ވަޒީފާއިން ކަނޑަނީ މުއިއްޒު ކަންފަތްދޮށުގައި އާދޭސް ކުރިމީހުން
ސިޔާސީ މުއައްޒަފުންނާއި ފެނަކަ މުއައްޒަފުންނަށް ވެސް ހަރަދުކުރަނީ ދައުލަތުން
އެއްކޮޅުން މުއައްޒަފުން ވަޒީފާއިން ވަކިކުރަނީއެވެ. އަނެއްކޮޅުން ފަތިފައްޗަށް މީހުނަށް ވަޒީފާ ދެނީއެވެ. ރައީސް މުއިއްޒު މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ. ދައުލަތް ދަރަނިވެރިވެ ބޯހިކެން ނެތިގެން ދައުލަތް ހަމަ މަގަށް އަޅުވަން ވެރިކަން ހޯދައިގެން ރައްޔިތުންގެ ހައްގަށް ހުރުމަތްތެރި މިވަނީ ކޮން ފާޑަކަށް ހެއްޔެވެ.
މުސާރަ ދޭންޖެހޭ މީހުންގިނަވެ ދައުލަތުގެ އެންމެ ބޮޑު ޔުޓިލިޓީ އެއްކުންފުނި ފެނަކަ ހިންގެން ނެތްކަމަށް އިހަށް ދުވަހު އެކުންފުނިން ބުނެފިއެވެ. ފެނަކައަށް އޮތް އެންމެ ބޮޑު ބުރައަކީ ސަތޭކަ އެތައް ރަށެއްގައި އެތައް ހާސް މުއައްޒަފުން ތިބުމެވެ. މާލެސިޓީއާއި މާލެއަތޮޅާއި އަރި އަތޮޅާއި ފެލިދެ އަތޮޅު ނޫން ހުރިހާ ރަށެއްގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްދޭ ކުންފުންޏަކީ ފެނަކައެވެ. ފެނަކައަކީ އުފެދުނީއްސުރެ އިންތިހާއަށް ދަރަނިވެރިކަން ބޮޑު ކުންފުންޏެކެވެ. ވަކި ސަރުކާރެއް ކިޔާނެކަމެއް ނެތެވެ.
ދަރާ ވިކިގެންވެސް ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށް ދިނުމަކީ ސަރުކާރުގެ ޒިންމާއެކެވެ. ފެނަކަ އުފެދިފައި ވަނީ ދައުލަތަށް ފައިދާ ހޯދުމަށް ހިންގާ ވިޔާފާރި ކުންފުންޏެއް ގޮތުގައެއް ނޫނެވެ. ފެނަކައިގެ އެންމެ ބޮޑު ޒިންމާއަކީ ރައްޔިތުންނަށް އަތްފޯރާފަށުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ފެންވަރުހުރި ގޮތެއްގައި ފޯރުކޮށް ދިނުމެވެ. ފައިދާ ހޯދުމަކީ އޭގެ ފަހުގެ ކަމެކެވެ. ދަރަނި ވެރި ވެއްޖެނަމަ ދަރަނި އަދާކުރަން ކުރަންޖެހޭ ކަމެއް ކުރުމަކީ ސަރުކާރުގެ ކަމެކެވެ. ފެނަކަ ހިންގައިގެން ލިބޭ އެއްޗަކުން ދަރަނި އަދާކުރަން ޖެހެންޏާ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ފެނަކަ އޮތުމުގެ ބޭނުމެއް ނެތެވެ.
ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ލާޒިމު ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސިވިލް ސާވިސްގެ ތެރެއިން ދިނުމުގައި ބޮޑެތި ދަތިތަކެއް ހުންނާނެތީ އެހިދުމަތްތައް ދިނުމަށް ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނިންމަފައި އޮންނަނީއެވެ. އެގޮތަށް ކުންފުންޏަކުން ހިދުމަތް ދެނީ ހިދުމަތް ދިނުމުގައި ހަލުވިކަމާއެކު ފެންވަރު ރަގަޅު ހިދުމަތެއް ފޯރުކޮށް ދިނުމަށެވެ. ހިދުމަތް ދިނުމަށް ގިރާކުރަންޖެހޭ ފަށަލަތައް މަދުކޮށް ނަތީޖާއަށް ވާސިލުވުން އަވަސް ކުރުމަށެވެ. ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދިނުމަށެވެ.
