ސިއްހީމަރުކަޒަށް އެހީ ހޯދައިގެން ފުރާލަނީ ޖީބު!

މުއިއްޒުގެ ކުދިކުދި ސިޔާސީވެރިންވެސް ހޭބޯނާރަ ވައްކަމުގާ!

ސިއްހީމަރުކަޒަށް އެހީ ހޯދައިގެން ފުރާލަނީ ޖީބު!
ނިމާލް ހަމީދު: މާލެއަތޮޅު ސިއްހީމަރުކަޒް

މުއިއްޒު ސަރުކާރުގައި ސިޔާސީ މަގާމެއްގައި ހުރުމަކީ މަގާމުގެ ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުން ލާޒިމުކަމެއް ކަހަލައެވެ. ވަކިމީހެއް ވަކިމަގާމެއް ވަކިރަށެއް ވަކިތަނެއް އެކަމުގައި އެއްވެސް ތަފާތެއް ނެތް ކަހަލައެވެ. އެއްބަޔަކު ގޯއްޗާއި ފުލެޓުން ވައްކަން ކުރަނީއެވެ. އަނެއް ބަޔަކު ދައުލަތުގެ މުދަލާ ފައިސާއިން ވައްކަން ކުރަނީއެވެ. އަނެއް ބަޔަކު ގާނޫނާއި ގަވައިދު ބޭނުންކޮށްގެން ރައްޔިތުން ފެލައިގެން ދައުލަތް ދަވަނީއެވެ. އަނެއް ބަޔަކު މަކަރާ ހީލަތުން އެކިކަންކަން ކުރުމުގެ ނަމުގައި އޮޅުވާލައިގެން އެކިފަރާތްތަކުން ފައިސާ ހޯދައިގެން ހިޔާނާތްތެރި ވަނީއެވެ. 

މުއިއްޒުގެ ސަރުކާރުގެ ކުދިކުދި ސިޔާސީ ވެރިންވެސް ޖެހުނުތާކުން ޖެހުނުގޮތަކަށް ފައިސާ ހޯދުމުގައި ތިބީ އަތް އަނބުރާލާފައެވެ. އެގޮތުން ކ. ތުލުސްދޫގައި ހުންނަ މާލެ އަތޮޅު ސިއްހީ މަރުކަޒަށް މުއިއްޒު އައްޔަނުކޮށްފައިވާ ސިޔާސީ ވެރިޔާ ވެސް ވަކިދެރައެއް ނޫނެވެ. 

މާލެ އަތޮޅު ސިއްހީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ، ހެލްތުސަރވިސް ނިމާލް ހަމީދު މަގާމުގެ ބޭނުންކޮށްގެން ފައިސާ ހޯދަން ގެންގުޅެނީ ވަރަށް ހީލަތްތެރި އުކުޅެކެވެ. ނިމާލް ހަމީދަކީ ރައީސް މުއިއްޒު އުފައްދާފައި އޮންނަ ޒުވާނުން ބާރުވެރި ކުރުވުމަށް ލަފާދޭ ގައުމީ ކޮމިޓީގެ މެންބަރެއްވެސް މެއެވެ. ޒުވާނުން ބާރުވެރިކުރަން ލަފާދޭންވެސް މުއިއްޒަށް ކަމުދަނީ މަކަރާ ހީލަތަށް ނިކަން މޮޅެތި މީހުންނެވެ. އެހެން ކަމުން އޭނާގެ ހީލަތްތެރި މަޅީގައި ސަރުކާރުގެ ބައެއް އެސްއީއޯ ތަކާއި އަމިއްލަ ބައެއް ފަރާތްތައްޖައްސައިގެން ގިނައަދަދެއްގެ ފައިސާ އޭނާ ހޯދަމުން ދާކަން ސާބިތު ހެއްކާއެކު ހީރަސް ނިއުސް ޓީމަށް ވަނީ ލިބިފައެވެ.

ރަށްރަށުގެ ސިއްހީ މަރުކަޒު ތަކަކީ ސަރުކާރުގެ ބަޖެޓުން ހަރަދު ކުރާތަންތަނެވެ. އެތަންތަން އަޕްގްރޭޑްކޮށް އާބާތުރަ ފިލުވުމަކީ ސަރުކާރުން ކުރާ ކަންކަމެވެ. އެސްއީއާރުގެ ދަށުން އެސްއޯއީ އަކުން ކޮށްދޭ ކަންކަމަކީވެސް އޭގެ ތަފްސީލްތަކާއި ކަންހިނގާގޮތް އިދާރީ ނިޒާމުގތެރެއިން ސާފުކޮށް ފެންނަ އޮންނަ ގޮތަށް ކުރެވޭ ކަންކަމެވެ. އެކަމުން މާލެއަތޮޅު ސިއްހީ މަރުކަޒު އިސްތިސްނާއެއް ނުވާނެއެވެ.

އެހެން ނަމަވެސް މާލެ އަތޮޅު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ ނަމުގައާއި ބައެއް ހަރަކާތް ހިންގުމުގެ ނަމުގައި ސިއްހީ މަރުކަޒުގެ ނަމުގައި ކޯޓޭޝަންތައް ހޯދާ ރަސްމީ ލެޓަރހެޑްގައި ސިޓީލިޔެގެން ބޮޑެތި އަދަދުތަކުން ފައިސާގެ އެހީ އެތާނގެ ސިޔާސީ ވެރިޔާ ނިމާލު ހަމީދު ދަނީ ހޯދަމުންނެވެ. އެހެން ފަރާތަކަށް ދޮންކަޅު ވެސް އަންގާނުލައެވެ. އެކި ފަރާތްތަކުން ހޯދާ އެހީގެ ފައިސާ ޖަމާކުރަމުންދަނީ ނިމާލު ހަމީދުގެ މަސްލަހަތުހުރި އެކައުންޓު ތަކަށެވެ. 

ސިއްހީ މަރުކަޒުގެ ނަމުގައި އެކިފަރާތްތަކުން ހޯދާފައިވަނީ ކިހާ ފައިސާއެއް ކަމެއް އެފައިސާ ބޭނުންކޮށްފައިވަނީ ކޮންކޮން ކަންކަމަކަށް ކަމެއް އެމަރުކަޒުން އެނގޭނެ އެއްވެސް ގޮތެއް ނޯވެއެވެ. ސިއްހީ މަރުކަޒަށް އެގޮތަށް ހޯދާ ފައިސާ ހަރަދުކުރެވޭ ގޮތުގެ އެއްވެސް ތަފްސީލެއް ސިއްހީ މަރުކަޒުގެ އިދާރީ ނިޒާމުގެތެރެއިން ފެންނާކަށް ނުހުރެއެވެ. އެއްކެނބަކުން ގުޅުނީމާ ބޮޑު ސޯބު އެނބުރޭގޮތަށް ކުދި ސޯބު ނޭނބުރެއެއް ނުތިބޭނެއެވެ.