަމާ ބަހީއެވެ. އިޔާދަކުރަނިވި ހަކަތައިގެ ނަމުގައި ރާއްޖެއަށް ލިބުނުހާ ފައިސާ ބައްކޮއްލިވަރު ބަލާލަން އުޅެމާ ހިނގާށެވެ. ސަރުކާރުން ހިންގި ޕްރޮޖެކްޓްތަކަށް ދަނޑި ދިގު އުނދުޅި ލައިގެން ނެތް މޮޅު ހޯދީ ކޮންބައެއްތޯ ބަލަން ހިނގާށެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީ ފައިސާއިން މިލިއަން މިލިއަނުގެ ރިޝްވަތު ހޯދުވާ ބޮޑު ބައެއް ޖީބަށް ކަހާލާ އެހެން މީހުންގެ ނަން ހަރާބު ކުރަން މީހުން ލައްވާ ރިޝްވަތު ބެއްސުވީ ކާކުކަން ރަނގަޅަށް ބަލާ ލަމާ ހިނގާށެވެ. ޔާމީނާއި އަދީބާއި ޒިޔަތު ދުނިޔޭގައި އަދި އެބަތިއްބެވެ. އޭރުން ވައްކަން ސާބިތުވެގެން އަތްފައި ބުރިކުރާނަމަ ތިޔައިން ކޮންމެ މީހަކީ އަތްފައިނެތް ކޮންމަސް ބުރިއެކެވެ.
ބުނަން ހެއްޔެވެ. އަންނި މަޖިލީހުގެ ރައީސް ކަމުން ވަކިކުރިޔަސް ނުކުރިޔަސް ކޮރަޕްޝަނާ ފަސާދައިގެ މައްސަލަ ބެލުމަކަށް ދައުލަތަށް ހުރަހެއް ނެތެވެ. އަންނި މަޖިލީހުގެ ރައީސް ކަމުގައި ހުރެގެން ބެލުނު ވައްކަމާ ހިޔާނާތުގެ މައްސަލައެއް ނިކަން ބުނެބަލާށެވެ. މަޖިލީސްގެ ރައީސް ކަމުން އަންނި ވަކިކުރަން އުޅެނީ އެމްޑީޕީއަށާއި މަޖިލީހަށައި ދައުލަތަށް ހަރާންކޯރު ވެގެންނެވެ. ގާނޫނާ ހިލާފަށް މަޖިލީހުގެ ރިޔާސަތު ފޭރިގަނެގެން އިނީމައެވެ.
އަންނިއާ އީވާ އިސްވެ ތިބެގެން ހޯދާދެވޭނެ އިންސާފެއް އަދުލެއް ނެތެވެ. މަގާމްތައް ހޯދައިގެން ތިބެ ކުރަން އެނގޭހާވެސް ކަމަކީ ފިތުނަ އުފެއްދުމެވެ. މީހުންގެ އަބުރު ކަތިލާ އިންސާނީ ހައްގުތަކަށް އަރައިގަނެ މުޖުތަމައު ފަސާދަ ކުރުމެވެ.