އެންޓިކޮރަޕްޝަން ކަމިޝަނަކީ ރާއްޖޭގެ ކޮރަޕްޝަންގެ މަންމަ

ރާއްޖޭން ކޮރަޕްޝަން ނައްތާލަން ގާނޫނު އަސާސީން އުފައްދާފައި އޮންނަ ތަނަކީ އެންޓިކޮރަޕްޝަން ކަމިޝަނެވެ. އެންޓި ކޮރަޕްޝަން ކަމިޝަން އުފެދުނު ފަހުން ރާއްޖޭގައި ކޮރަޕްޝަން ހިނގުންވީ އިތުރެވެ. ކޮރަޕްޝަނާ ނުލާއެއް ކަމެއް ނުހިނގައެވެ.
އެންޓި ކޮރަޕްޝަން ކަމިޝަނުން ކުރާ މަސައްކަތަކީ ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަނާއި ފަސާދަ ހަލާލުކޮށް ދިނުމެވެ. ސަރުކާރުން ބޭނުންވާ މީހެއްގެ އަބުރު ކަތިލާ ދިނުމާއި ސަރުކާރަށް ބޭނުންވާ ގޮތަށް ކަންކަން ފުރޮޅާލަ ދިނުމެވެ.
ކޮންމެ ރިޔާސީ އިންތިހާބަކަށް ފަހު އަންނަ އިންތިގާލީ މަރު ހަލާއަކީ އޭސީސީ ހޭލައިގެން ނިދިފިލައިގެން ދުއްވައިގަންނަ ދުވަސްވަރެވެ. ފޭލިވީ ސަރުކާރާ ގުޅުވާ ޔޯލަކޮށްލާފައި މީހަކު އެއްޗެއް ބުންޏަސް އެކަމެއް ބަލަން ފަށައެވެ. އޭގެކުރިން ސިޓީ ބިޓީން މައްސަލަ ޖައްސާ ފަހަތުން ހިނގާ ރޮއި އާދޭސްކޮށް ދެފައިގައި ހިފާ ސަލާޖެހާ މުޒާހަރާކޮށް ހެދުމުން ނުބަލާފައި ހުންނަ މައްސަލަތައް ވެސް އޭރު ބަލަން ފަށައެވެ. މި ހުންނަނިއްޔަކީ އާއު ވާހަކައެއް ނޫނެވެ.
އޭސީސީގެ ކޮރަޕްޓްކަމުގެ ވާހަކަތަކުން ވެދިޔަތަނާއި އޭގެ ކުރިޔޭ ނުކިޔާ ފަހުގެ ދެފުށު ދެކަމެއްގެ ވާހަކަ ބުނެލާނަމެވެ. ހަމައެކަނި އެ ދެކަމުންވެސް އޭސީސީގެ ކޮރަޕްޓްކަމާއި އިތުބާރު ގެއްލިފައިވާވަރު ސިފަވާނެއެވެ.
ބަޔަކު ދުއްވާލަން މިދާކަށްދުވަހު ހިންގާލި ކޮރަޕްޝަނެއްގެ ހަނދާން އައުކޮށްލާށެވެ. ކުއްލިޔަކަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ތަކެއްގެ ކޮރަޕްޝަނުގެ މައްސަލައެއް ހުށަހެޅި ރެއަކަަށް އިރު އޮއްސިފައި އިރުއެރިއިރު މައްސަލަ ހިންގާކަމަށް ވެއްޖެއެވެ. ސަރުކާރުން ބޭނުންވުމުން ފަނޑިޔާރުންތަކެއް ސަސްޕެންޑް ކުރުވާ މަގާމު ގެއްލުވާލުމުގެ މުގުލުގައި އޮތީ އެންޓިކޮރަޕްޝަން ކަމިޝަނެވެ. ދައުލަތުގެ އެއްބާރުކަމަށްވާ ފަނޑިޔާރުގެ ކޮށާލުމަށް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި އެސީސީން ބޭނުން ކޮށްގެން މުއިއްޒަށް ނުހައްގު ފައިދާ އެވަނީ އޭސީސީން ހޯދާދީފައެވެ. ބަޔަކަށް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރެވޭނީ އެހާކަށް ވަރަށެވެ. އެންޓިކޮރަޕްޝަން ކަމިޝަނުގެ ކޮރަޕްޓްކަން ހުރިވަރު މިހުރިއްޔެވެ.
ނުހައްގު ފައިދާ ހޯދާ ދިނުމަށް ނުދެނެހުރި ކަމަށް ހަދައިގެން ތިބުމުގެ މިސާލެއްވެސް ފާހަގަކޮށްލަމެވެ. ޕީއެންސީއަށްގެ ޑެޕިއުޓީ ޕީޖީ ލީޑަރ ބާރަށު ޝުޖާއުއާއި ގުޅޭ ކޮރަޕްޝަންތަކެއްގެ ވާހަކަ އެމްއެމްއޭގެ ފިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އިން އޭސީސިއަށް ފޮނުވާފައި އޮންނަތާ އަހަރަކަށްވުރެ ގިނަވެއްޖެއެވެ. ތަށަށް ކިޔަނީ މަރިޔަބުތޯ ޝުޖާކުރެންވެސް އަހާނުލައެވެ. އެއައިޔޫގެ ރިޕޯޓް ލީކްވެ އެއްވާނަކަށް މުޅިގައުމުގައި ޝުޖާއަށް ވަގަން ގޮވަން ފެށީމާ އޭސީސީން މައްސަލަ ބަލާތާ އަހަރެއް ވެއްޖެ ޔޯލައެވެ. މިފަހަރު ރިޕޯޓް ލިބުންވެސް މިވީ މައްސަލަ ބެލުން ކަމަށެވެ. ކޮރަޕްޝަނާއި ފަސާދައިގައި ތަތްތެޅުނަސް މިއީ ފުކެއް ބޮޑުވަރެވެ.
އެންޓި ކޮރަޕްޝަން ކަމިޝަނަށްވުރެ ވަކީން ކޮރަޕްޓް އެހެން ތަނެއް ރާއްޖޭގައި އެބައޮތް ހެއްޔެވެ. ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި ކޮރަޕްޝަން ހިންގާ އެހެން ބަޔަކު ދުނިޔޭގައިވެސް ތިބިހެނެއް ހިޔެއްނުވެއެވެ. އެންޓި ކޮރަޕްޝަން ކަމިޝަނަކީ ރާއްޖޭގައި ކޮރަޕްޝަން އުފަންކޮށް ބަލަހައްޓާ ބޮޑުކޮށް ނަގަހައްޓާ ކޮރަޕްޝަންތަކުގެ މަންމަ ކަމާމެދަކު ޝައްކެއް ނެތެވެ.