ރައީސް ސޯލިހު ސަރުކާރުން ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ފެނަކައިން ކުރީ އެމަސައްކަތެވެ. އެސަރުކާރުން ވަނީ ފެނަކައިން ދެމުންދާ ކަރަންޓާއި ފެނާއި ނަރުދަމާގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ޒަމާން ތަކަކަށް ދެމިގެން ދާނޭހެން ގިނަ ރަށްތަކެއްގައި ވަސީލަތް ގާއިމުކޮށްފައެވެ. ދައުރު ހަމަކޮށް ރައީސް ސޯލިހު ވެރިކަން ނިންމަވާ ލެއްވި އިރު ފައްޓަވާ މުޅިން ނުނިމިހުރި އެތައް މަސައްކަތެއް ވެސް ހުއްޓެވެ. ފެނަކައިން އޭރު ކުރެވުނު ގިނަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކެޕިޓަލް ހަރަދުގެ ގޮތުގައި ފެނަކައިން ބޮޑެތި ހަރަދު ތަކެއް ކުރިއަށް އޮތްތާ ކުރަން ޖެހޭނީ ވަރަށް މަދުންނެވެ.
ރަށްރަށުގައި ފެނަކަ ފުޅާވެގެން ދިޔަވަރުން އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބުނެވެ. އަނބި ދަރިން ގާތުގައި ތިބެ އާމްދަނީ ހޯދާނެ މަގުފަހިވެ ރަށްރަށުގެ އިގްތިސާދު ފުޅާވެގެން ދިޔުމުގެ ބާރަކަށް ފެނަކަ ވެގެން ދިޔައެވެ. ރަށްރަށުގައި ފެނަކައިގެ ކިތަންމެ މުއައްޒަފުންނެއް ތިއްބެއް ކަމަކު ދިހަވަރަކަށް ހާހަށްވުރެ ބޮޑު މުސާރައެއް ލިބެނީ ވަރަށް މަދު މީހަކަށެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެންޕޭނުގައި ފެނަކައިގެ މުއައްޒަފުން ޑރ. މުއިއްޒުގެ ކަންފަތް ދޮށުގައި ވަޒީފާއިން ވަކިނުކުރުމަށް އެދި އާދޭސް ކުރީ އެމީހުނަށް އެލިބޭ ކުޑަ މުސާރައަކީ ވެސް ވަރަށް އަގުބޮޑު ބޭނުންތެރި އެއްޗަކަށް ވެގެންނެވެ.
ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގެއްލުމާއި ފައިދާ ހިއްސާކުރާނީ ސަރުކާރުންނެވެ. އެހެން ކަމުން ސަރުކާރުގެ ސިޔާސީ މުއައްޒަފުންނަށާއި ފެނަކަ މުއައްޒަފުންނަށް ވެސް ހަރަދު ހިނގާނީ ދައުލަތުގެ މަލިއްޔާއިންނެވެ. ފެނަކައިގެ މުއައްޒަފުންނަކީ ދައުލަތަށް އާމްދަނީ ހޯދާދޭ ބައެކެވެ. ސިޔާސީ މުއައްޒަފުންނަކީ އާމްދަނި ހޯދާދޭ ބައެއް ނޫނެވެ.
އެހެނެއް ކަމަކު ޑރ. މުއިއްޒަށް ބޮޑު ހަރަދަކަށް ވީ ރަށްރަށުގައި ތިބި ފެނަކައިގެ މުއައްޒަފުންނަށް މުސާރަ ދިނުމެވެ. ފެނަކައިގެ ދިހަބާރަ މުއައްޒަފުންނަށް ދޭ މުސާރައާއި އެއްވަރުގެ މުސާރައެއް ލިބޭ އެތައް ސަތޭކަ ސިޔާސީ މުއައްޒަފުންނަށް ވަޒީފާ ދޭކަށް ބޮޑުކަމަކަށް އަދި ބޮޑު ހަރަދަކަށް ވެސް މުއިއްޒަކަށް ނުވެއެވެ.