2019 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ލާމަރުކަޒިީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ފ. މަގޫދޫ ކައުންސިލުގެ ފުދުންތެރިކަން އެތައް ގުނައަކުން އިތުރުވެއްޖެކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. މަގޫދޫ ރަސްމީ ފާލަމާއި ދަުތުރުވެރިންގެ ހިޔަލާއި ބަނދަރު މައިޒާނާއި ލައިސަންސް ޓްރެކް ހުޅުއްވާދެއްވުމަށް އެރަށުން ދެއްވި ދައުވަތަކަށް ރައީސް ސޯލިހު ވަނީ ފ. މަގޫދޫއަށް ދަތުރުފުޅެއް ކުރައްވާފައެވެ.
ރައީސް ސޯލިހު އެހެންވިދާޅުވީ ފ. މަގޫދޫ ކައުންސިލާއި އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް އެރުވި ދައުވަތަށާއި ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ލާމަރުކަޒިީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލުން ރައްޔިތުންނަަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރުވެ، ރަށްވެހި ތަރައްގީގެ މަޝްރޫޢުތައް ރަށުގައި މިއަދު ގާއިމުކޮށްފިއެވެ.
"މަގޫދޫ ގައި ހޭދަކުރެވުނު މި ވަގުތުކޮޅުގައި ކައުންސިލްތައް ބާރުވެރިކުރުމުގެ މުހިއްމުކަމާއި އެކަމުގެ ފައިދާ އަނެއްކާވެސް އިހުސާސްކުރެވޭ" ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން އެކަންކަން ބަދަލުކޮށް ރާއްޖެ ފަހަތަށް ގެންދާ ކަމީ ހިތާމަހުރި ކަމެއް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ކުރެއްވި ޕޯސްޓްގައި ފ. މަގޫދޫ ކައުންސިލާއި މަގޫދޫ ރައްޔިތުން އެރުވި ދައުވަތަށާއި ދެއްވި މެހެމާންދާރީއަށް ވަރަށް ބޮޑަށް ރައީސް ސޯލިހު ވަނީ ޝުކުުރު އަދާކުރައްވާފައެވެ.
ރައީސް ސޯލިހުގެ މަގޫދޫ ދަތުރުފުޅުންވެސް ރަށްރަށުގެ ރައްޔިތުން ހިތުގައި ރައީސް ސޯލިހަށް އޮތް ތާއީދާއި ލޯބި ސާފުކޮށް ދަނީ ފެންނަމުންނެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ފައްޓަވާފައިވާ އަސާސީ ހިދުމަތްތަކާއި ތަރައްގީގެ މަސައްކަތްތަށް ރައްޔިތުން ލޮލުން ބޮލުން ޝުކުރުވެރިކަމާއެކު ބަލައިގެންފައިވާކަން ދަނީ ސާބިތުވަމުންނެވެ.