ހަތަރެސްފަޔަށް އަންގިލައްވާ ބޮނދައިގެން ވެރިކަމެއްނުވާނެ!

ލޯނޭ ދަރަންޏޭ ކިޔައިގެން ރައްޔިތުން ބިރު ގަންނަވަން ނުހަދާ

ހަތަރެސްފަޔަށް އަންގިލައްވާ ބޮނދައިގެން ވެރިކަމެއްނުވާނެ!

އަނެއްކާވެސް އެއްކަލަ ބަނގުރޫޓު ލަވަ ފެށީއެވެ. ސިޔާސީ ގޮތުން ދައްކާނެ ވާހަކައެއް ނޭނގެންޏާ ވާހަކަ ނުދައްކާ ތިބޭށެވެ. ލަންކާއަށް ވީހެން ރާއްޖެއަށްވެ ބަނގުރޫޓުވާން މީގެ ކުރިންވެސް މުއްދަތު ދެމުން އިދިކޮޅުން ދިޔައެވެ. ކޮވިޑްގެ ވަބާއަށް ފަހު ރިސޯޓުތައް ނުހުޅުވޭނެއޭ ކިޔެވެ. ރިސޯޓުތައް މަސް ކައްކާ ބަދިގެ ތަކަކަށް ހަދަން ގޮވިއެވެ. އެކަމަކު އެހެނެއް ނުވިއެވެ. 

ރައީސް ސޯލިހު ރާއްޖޭގެ އިގުތިސާދު ނަގާ ކޮޅަށް ޖެއްސެވީ ރައްޔިތުން ބަނޑަށް ޖައްސާފައެއް ނޫނެވެ. ކޮވިޑަށް ފަހު ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލު ގޮތުގައި ޖެހިޖެހިގެން ތިން އަހަރު ރާއްޖެ ވެގެން ދިޔަތަން ޑރ. ވަހީދު ނުދެކެނީ ތާއެވެ. ރާއްޖޭގެ ރަށްރަށުގެ ރައްޔިތުން ހުވަފެނުން ވެސް ނުދެކޭ ކުރިއެރުން ރަށްރަށަށް ލިބި އިގުތިސާދު ފުޅާވަމުން ފުރުސަތުތައް ހުޅުވެމުން ދާތަން ނުފެންނަނީ ހެއްޔެވެ. 

ލޯނޭ ދަރަންޏޭ ކިޔައިގެން ރައްޔިތުން ބިރު ގަންނަވަން ނުހަދާށެވެ. ވައިގެ މަގުންނާ ކަނޑުގެ މަގުން މުޅި ރާއްޖެ ގުޅި މުޅި ރާއްޖޭގައި އިގްތިސާދީ ހަރަކާތްތައް އެއްވާނަކަށް ހިނގައިގަނެ ދައުލަތުގެ ރިޒާވް މަތިވެ ދަރަނިތައް ޝެޑިއުލާ އެއްގޮތަށް އަދާކުރެވޭނެ ވަރުގަދަ އިގްތިސާދީ ވެއްޓެއް ބިނާވެ ފަހިވަމުން ދާތަން ނުފެންނަނީ ކީއްވެ ހެއްޔެވެ. ރަށްރަށަށް ލަފާފުރަން ފަސޭހަވެ އިގްތިސާދީ މަސައްކަތްތައް ކުރެވޭ ވަރަށް ކަރަންޓް ލިބިދީ ގެސްޓް ހައުސް ވިޔަފާރިއަށް ހުރިހާ ރަށެއް ފައްކަވާތަން ނުފެންނަނީ ހެއްޔެވެ. ރަށުގައި އުފައްދާ ތަކެތި ދުރުގައި އޮތް އަނެއް ރަށަށް ފޯރުކޮށް ދެވޭހެން އަވަސް ހަލުވި ދަތުރުފަތުރުގެ ވިއުގައެއް ނިމެމުން ދާތަން ނުފެންނަނީ ހެއްޔެވެ. 

