ބާލަންޖެހޭ އިންޑިއާ ސިންފައިންގެ މީހަކު މިހާރަކު ނެތް
އިންޑިއާ ސިފައިން ބާލާކަމުގެ ޑަމީއެއް ޖެއްސެވި ދާނެ
ރާއްޖޭގެ ބަސް ދުނިޔޭގައި ބުނަމުން އައިސްފައި ވަނީ ރާއްޖެއަށް އެންމެ ފަހި ގޮތަށެވެ. ވަކި ގައުމެއްގެ ވިސްނުމަކާ އެއް ގޮތަކަށް ނޫނެވެ. ރާއްޖެއަކީ އިންޑިއާގެ ދަރަނީގެ ދަންތުރައިގައި ޖެހި އަޅުވެތިވެފައި ތަނެއް ވެސް ނޫނެވެ. ރާއްޖެއަކީ އިންޑިއާ ސިފައިން އަރާ އަޅުވެތިކޮށްފައިވާ ގައުމެއް ވެސް ނޫނެވެ.
ރާއްޖޭގައި އަސްކަރީ ހަރަކާތެއްގައި އައިސް ހުރި އިންޑިއާ ސިފައިންގެ އެންމެ މީހަކު ވެސް ނެތް ކަމަށް ރައީސް ސޯލިހު ވަނީ ތަކުރާރުކޮށް އެތައް ފަހަރަކު ވިދާޅުވެފައެވެ. ގައުމީ ސަލާމަތީ ބާރުން އެކަން ވަނީ ކަށަވަރު ކޮށްދީފައެވެ. ރާއްޖޭގެ ސަރުކާރުގެ ބާރު ނުހިނގާ އެއްވެސް ތަނެއް ރާއްޖޭގައި ނެތް ކަމަށް ގައުމީ ސަލާމަތީ ބާރުން ދިވެހި ރައްޔިތުންނަށް ވަނީ ޔަގީން ކޮށްދީފައެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އިންޑިއާއިން އަބަދުވެސް އިހުތިރާމް ކުރާކަމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ވެސް އެތައް ފަހަރަކު ބުނެފައިވެއެވެ. ދެ ގައުމުގެ ދެމެދުގައި އޮންނަނީ އެއްބަޑު އެއްބަފާ އަހުވަންތަ ގުޅުމެއް ކަމަށް ތަކުރާރުކޮށް ބުނެފައިވެއެވެ.
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިންވެސް އަދި މިހާރުވެސް އެ ހަގީގަތް ގަބޫލު ކުރައްވާނެއެވެ. އިންޑިއާ އައުޓް ހަރަކާތަކީ ހުރިހާ ކަމެއް ރަނގަޅަށް އެނގި ވަޑައިގެން ހުންނަވާ ކުރީގެ ރައީސް ޔާމީނު ދިވެހި ރައްޔިތުންނާ ދެކޮޅަށް ފެއްޓެވި ފިތުނައިގެ ހަރަކާތެކެވެ. އެކި ފަހަރު އެކި ޝިއާރު ހިއްޕަވައިގެން ރައީސް ޔާމީނު ހިންގެވި އިދިކޮޅު ހަރަކާތުގައި ވައިގާ ހިފީ އިންޑިއާ އައުޓެވެ.
އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތައް ގުޅިގެން ފަރާވެރިވުމުގެ ނިޒާމެއް ގާއިމުކުރީ ހިނގަމުންދާ ފަސް އަހަރު ތެރެއަކު ނޫނެވެ. ދެހާސް ވަނަ އަހަރަށް ވުރެވެސް ކުރީން އެ ހަރަކާތް ވަނީ ފެށިފައެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ތިލަދުން މަތީގައި ރާޑަރ ސްޓޭޝަނެއް ގާއިމުކޮށްގެން އެ މަސައްކަތް ފެށިހަނދާން ހުންނާނެއެވެ. ތާރީހުން އެގެން އޮންނާނެއެވެ.
އިންޑިއާކަނޑުގެ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ އެއްބަސްވުންތައް ހަދާ ފުޅާދާއިރާއެއްގައި އެމަސައްކަތް ފެށުނީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް ރާއްޖޭގައި އޮތް ހުރިހާ ސަރުކާރަކުން ވެސް އިންޑިއާއާއި އެކު ގިނަގުނަ މަސައްކަތްތައް އައީ ކުރަމުންނެވެ.
