ރާއްޖެ ހިފިކަމަށް އިންޑިއާ އެއްބަހެއްނުވި

ސިފައިންބާލާ ހެލިކޮޕްޓަރާ މަތިންދާ ބޯޓް ގެންދާ ވާހަކަ ނުދެއްކީމާ މިޖެހުނީ ކޮންތާކު

ރާއްޖެ ހިފިކަމަށް އިންޑިއާ އެއްބަހެއްނުވި

އިންތިޚާބީ ރައީސް ޑރ. މުއިއްޒު އިންޑިއާ ސަފީރާ ބައްދަލު ކުރައްވާ ވިދާޅުވި ކަމަށް ވަނީ ރާއްޖޭގެ ސިޔާދަތީ މިނިވަން ކަމަށް އިންޑިއާ އިން އިހްތިރާމް ކުރެއްވުމަށާ ނަގާފައިވާ ލޯން ތަކަށް ލުއި ހޯއްދަވައި ދެއްވުމަށެވެ. އިންޑިއާ ސަފީރު ވިދާޅުވީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް އިހްތިރާމް ކުރައްވާނެ ކަމަށާ ލޯންތަކަށް ލުއި ދެއްވުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. މިއީ ކޮންމެ ވެރިޔަކު އަންނަ އިރުވެސް ވެރިން، ވެރިންނާ ދެކެވޭ ޢާންމު ވާހަކަތަކެވެ. ޒަމާންވީ ގާތްގުޅުން ބަދަހި ކުރުމާ އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ކުރުމުގެ ވާހަކަތައް މިފަދަ ކޮންމެ ބައްދަލުވުމެއްގައި ވެސް ދައްކާނެއެވެ.

މިހާރު އިންޑިއާ އޮތީ ރާއްޖޭގެ ސިޔާދަތީ މިނިވަން ކަމަށް އަރައިގަނެ، ސިފައިން އަރުވާ ރާއްޖެ އަޅުވެތިކޮށް މިނިވަންކަން ގެެއްލުވާލައިގެން ކަމަކަށް މުއިއްޒާ އެކު ދެކެވުނު ވާހަކަ ތަކުގައި އިންޑިއާ ސަފީރު ވިދާޅުވެ މަޢާފަށް އެދިވަޑައެއް ނުގަނެއެވެ. އެއްބަސް ވާނީ އެކަން އެގޮތަށް އިންޑިއާ އިން ކުރިނަމަތާއެވެ.

ރާއްޖެ މިނިވަންކޮށް، އަރާތިބި ސިފައިންބާލާ ހެލިކޮޕްޓަރތަކާ މަތިންދާ ބޯޓް ގެންދާ ވާހަކަ ފުރަތަމަ ބައްދަލުވުމުގައިވެސް ނުދެއްކީމާ މިޖެހުނީ ކޮންތާކު ހެއްޔެވެ؟

ބުނަންހެއްޔެވެ؟ ކުރިންވެސް އިންޑިއާ އޮތީ ސިފައިން އަރުވާ ރާއްޖެ ހިފާ އަޅުވެތި ކޮށްގެންނެއް ނޫނެވެ. ލޯނު ތަކަށް ލުއިހޯދާ މަޝްވަރާ ތަކުން އަނެއްކާ ވެސް އެއްބަސްވާން އޮންނާނީ ރައީސްޔާމީން އުފަންކުރެއްވި ޑިޕެންސް އެކްޝަން ޕްލޭންގެ ވާހަކަތަކާ އޭގެ މުއްދަތާ ތާރީޚު ތަކުގެ ވާހަކައެވެ.

ރާއްޖޭގައި އެއްވެރިޔަކު ދެދައުރު ހުރުމަށްވުރެ އިންޑިއާ އަށް ފައިދާ ބޮޑީ، ކޮންމެ 5 އަހަރަކުން އާ ވެރިޔަކު އައުމުން ލޯނަށް ލުއިގޮތް ހަދަމުން އާ ލިއެކިއުން ތަކުގައި ސޮއި ކުރެވޭނެ ގޮތެކެވެ.

ސިފައިން އަރުވައިގެން އިންޑިއާ އަކުން ރާއްޖެއެެއް ނުހިފައެވެ. އަދި ނުވެސް ހިފާނެއެވެ. ނަމަވެސް އިންޑިއާ ކަނޑުގެ  ރައްކާތެރިކަމާ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް އިންޑިއާ ކުރަންޖެހޭ ކަންކަން ދެންވެސް ކުރަމުން ދާނެއެވެ. އޭގެ ފައިދާ ދިވެހިރާއްޖެއަށް ވެސް ނުލާހިކު ބޮޑެވެ. 

އިބޫއެއް މުއިއްޒެއް ހަސަނެއް ކާސިމެެއް ނޯންނާނެއެވެ. ކޮންމެ 5 އަހަރަކުން އާވެރިޔަކު އައުމުން ވަކި އާކަމެއް ނުކޮށް އިންޑިއާ އިން ކުރާނީ ހަމަ އެއް ކަމެކެވެ. އެއީ ސިފައިން އަރުވައިގެން ރާއްޖެ ހިފުމެއް ނޫނެވެ. ރާއްޖޭގެ ސްޓްރެޓީޖިކް ޕާރޓްނަރަކީ އިންޑިއާ ނޫން ގައުމަކަށް ދުވަހަކު ވެސް ނުހެދޭނެއެވެ. އަދި އެއީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތްވެސް މެއެވެ. 

ވެރިކަން ހޯދަން ރައީސް ޔާމީން އިންދި އިންޑިއާ އައުޓް ކިޔާ ގަހުގެ ފޮނިމޭވާ ބިންނެވީ ޑރ މުއިއްޒެވެ. ޑރ މުހަންމަދު މުއިއްޒަކީ ފިސާރި ހުޝިޔާރު، ތޫނު ފިލި އަދި ދާންވީ މަންޒިލް މާދުރުން ފެނިވަޑައިގަންނަވާ ބޭފުޅެކެވެ. ކުރު މުއްދަތެއްގައި 7 އަހަރުގެ ވަޒީރު ކަމާ ފަހުން މާލޭގެ މޭޔަރު ކަމުގައި ހުންނަވާ އެވަޑައިގަތީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށެވެ. ދެން އޮތީ ގައުމު ހަލަބޮލި ނުކޮށް ގާނޫނުގެ ވެރިކަން ނަގަހައްޓާނެ ފުރްޞަތު އާ ސަރުކާރަށް ހޯދައިދިނުމެވެ.