ރަށުގައި ތިބެ އަދާކުރާނެ ވަޒީފާއާއި ކުރާނެ މަސައްކަތެއް ކުރުމަށް ފަހި މާހައުލަކަށް ހުރިހާ ރަށެއް ވާތަން ނުފެނޭ ހެއްޔެވެ. ބޮޑު ތިލަދުން މައްޗާ އައްޑޫގައި ފެށައިގެން ކުރިއަށް ގެންދާ ބޮޑެތި އިގްތިސާދީ ހަރަކާތްތަކުން ވާނެ މަންފާގެ ހިސާބު ޖަހަން ނޭނގިގެން ތިޔަ އުޅެނީ ކީއްވެ ހެއްޔެވެ. އައްޑޫ ހިތަދޫ ޕޯޓު ހަބާއި ތިލަދުން މަތީ ޕޯޓްސިޓީން ދެވޭ ހިދުމަތުން ދުނިޔެއަށް ރާއްޖެ ހުޅުވި ނަފާވާނެ ކަން ނޭނގޭތީ ދެރައެވެ. ކޮވިޑާއި ޔޫކުރޭން ހަނގުރާމައިގެ އަސަރު ކުޑަކޮށް ރައްޔިތުން ބަނޑަށް ނުޖައްސާ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ހިންގާ ކޮޅަށް ޖެހިތަން ނުފެންނަހާ އަނދިރީހެއްޔެވެ.

ރާއްޖެ ބަނޑަށް ނުޖައްސާ ވެރިކަން ކުރެވޭނީ ހަމަ އެކަނި ގާސިމަށް ކަމަށް ހީވެގެން އުޅޭ މީހަކު ގާސިމު ކައިރިއަށް އަންނަން އެނގުނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ނުލިބުމުން ހެއްޔެވެ. ދިހަ އަހަރު ޕީޕީއެމުގައި ނަކަސް ތެޅީ ގާސިމު އެހެން ހުއްޓާ ނޫން ހެއްޔެވެ. އަތްގުޅި ނުކާވަރުގެ ވާހަކަ ޑރ. ވަހީދެއް ކަމަކު ނުދައްކާށެވެ.

ބުނަން ހެއްޔެވެ. އަންނަ އަހަރު ލޯނުގެ ގޮތުގައި ދައްކަން ޖެހެނީ ކޮންމެ އަދަދަކަށް ވިޔަސް އެ އަދަދެއް މިސަރުކާރުން ދައްކާނީ ރައްޔިތުންނަށް އެކަމުގެ ތަކުލީފެއް ނުޖައްސައެވެ. ބޭރުގެ ގައުމުތަކަށް ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އެއްޗެއް ދައްކަމުން ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކޮށްދެމުން މި ސަރުކާރުން ދާތަން ނުފެންނަނީ ވެރިކަމުގެ މަސްތު ބޮޑުކަމުންނެވެ. ޑރ. ވަހީދު ނުބުންޏަސް ގައުމުގެ ކަންކަން ރަނގަޅުކުރަން އަބަދުވެސް ފިޔަވަޅުތައް އަޅަން ހުރެއެވެ. އެކަން މި ސަރުކާރަށް މާބޮޑަށް އެނގެއެވެ. ލޯނުތައް ރީސްޓްރަކްޗާރ ކުރުމާއެކު ރާއްޖޭގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ބާރު ސްޕީޑްގައި ކުރެވޭކަން ވަހީދަށް ނޭގިދާނެއެވެ. 

ލޯނުތައް ރީސްޓްރަކްޗާރކޮށް ރާއްޖޭގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް އެންމެ ރަނގަޅަށް ހަދާ ދެވޭނީ ގާސިމް އިބްރާހިމަށޭ ބުނީމާ އަންނަނީ ހިންޏެވެ. ކަމެއް ދިމާވާއިރަށް މުއައްޒަފުންގެ މުސާރަ ކުޑަކޮށް ވަޒީފާއިން ވަކިކޮށް ސާރވިސް ޗާޖް ނުދީ އުޅޭ މީހަކަށް ލެވޭނީ ގައުމު ފުނޑައެވެ. ކިތަންމެ ކުޑަކަމެއް ދިމަވާ ވިޔަސް ތަރައްގީގެ މަސައްކަތްތައް ހުއްޓާލާ މުއައްޒަފުންތައް ކަނޑާލާ ހަތަރެސް ފަޔަށް އަންގިލައިގެން ޅަކުއްޖެއްގެ ބަނޑުދަށަށް ވަދެ ބޮނދާ އޮންނަ މީހަކަށް ހިންގޭނެ ގައުމެއް ނޯންނާނެއެވެ.