ރާއްޖޭގައި އޮތް އިންޑިއާގެ ދެހެލްކޮޕްޓަރާއި ޑޯނިއަރ ބޯޓަކީވެސް އެއްބަސް ވުމާއެއްގޮތަށް އިންޑިއާކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތުގައި ބޭނުން ކުރަން ރާއްޖޭގައި ބެހެއްޓިފައިވާ އިންޑިއާގެ ތަކެއްޗެވެ. އެހެންކަމުން އެތަކެތި އޮޕަރޭޓްކޮށް ބަލަހައްޓާ ހަދަނީވެސް އިންޑިއާއިންނެވެ. ސަރަހައްދު ބެލެހެއްޓުމުގެ އިތުރަށް އެ ހެލްކޮޕްޓަރތައް ހުރުމުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ.
ފުރާނައަށް ނުރައްކާވެގެން ބަލިމީހަކު ކުއްލިއަކަށް އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގައި ހެލްކޮޕްޓަރތައް އޮތުމުން މީހުންގެ ފުރާނަ ސަލާމަތް ކުރެވެއެވެ. މޫސުން ގޯސްވެގެންނާއި އެހެނިހެން ހާދިސާތައް ދިމާވެގެން ކަޑުމަތީގައި ގެއްލޭ މީހުންނާއި އޮޑި ދޯނި ފަހަރު ހޯދުމުގައި އިންތިހާ ދަރަޖައަށް ހެލްކޮޕްޓަރއާއި ޑޯނިއަރ ބޯޓުގެ އެހީތެރިކަން ރައްޔިތުންނަށް ލިބެއެވެ. އެހެނެއްކަމަކު އެތަކެތި ހަމަ ބޭރުކޮށްލަން ވީހެއްޔެވެ.
އަނެއްކޮޅުން ރާއްޖޭގެ މިލިޓަރީ ހޮސްޕިޓާ ކަމުގައިވާ ސެނެހިޔާ ހޮސްޕިޓަލްގައި އިންޑިއާގެ މިލިޓަރީ ޑޮކްޓަރުންނާއި ސްޕެސަލިސްޓުން ދައުރުވާ ގޮތުގައި މަސައްކަތް ކޮށްދެއެވެ. ޔޫޓީއެފްގައި އެމްއެންޑީއެފަށް އިންޑިއާއިން ހިލޭ އަޅާދޭ މިލިޓަރީ ޑޮކްޔާޑާއި ކޯސްޓްގާޑް ބަނދަރު ހެދުމުގެ މަސައްކަތާއި ހަނިމާދުއާއި ކައްދޫގައި އެމްއެންޑީއެފުން ހިންގާ ކަންކަމުގައި އިންޑިއާގެ އަޝްކަރިއްޔާއިން އެމްއެންޑީއެފަށް ބޭނުންވާ އެހީތެރިކަން ދިނުމުގައި މިނިވަންކަމާ ސިޔާދަތަށް ބުރޫއަރާނެ ކުޑަވެސް ކަމެއް ހިނގަނީއެއް ނޫނެވެ.
ރައްޔިތުން ޖަޒްބަތުގައި ޖައްސައިގެން އިންޑިއާ އައުޓު ކުރަން އިންތިހާބު ކުރެވުނު ރައީސް ޑރ. މުއިއްޒަކަށް ވެސް މި ރާއްޖޭން ބާލާނެ އިންޑިއާ ސިފައިންގެ މީހަކު ފެނިވަޑައެއް ނުގަންނަވާނެއެވެ. އެމްއެންޑީއެފަށް ބޭނުންވެގެން ކުރެވޭ މަސައްކަތުގައި އުޅުމަށްފަހު ޑިއުޓީ ބަދަލު ކުރުމުގެ ގޮތުން ރާއްޖޭން ބަޔަކު ފުރާ ދުވަހަކުން އިންޑިއާ ސިފައިން ފުރުވާލާ ކަމުގެ ޑަމީއެއް ޖެއްސެވި ދާނެއެވެ. ހަގީގަތުގައި މި ރާއްޖޭގައި ބާލަންޖެހޭ އިންޑިއާ ސިފައިންގެ މީހަކު ނެތެވެ.