ރޯލްމޮޑެލް އަދުރޭގެ ގޮނޑި ގެއްލުވާލާ ދުވަސް!
ގުރުބާން ކަންބަޅިއެއް ގޮތުގައި ކަތިލާނެ!
ޕާލަމެންޓްރީ ނިޒާމުން ވެރިކަން ހިންގާ ގައުމުތަކުގައި އަވަސް އަވަހަށް ސަރުކާރު ވެއްޓުން ކޮންޓްރޯލް ކުރުމަށް ފްލޯކްރޮސިން ހުއްޓުވުން މުހިންމެވެ. ރިޔާސީ ނިޒާމުގައި ވެރިކަން ހިންގަން ފްލޯކްރޮސިން ހުއްޓުވުމުގެ މާބޮޑު ބޭނުމެއް ނޯވެއެވެ.
އަމްދުން ރާއްޖޭގެ ގާނޫނު އަސާސީ އޮންނަ ގޮތުން ގާނޫނު ހެދުމުގެ އިތުރަށް ސަރުކާރާއި މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީއަށް ފާރަވެރިވުމުގެ ބާރަކީ ރައްޔިތުންގެ މަޖިލީހެވެ. އެހެން ކަމުން މަޖިލީހަކީ ވެރިކަން ހިންގާ ބާރުގެ ގޮނޑިކޮއްކޮއަކަށް ވުމަކީ ގާނޫނު އަސާސީން މަޖިލީހާ މަތިކޮށްފައިވާ ވާޖިބު އަދާކުރުމަށް ހުރަސް އެޅޭނެކަމެކެވެ.
މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ފަނޑިޔާރުން އިސްކުރުމާއި ވަކިކުރުމާއި ފާރަވެރިވުމުގެ މައިގަނޑު ބާރުވެރި ފަރާތަކީ ރައްޔިތުންގެ މަޖިލީހެވެ. މަޖިލީހުގެ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ހިނގައްޖެނަމަ ޖުޑިޝަރީއާއި ޗެކް އެންޑް ބެލެންސް ނިޒާމުގެ ވާގިނެތި ހުދުމުހުތާރު ވެރިކަމެއްކުރާ ގައުމަކަށް ރާއްޖެ ބަދަލުވެގެން ދާނެއެވެ. ހުރިހާވެސް އެއްޗަކީ އެވަގުތަކަށް ރައީސް ވިދާޅުވާ ބަސްފުޅަށްވެ ނިމިދާނީއެވެ.
ވެރިކަމަށް އެރީއްސުރެ ހިތުހުރި ގޮތަކަށް ކަންކަން ކުރަމުން އައި މުއިއްޒު, އަމާޒު ހިފާފައިހުރީ ރައްޔިތުންގެ ބާރު އެކީއެކައްޗަކަށް ކަނޑުވާ ލުމަށެވެ. މަޖިލީސް މެންބަރުން ވަކިކުރުމުގެ ބާރު އެ މެންބަރުން ހޮވި ރައްޔިތުންނަށް ނުދީ ރައީސުލްޖުމްހޫރިއްޔާއަށް ހިތަކަށް ލިބުމަކީ ބިރުވެރި ނުރައްކާތެރި ކަމެކެވެ. އެކަމަކު ނިކަން ދެކިބަލާށެވެ. ގޮނޑީގައި ބައިތިއްބުވައިގެން މުއިއްޒު މެންބަރުން ސައިޒް އެ ކޮށްލުވީ އެ މެންބަރުން ލައްވައެވެ.
ކަޅުއޮށު ބަނޑު ދަށުގައި އޮވެ ކޮރަކަލި ބޮޑުވާހެން ރައީސް ޔާމީނު ބަނޑުދަށުން އަދުރޭ ބޮޑުވެ، ރައީސް ޔާމީނަށް އަދުރޭ ކެހިދިންތަން ބަލަން ހުރި މުއިއްޒުގެ ބޮލަށް އަދުރޭ އަރާފާނެކަމަށް މުއިއްޒު ހުރީ ވިސްނައެވެ. މުއިއްޒުގެ ރޯލް މޮޑެލަކީ އަދުރޭކަމުގައި ހަދާ ޅޮސް އުނދޯލީގައި ބައިންދައިގެން ހެއްލާ އަދުރޭގެ އަމިއްލަ ބޮލަށް އުނދޯލީގެ ވަސް ބިންދާ ވައްޓާއެލީ ހާދަ މޮޅަށެވެ. އަދުރޭ ސައިޒުކުރަން މުއިއްޒު ޖެހި މަޅީގައި ރަނގަޅަށް ބެދި އަދުރޭ ސައިޒު ވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި މިވަގުތު ހުއްޓަސް އަދުރޭ ވެސް މެންބަރެއްގެ ހައިސިއްޔަތުން އަމިއްލައަށް ސައިޒުވެ ނިމިއްޖެއެވެ. އަދުރޭ ކިތަންމެ ބޭނުންވިޔަސް މުއިއްޒު ނުރުހޭ ގޮތަކަށް މަޖިލީހުގައި އެއްވެސް ކަމެއް އެޖެންޑާކޮށް ފާސް ކުރެވޭ ދުވަހަކީ ޕާޓީން ފިޔަވަޅުއަޅާ އަދުރޭގެ ގޮނޑި ގެއްލުވާލާ ދުވަހެވެ. ގައުމުންނާއި ޕީއެންސީން އަދުރޭގެ ބާރު އެހިސާބުން ކަނޑުވާލާ އެކަހެރިކޮށްލާނެއެވެ. ރޯލް މޮޑެލޭ ކިޔައިގެން އުޅުނަސް ގުރުބާން ކަންބަޅިއެއް ގޮތުގައި ކަތިލެވޭ ދުވަސް ދާދި ގާތްވެއްޖެއެވެ.