ބާރުގަދަ ޕާލަމެންޓާއި ރިޔާސީ ނިޒާމް
މެންބަރުންނަކީ ގާނޫނު ހަދާ ބަޔަކަށް ވުރެ ބޮޑަށް އެގްޒެކެޓިވް ބައެއް
ރާއްޖޭގައި މިހާރު އޮތީ ރިޔާސީ ނިޒާމެއް ކަމަށް ގާނޫނު އަސާސީ ބުނެއެވެ. ނަމުގައި ތިންބާރު ވަކިވެފައެވެ. ދައުލަތުގެ އެންމެ މަތީ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ. ރާއްޖޭގައި އޮތީ ބަރުލަމާނީ ނިޒާމެއް ނޫން ނަމަވެސް ހުރިހާ ބާރުތައް އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. ގިނަ ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ވުރެ މަޖިލީހުގެ ބާރު ރާއްޖޭގައި މާގަދައެވެ.
ދައުރު ހަމަ ނުވަނީސް މަޖިލީހުގެ މެންބަރުންނަކީ އިތުބާރު ކިތަންމެ ބޮޑަށް ގެއްލުނަސް ވަކިކުރެވޭ ބައެއް ނޫނެވެ. އެހެނަސް ރައްޔިތުންގެ މެޖޯރިޓީން ހޮވާފައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު މަޖިލީހަށް ގެއްލިއްޖެނަމަ ވަކިކުރުމުގެ ބާރު މަޖިލީހަށް އޮވެއެވެ. މަޖިލީހުގެ ރުހުންނެތި ވަޒީރަކު އައްޔަނެއް ނުކުރެވެއެވެ. ސަފީރަކު އިހެއްް ނުކުރެވެއެވެ. މަޖިލީހަށް ފަނޑިޔާރުން އިސްކޮށް ވަކިކުރެވެއެވެ. މަޖިލީހުން ބެނުންވުމުން މިނިވަން ހުރިހާ މުއައްސަސާއެއް އެފުށް މިފުށަށް ޖަހާލެވެއެވެ.
ރައީސް ތަންފީޒު ނުކޮށް އަނބުރާ ފޮނުވާލާ ގާނޫނު މަޖިލީހަށް ތަންފީޒު ކުރެވެއެވެ. މަޖިލީހުން ފާސްކުރާ ގާނޫނެއް ތަންފީޒު ނުކޮށް ބޭއްވިޔަސް އޮޓަމެޓިކުން ތަންފީޒުވެއެވެ. ދައުލަތް ހިންގުމުގައި ދުވަހުން ދުވަހަށް މަޖިލީހަށް ވަޒީރުން ޖަވާބުދާރީ ކުރެވެއެވެ. މި ބުނެވެދިޔައީ މަޖިލީހަށް ލިބިގެންވާ ބާރުގެ ކުޑަކުޑަ މިންވަރެކެވެ.
ދުވަހެއް ދުވަހަކަށް ފަތުއަޑު ކިޔާފައި މަޖީހަށް މެންބަރުން އިތުރުވާ ގޮތަށް ގާނޫނީ ނިޒާމް އޮތީ ބައްޓަންވެފައެވެ. މަޖިލީހުގެ މެންބަރުންނަކީ ގާނޫނު ހަދާ ބަޔަކަށް ވުރެ ބޮޑަށް ބެލެވޭ ގޮތުގައި އެގްޒެކެޓިވް ބައެކެވެ. މެންބަރުން އިންތިހާބު ވަނީ ވެސް އެ ސިފައިގައެވެ. ދާއިރާތަކަށް ޕްރޮޖެކްޓް ހޯދުމާއި ވެލްފެއަރގެ ކަންކަމަކީ މެންބަރުގެ ޒިންމާއެއް ކަމަށް ބެލެވެއެވެ.
ދައުލަތުގެ ތިންބާރުގެ ތެރެއިން ދައުލަތް ހިންގާ ބާރު ސަރުކާރަށް ކުޑަ މިނުން މަޖިލީހުގެ އަގްލަބިއްޔަތު ނެތި ދައުލަތް ހިންގޭނެ ގޮތެއް ނޯވެއެވެ. ބަޖެޓުން ފެށިގެން އެންމެ އާދައިގެ މުއައްޒަފަށް ވަޒީފާ ދިނުމާ ހަމަޔަށް ވެސް މަޖިލީހުގެ ނުފޫޒު ސަރުކާރުގެ ތެރެއަށް އޮންނަނީ ވަދެއެވެ. ރާއްޖޭގެ ގާނޫނީ ނިޒާމް މިހާރު އޮތް ގޮތުން މަޖިލީހުގެ މެޖޯރިޓީ ނެތި ސަރުކާރު ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކޮންމެ މީހަކު ހުއްޓަސް ކުޅަދާނަ ކަމެއް ނޫނެވެ.
ރާއްޖެ ހަމަ މަގަށް އަޅުވަން ބޭނުންވާ ނަމަ ޗެކް އެންޑް ބެލެންސް ނިޒާމްތައް ވަރުގަދަކޮށް އެތަނެއްގެ ޒާތުގައިވެސް އިރު އިރުކޮޅުން ނުކުޅެވޭ ތަންތަނަށް މިނިވަން މުއައްސަސާތައް ހަދާ އެތަންތާނގެ އުސޫލުތައް ވަރުގަދަ ކުރަން ޖެހެއެވެ. ދުވަހުން ދުވަހަށް ދައުލަތް ހިންގުމުގެ ކަންކަމަށް ދަނޑި ބާނާ ޖަވާބުދާރީ ކުރުވަން އުޅޭ ތަނަކަށް ރައްޔިތުންގެ މަޖިލިސް ނުވެ ގާނޫނީ ނިޒާމް ވަރުގަދަ ކޮށްދޭން ޖެހެއެވެ.
ފާރަވެރި މުއައްސަސާތައް އެފިސެންޓްކޮށް ހިންގަން ބާރުލިބޭ ގޮތަށް ގާނޫނީ އޮނިގަނޑު ބަދަލު ކޮށްދޭ ބަޔަކަށް މަޖިލިސް ވާންޖެހެއެވެ. ހުރި ގާނޫނީ ފުށުއެރުންތައް ދެނެގަނެ އިސްލާހު ކުރަން ޖެހެއެވެ. ޖަޒްބާތުގައި ގާނޫނު ހަދާ ބަޔަކަށް މަޖިލިސް ނުވުމަކީވެސް މުހިންމު ކަމެކެވެ. އަލަށް ވުޖޫދުކުރާ ކޮންމެ ގާނޫނަކަށް ބަލަދުވެރި މުއައްސަސާއެއް ނުއުފައްދާ ގާނޫނު ހިންގޭނެ އިންތިޒާމެއް ކުރަންޖެހެއެވެ.